Roadha Mihaaru
ބެޔާނުގައި ކޭން ހުރީ އުފަލަކުން ނޫން: ޓުޗެލް

ބެޔާނުގައި ކޭން ހުރީ އުފަލަކުން ނޫން: ޓުޗެލް

18 ފެބުރުއަރީ 2024

އިނގިރޭސި ކެޕްޓަން ހެރީ ކޭން، ޖަރުމަނުގެ ބެޔާން މިއުނިކުގައި ހުރީ ހިތްހަމަ ޖެހިގެނެއް ނޫން ކަން، ބެޔާންގެ ކޯޗު ތޯމަސް ޓުޗެލް ހާމަ ކޮށްފި އެވެ.

އިނގިރޭސި ކެޕްޓަން ހެރީ ކޭން، ޖަރުމަނުގެ ބެޔާން މިއުނިކުގައި ހުރީ ހިތްހަމަ ޖެހިގެނެއް ނޫން ކަން، ބެޔާންގެ ކޯޗު ތޯމަސް ޓުޗެލް ހާމަ ކޮށްފި އެވެ.

އުމުރުން 30 އަހަރުގެ ފޯވާޑް ވަނީ ޓޮޓެންހަމް ހޮޓްސްޕާ އިން 86.4 މިލިއަން ޕައުންޑްގެ އަގަކަށް މި ސީޒަނުގައި ބެޔާނަށް ބަދަލުވެ، މިހާތަނަށް ކުޅުނު 29 މެޗުން 28 ގޯލު ޖަހައިފަ އެވެ.

ނަމަވެސް އެންމެ ފަހުން އެޓީމު ކުޅުނު ދެ މެޗުގައި ވެސް ކޭން އަށް ލަނޑެއް ނުޖެހުނުތާ ގޯލަށް އަމާޒުކޮށް ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެ އެވެ. އެންމެ ފަހުން ލީގުގައި 3-0 އިން ބެޔާ ލެވަކޫސެން އަތުން ބަލިވި އިރު، ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ލާޒިއޯ އަތުން ބަލިވީ 1-0 އިންނެވެ.

"އޭނާއަށް އެނގޭ އޭނާ އެ ކުރާ ކަންތައް، އޭނާ ގޭމުތަކުގައި ބޭނުން ކުރާ އުސޫލާ ގުޅިގެން ހިތްހަމަ ޖެހިފައެއް ނޫން އޭނާ ހުރީކީ،" ޓުޗެލް ބުންޏެވެ.

"ކަންކަން ދާ ގޮތާ މެދު އަހަރެމެން ވެސް މިތިބީ ހިތްހަމަ ޖެހިގެނެއް ނޫން. ޓްރޭނިންގައި އޭނާ [ކޭން] އަކީ ދެވަނައެއް ނެތްފަދަ ގޯލު ޖަހާ ލީޑަރެއް، އެކަމަކު ރަސްމީ މެޗުތަކުން އެކަން ފެންނަނީ މަދުން. މިފަދަ ހާލަތްތައް އަހަންނަށް ވަނީ މަދުން ނަމަވެސް ތަޖުރިބާ ކުރެވިފަ."

ބެޔާނަކީ ފާއިތުވި 11 ސީޒަނުގައި ޖަރުމަންގެ ލީގު ޗެމްޕިއަނުންނެވެ. ނަމަވެސް މިވަގުތު އެޓީމު އޮތީ ބޮޑު ފަރަގަކުން ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތީ ލެވަކޫސެން އެވެ.

ލެވަކޫސެން ވަނީ ރޭ ރަށުން ބޭރުގައި ހެއިޑެންހެއިމްއާ ވާދަކޮށް 2-1 އިން މޮޅުވެފަ އެވެ. މިއާ އެކު އެޓީމު އެއްވަނައިގައި އޮތީ 22 މެޗުން 58 ޕޮއިންޓް ހޯދައިގެންނެވެ.

ބެޔާން ލީގުގެ ދެވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން ހޯދި 50 ޕޮއިންޓާ އެކު އެވެ. ރަށުން ބޭރުގައި ވީއެފްއެލް ބޯކަމްއާ ދެކޮޅަށް މިރޭ ބެޔާން ނުކުންނާނެ އެވެ.