Roadha Mihaaru
ކޭން ލަނޑެއް ޖެހި، އެކަމަކު ބެޔާން އަނެއްކާވެސް ބަލި

ކޭން ލަނޑެއް ޖެހި، އެކަމަކު ބެޔާން އަނެއްކާ ވެސް ބަލި

19 ފެބުރުއަރީ 2024

ބޯކަމް (ފެބްރުއަރީ 19) - އިނގިރޭސި ކެޕްޓަން ހެރީ ކޭން ގޯލެއް ޖެހި ނަމަވެސް ޖަރުމަން ލީގުގައި ބޯކަމްއާ ދެކޮޅަށް ކުޅުނު މެޗުން ބެޔާން މިއުނިކް 3-2 އިން ބަލިވެއްޖެ އެވެ.

ބޯކަމް (ފެބްރުއަރީ 19) - އިނގިރޭސި ކެޕްޓަން ހެރީ ކޭން ގޯލެއް ޖެހި ނަމަވެސް ޖަރުމަން ލީގުގައި ބޯކަމްއާ ދެކޮޅަށް ކުޅުނު މެޗުން ބެޔާން މިއުނިކް 3-2 އިން ބަލިވެއްޖެ އެވެ.

މިއީ ފާއިތުވި ނުވަ ދުވަސް ތެރޭ ބެޔާން މިއުނިކް ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗެވެ. މިދިޔަ ހަފްތާ ބަންދުގައި ލީގު އެއްވަނައިގައި އޮތް ބެޔާ ލެވަކޫސަން އަތުން 3-0 އިން ބަލިވި އިރު، ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގު ގަދަ 16 ގައި ލާޒިއޯއާ ވާދަކޮށް ބަލިވީ 1-0 އިންނެވެ.

މިއީ 2015 ވަނަ އަހަރަށް ފަހު ބެޔާން މިއުނިކް ޖެހިޖެހިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

ރަށުން ބޭރުގައި ރޭ ބޯކަމް އަތުން ބަލިވުމާ އެކު ބެޔާން ލީގު ދެވަނައިގައި އޮތީ، ލެވަކޫސަން އަށް ވުރެ އަށް ޕޮއިންޓް މަދުންނެވެ. ބެޔާނުން ކުޅުނު 22 މެޗުން 50 ޕޮއިންޓް ލިބިފައި ވާއިރު، ލެވަކޫސަން ވަނީ 58 ޕޮއިންޓް ހޯދައިފަ އެވެ.

ބޯކަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ދެ ހާފުގެ ވެސް ކުރީކޮޅު ސަޕޯޓަރުންގެ ހަމަނުޖެހުންތަކާ ގުޅިގެން ކުޅުން މެދުކަނޑާލަން ޖެހުނެވެ. ފަހު ހާފުގައި ކުޅުން ހުއްޓާލައި ކުޅުންތެރިން ދަނޑުން ވެސް ފޭބި އެވެ.

ފުރަތަމަ ހާފުގައި ކުޅުން މެދުކަނޑާލުމުގެ ކުރިން ބެޔާނުން ލީޑު ނެގީ ޖަމާލް މުސިއާލާ ޖަހައިދިން ގޯލުންނެވެ. ނަމަވެސް ހާފު ނިމެނިކޮށް ޓަކޫމާ އަސާނޯ އާއި ކެވެން ޝްލޮޓާބެކް ޖަހައިދިން ގޯލުތަކުން ބޯކަމް އިން ވަނީ މެޗުގައި ލީޑު ނަގައިފަ އެވެ.

މެޗުގެ 78 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ކެވިން ސްޓޫގާ ވަނީ ބޯކަމް އަށް ލީޑު ފުޅާ ކޮށްދީފަ އެވެ. އޭގެ ނުވަ މިނިޓު ފަހުން ކޭން އޭނާ މި ސީޒަންގައި ލީގުގެ 25 ވަނަ ގޯލު ޖަހައި ބެޔާނަށް ފަރަގު ކުޑަ ކޮށްދިން ނަމަވެސް އެޓީމަށް ސަލާމަތް ވެވޭގޮތެއް ނުވި އެވެ.

ބޯކަމް އަށް ޕެނަލްޓީ ލިބުނީ ޑިފެންޑަރު ޑަޔޯ އުޕަމެކާނޯ ކުރި ކުށަކާ ގުޅިގެންނެވެ. އުޕަމެކާނޯ ކުރި ކުށާ ގުޅިގެން އޭނާ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ލާޒިއޯ އަތުން ބަލިވި މެޗުގައި ވެސް އޭނާ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

ކޭން ޖެހި ގޯލަކީ، ބެޔާން އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ޖެހި ހަމައެކަނި ގޯލެވެ. ކޭން ބެޔާނުގައި ހުރީ އެންމެ ހިތްހަމަ ޖެހިގެން ނޫން ކަމަށް، އެޓީމުގެ ކޯޗު ތޯމަސް ޓުޗެލް ވަނީ މެޗުގެ ކުރިން މީޑީއާތަކާ އެކު ބޭއްވި ބައްދަލުވުމުގައި ހާމަ ކޮށްފަ އެވެ.