Roadha Mihaaru
ޖެހިޖެހިގެން ނުވަ ވަނަފަހަރަށް ބަޔާންއަށް ޗެމްޕިއަން

ޖައްސަޖައްސައިގެން ނުވަ ވަނަ ފަހަރަށް ބަޔާން ލީގު ޗެމްޕިއަންކަން ހޯދައިފި

09 މެއި 2021

މިޔުނިކް (9 މެއި) - ދެ ވަނައިގައި އޮތް ރެޑްބުލް ލައިޕްޒިގަށް، ބްރޫޝިއާ ޑޯޓްމަންޑް އަތުން މޮޅު ނުވެވުމުން، ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް ބުންޑަސް ލީގާގެ ޗެމްޕިއަން ބަޔާން މިޔުނިކް ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިޔުނިކް (9 މެއި) - ދެ ވަނައިގައި އޮތް ރެޑްބުލް ލައިޕްޒިގަށް، ބްރޫޝިއާ ޑޯޓްމަންޑް އަތުން މޮޅު ނުވެވުމުން، ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް ބުންޑަސް ލީގާގެ ޗެމްޕިއަން ބަޔާން މިޔުނިކް ހޯދައިފި އެވެ.

އަންނަ ސީޒަންގައި ބަޔާންގެ ކޯޗު ކަމާ ހަވާލުވާ، ހޫލިއަން ނާގެލްސްމަންގެ މިހާރުގެ ޓީމު ލައިޕްޒިގް، ޑޯޓްމަންޑް އަތުން ބަލިވީ 3-2 އިންނެވެ. ޑޯޓްމަންޑްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ޖޭޑަން ސަންޗޯ އެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ މާކޯ ރޮއިސް އެވެ. ލައިޕްޒިގްގެ ލަނޑުތައް ކާމިޔާބު ކުރީ ލޫކަސް ކްލޯސްޓަމަން އަދި ޑެނިއަލް އޮލްމޯ އެވެ.

ލީގު ޗެމްޕިއަންކަން ނުވަ ވަނަ ފަހަރަށް ކަށަވަރުވި ފަހުން، ބަޔާން އިން ވަނީ ބުރޫޝިއާ މޮންޗެންގްލެޖްބާކު އާ ދެކޮޅަށް ކުޅެން ނުކުމެފަ އެވެ. ލީގު ކަށަވަރުވިޔަސް މެޗު ފަސޭހަކޮށް ނަގާކަށް ބަޔާންގެ ޓީމުން ބޭނުމެއް ނުވި އެވެ. މިއުނިކްގައި ކުޅުނު މެޗު ބަޔާން ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ގްލެޖްބާކު ބަލިކޮށްފަ އެވެ.

ޓީމުގެ ސްޓާ ފޯވަޑް ރޮބަޓް ލެވަންޑޮސްކީ ވަނީ މެޗުގައި ހެޓްރިކް ހަދައިފަ އެވެ. އަނެއް ތިން ލަނޑު ކާމިޔާބު ކުރީ ތޯމަސް މުލާ، ކިންގްސްލީ ކޯމަން އަދި ލިރޮއީ ސަނޭ އެވެ. ބަޔާން އެއް ވަނައިގައި އޮތީ 10 ޕޮއިންޓްގެ ބޮޑު ލީޑަކާ އެކު އެވެ.

ބަޔާން އަށް ލީގުގައި ބާކީ އޮތީ ދެ މެޗެވެ. މިދިޔަ ސީޒަންގައި ތިން ތަށި ހޯދި ކްލަބު މި ސީޒަން ނިންމާލާނީ ހަމައެކަނި ލީގުގެ ޝީލްޑް އެކަނި އުފުލާލައިގެންވެ. ލީގުގައި އެންމެ ފަހުން ކުޅުނު 16 މެޗުގެ ތެރެއިން ބަޔާން ބަލިވީ އެންމެ މެޗަކުންނެވެ.