Roadha Mihaaru
ހޮފެންހައިމް އިން ބަޔާންގެ ރެކޯޑަށް ނިމުން ގެނެސްފި

ހޮފެންހައިމް އިން ބަޔާންގެ މޮޅުވުމުގެ ރެކޯޑަށް ނިމުން ގެނެސްފި

28 ސެޕްޓެމްބަރ 2020

މިއުނިކް (ސެޕްޓެމްބަރު 28) - މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން މޮޅުވުމުގެ ރެކޯޑެއް ދަމަހައްޓަމުން އައި ބަޔާން މިއުނިކް މިރޭ ކުޅުނު މެޗުން 4-1 އިން ހޮފެންހައިމް އަތްދަށުވެ 23 މެޗަށް ފަހު ފުރަތަމަ ފަހަރަށް ބަލިވެއްޖެ އެވެ.

މިއުނިކް (ސެޕްޓެމްބަރު 28) - މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން މޮޅުވުމުގެ ރެކޯޑެއް ދަމަހައްޓަމުން އައި ބަޔާން މިއުނިކް މިރޭ ކުޅުނު މެޗުން 4-1 އިން ހޮފެންހައިމް އަތްދަށުވެ 23 މެޗަށް ފަހު ފުރަތަމަ ފަހަރަށް ބަލިވެއްޖެ އެވެ.

ބަޔާން އެންމެ ފަހުން ބަލިވީ މިދިޔަ ޑިސެމްބަރު މަހު ހަތް ވަނަ ދުވަހު ބޮރޫޝިއާ މުންޗެންގްލަޑްބެކް އަތުން 2-1 އިންނެވެ. އޭގެ ފަހުން ޖަރުމަނު ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގާއި ޖަރުމަނު ކަޕް އަދި ޔުއެފާ ސުޕަ ކަޕް ވެސް ބަޔާނުން އުފާލީ އެ ޓީމުގެ މޮޅުވުމުގެ ސިލްސިލާގެ ތެރެއިންނެވެ. ކޮވިޑް-19ގެ ސަބަބުން އައި ބްރޭކަށް ފަހު ވެސް ބަޔާން އައީ އެއް ލެވަލެއްގައި ހިފަހައްޓަމުންނެވެ.

ފާއިތުވި ނުވަ މަސް ތެރޭ ފުރަތަމަ ފަހަރަށް ބަލިވި މެޗަށް ފަހު ބަޔާން ކޯޗު ހަންސީ ފްލިކް ބުނީ ބުރާސްފަތި ދުވަހުގެރޭ ސެވިއްޔާ ބަލިކޮށް ޔުއެފާ ސުޕަ ކަޕް ކާމިޔާބުކުރި މެޗުގައި 120 މިނިޓް ކުޅެން ޖެހުމުގެ އަސަރު ރޭ މެޗަށް ނުކުރާ ކަމަށެވެ. އަދި ކޮންމެވެސް އެއް ހިސާބަކުން މެޗަކުން ބަލިވާނެކަން މާ ކުރިން ވެސް އެނގޭ ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.

"ދެން އޮތީ މި މެޗު ހަނދާން ނައްތާލާފައި ކުރިއަށް ދިއުން. ކުޅުންތެރިންގެ ޝަކުވާއެއް ނުކުރާނަން. އަހަންނަށް އެނގޭ މޮޅުވާން ކުރެވޭ ވަރުގެ މަސައްކަތެއް މި މެޗުގައި ވެސް އެ ކުޅުންތެރިން ކުރިކަން،" ޖަރުމަނުގެ މޮޅު ކޯޗުގެ މަގާމު އެންމެ ފަހުން ހޯދި ފްލިކް ބުންޏެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ހޮފެންހައިމް އިން ރޭގެ މެޗުގައި ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމުން ލަނޑުތައް ޖެހީ އާމިން ބިކަކިޗް އާއި މުނަސް ޑާބޯ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔޯޝުއާ ކިމިޗް ވަނީ ބަޔާނަށް ލަނޑެއް ޖަހައިދީ އުއްމީދެއް ހޯދައިދީފަ އެވެ. އެހެން ނަމަވެސް ދެ ވަނަ ހާފުގައި ވެސް އެ ޓީމަށް ލަނޑު ޖަހަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ހޮފެންހައިމްގެ ފަހު ދެ ގޯލު ޖެހީ ކްރޮއޭޝިއާގެ ފޯވާޑް އަންދްރޭ ކްރަމަރިޗް އެވެ. ކުރިން ލެސްޓާ ސިޓީ އަށް ކުޅުނު ކްރަމަރިޗް ފުރަތަމަ ގޯލު ޖެހީ 77 ވަނަ މިނިޓްގަ އެވެ. ދެ ވަނަ ގޯލަކީ އިތުރު ވަގުތުގައި ޖެހި ޕެނަލްޓީ އެކެވެ.

ރޭގެ މެޗުން ބަލިވުމާ އެކު ބަޔާންގެ ރެކޯޑަށް ނިމުމެއް އައި ނަމަވެސް އަދިވެސް ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް އޮތީ އެ ޓީމު އަތުގަ އެވެ. ބަޔާންގެ ކުރިން އެ ރެކޯޑް ދަމަހައްޓަމުން އައީ 2014 ވަނަ އަހަރު 22 މެޗުން ޖެހިޖެހިގެން މޮޅުވި ރެއާލް މެޑްރިޑުންނެވެ.

ބަޔާން ބަލިވިއިރު، މި ހަފްތާގައި ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑް ވެސް ވަނީ ބަލިވެފަ އެވެ. ހޮނިހިރު ދުވަހުގެރޭ ޑޯޓްމަންޑް ކުޅުނު މެޗުން ވަނީ 2-0 އޯގްސްބާގް އަތުން ބަލިވެފަ އެވެ. ބަޔާނާއި ލެވަކޫސަން ބުދަ ދުވަހުގެރޭ ޖަރުމަނު ސުޕަ ކަޕް މެޗުގައި ބައްދަލުކުރާނެ އެވެ.