Roadha Mihaaru
ލެވަންޑޯސްކީގެ ހެޓްރިކުން ބަޔާނުން ޑޯޓްމަންޑް ބަލިކޮށްފި

ލެވަންޑޯސްކީގެ ހެޓްރިކުން ބަޔާނުން ޑޯޓްމަންޑް ބަލިކޮށްފި

07 މާޗް 2021

މިއުނިކް (މާޗް 7) - ޖަރުމަނު ލީގުގައި ރޭ ރޮބަޓް ލެވަންޑޯސްކީގެ ހެޓްރިކާ އެކު ބަޔާން މިއުނިކުން ފަހަތުން އަރައި 4-2 އިން ޑޯޓްމަންޑް ބަލިކޮށްފި އެވެ.

މިއުނިކް (މާޗް 7) - ޖަރުމަނު ލީގުގައި ރޭ ރޮބަޓް ލެވަންޑޯސްކީގެ ހެޓްރިކާ އެކު ބަޔާން މިއުނިކުން ފަހަތުން އަރައި 4-2 އިން ޑޯޓްމަންޑް ބަލިކޮށްފި އެވެ.

މި ނަތީޖާއާ އެކު ބަޔާނުން ވަނީ އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ރޭގެ މެޗަށް ބަޔާން ނުކުތްއިރު އެއް ވަނައިގައި އޮތީ ކުރިން ކުޅުނު މެޗުން މޮޅުވި އާރްބީ ލައިޕްޒިގު އެވެ. ބަޔާން އަލުން އެއް ވަނަ އަށް އެރީ 24 މެޗުން 55 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް ލައިޕްޒިގަށް ވަނީ 24 މެޗުން 53 ޕޮއިންޓް ލިބިފަ އެވެ. ޑޯޓްމަންޑް ހަ ވަނައިގައި އޮތީ 24 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ.

ރޭގެ މެޗު ފަށައިގެން ފުރަތަމަ 10 މިނިޓް ތެރޭ ޑޯޓްމަންޑްގެ ހުނަރުވެރި ފޯވާޑް އާލިން ބްރައުޓް ހާލަންޑް ވަނީ ދެ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެވަންޑޯސްކީ ވަނީ ދެ ވަނަ ގޯލު ޖަހައި ބަޔާނަށް އެއްވަރުކޮށްދީފަ އެވެ. ލެވަންޑޯސްކީގެ ދެ ވަނަ ގޯލަކީ އޭރިއާތެރެއިން ކިންގްސްލީ ކޯމަން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން ކާމިޔާބުކުރި ގޯލެކެވެ.

ބަޔާން މޮޅުވި ގޯލުތައް ޖެހީ މެޗުގެ ފަހު ވަގުތުގަ އެވެ. މެޗުގެ 88 ވަނަ މިނިޓްގައި ބަޔާނަށް ފުރަތަމަ ފަހަރަށް ލީޑުނަގައިދިން ގޯލު ޖެހީ ހުނަރުވެރި މިޑްފީލްޑަރު ލެއޯން ގޮރެޓްޒްކާ އެވެ. އިތުރު ވަގުތުގައި މެޗުގެ ތިން ޕޮއިންޓް ބަޔާނަށް ކަށަވަރުކޮށްދިން ގޯލު ޖަހައި ލެވަންޑޯސްކީ އޭނާގެ ހެޓްރިކް ފުރިހަމަކުރި އެވެ.

ރޭގެ ހެޓްރިކާ އެކު ލެވަންޑޯސްކީ މި ފަހަރު ލީގުގައި ޖެހި ގޯލުގެ އަދަދު ވަނީ 31 އަށް އަރައިފަ އެވެ. ލީގުގައި ބާކީ 10 މެޗު އޮތްއިރު، ކުރީގެ ކުޅުންތެރިޔާ ގާޑް މުލާ އެއް ލީގު ސީޒަނެއްގައި 40 ގޯލު ޖަހައިގެން ހަދާފައިވާ ރެކޯޑް މުގުރާލުމުގެ ފުރުސަތު ލެވަންޑޯސްކީ އަށް އޮތީ ހުޅުވިފަ އެވެ.

ބަޔާންގެ ކޯޗު ހަންސީ ފްލިކް ބުނީ މެޗުގެ ކުރީކޮޅުގައި ޑޯޓްމަންޑުން ދެ ގޯލު ޖެހުމުން ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް ކުރިމަތިވި ކަމަށާއި އެކަމަކު މީގެ އެންމެ މުހިއްމު ކަމަކީ ފޯކަސް ގެއްލުވައިނުލައި ޓާގެޓަށް މަސައްކަތްކޮށް މޮޅުވުން ކަން ބަޔާންގެ ކުޅުންތެރިން ސާބިތުކޮށްދީފައިވާ ކަމަށެވެ.