Roadha Mihaaru
ބެޔާނާއި ޑޯޓްމަންޑުގެ ކޯޗުންގެ ފާޑުކިޔުން ޓީމަށް

ބެޔާނާއި ޑޯޓްމަންޑުގެ ކޯޗުންގެ ފާޑުކިޔުން ޓީމަށް

16 އެޕްރީލް 2023

މިއުނިކް (އޭޕްރީލް 16) - ޖަރުމަން ލީގުގައި ބެޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ވެސް ކުޅުނު މެޗު އެއްވަރުވެ، ދެ ޓީމުގެ ކޯޗުން ވެސް އަމިއްލަ ޓީމުގެ ކުޅުމަށް ފާޑު ކިޔައިފި އެވެ.

މިއުނިކް (އޭޕްރީލް 16) - ޖަރުމަން ލީގުގައި ބެޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ވެސް ކުޅުނު މެޗު އެއްވަރުވެ، ދެ ޓީމުގެ ކޯޗުން ވެސް އަމިއްލަ ޓީމުގެ ކުޅުމަށް ފާޑު ކިޔައިފި އެވެ.

ބެޔާނުން އަމިއްލަ ދަނޑުގައި ހޮފެއިންހެމް އާ ދެކޮޅަށް ކުޅެ އެއްވަރުވީ 1-1 އިންނެވެ. އަދި ޑޯޓްމަންޑް ރަށުން ބޭރުގައި ސްޓަޓްގާޑާ ދެކޮޅަށް ކުޅެ ވަނީ 3-3 އިން އެއްވަރު ވެފަ އެވެ.

މި ނަތީޖާއާ އެކު ބެޔާން ލީގުގެ އެއްވަނައިގައި އޮތީ 28 މެޗުން 59 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ޑޯޓްމަންޑް ކުޅުނު 28 މެޗުން ވަނީ 57 ޕޮއިންޓް ހޯދައިފަ އެވެ.

ބެޔާންގެ ބެންޖަމިން ޕަވާޑް ފުރަތަމަ ހާފުގައި ގޯލު ޖަހައިދީފައި ވަނިކޮށް ފަހު ހާފުގައި ހޮފެއިންހަމް އަށް އެއްވަރު ކޮށްދިނީ އަންޑެރޭ ކްރާމަރިޗް އެވެ.

ޑޯޓްމަންޑުން ސަބަސްޓިއެން އަލެއާ އާއި ޑޮންޔެލް މޭލެންގެ ގޯލުތަކުން ފުރަތަމަ ހާފުގައި ލީޑު ނަގައިފައި ވަނިކޮށް ސްޓަޓްގާޑުގެ ޑިފެންޑަރު ކޮންސްޓަންޓީނޯސް މަވްރޯޕަނޯސް އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. އެކަކު މަދުކޮށް ކުޅެގެން ފުރިހަމަ ވަގުތު ހަމަވާން ކުޑަ އިރުކޮޅަކަށް ވެފައި ވަނިކޮށް ސްޓަޓްގާޑުން ދެ ގޯލު ޖަހައި ނަތީޖާ އެއްވަރު ކުރި އެވެ. ލަނޑުތައް ޖަހައިދިނީ ޓަންގީ ކުލިބަލީ އާއި ޖޯޝާ ވަގްނޯމަން އެވެ.

މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި ޖިއޯ ރޭނާ ޑޯޓްނަމްޑަށް ލީޑު ނަގައިދީފައި ވަނިކޮށް އޭގެ ފަސް މިނިޓު ފަހުން ސްޓަޓްގާޑަށް ޕޮއިންޓެއް ހޯދައިދިނީ ސިލަސް ކަޓޮމްޕާ އެމްވުމްޕާ އެވެ.

ބެޔާންގެ ކޯޗުކަމުން ހޫލިއަން ނާގެލްސްމަން ވަކިކުރުމަށް ފަހު މިދިޔަ މަހު އެ މަގާމާ ހަވާލުވި ތޯމަސް ޓުޗެލް އިރުޝާދުދިން ފަސް މެޗުގެ ތެރެއިން އެޓީމު ވަނީ ދެ މެޗުން ބަލިވެފަ އެވެ. މިދިޔަ ހަފްތާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ސިޓީ އަތުން ބަލިވީ 3-0 އިންނެވެ.

"މެޗުގައި ދެއްކި ކުޅުމަށް ބަލާނަަމަ މިއީ ނާކާމިޔާބީއެއް. އަދި މެޗުގައި އަހަރެމެންގެ ކުޅުންތެރިން އަމިއްލަ ނަފްސަށް އެއްވެސް އިތުބާރެއް ނެތް ކަން ސާބިތުވޭ،" ޓުޗެލް ބުންޏެވެ.

"މި މެޗަކީ އަހަރެމެންގެ ފެންވަރު ދައްކާލަން ލިބުނު ފުރުސަތެއް، ކޮންމެ ހާލެއްގައި މޮޅުވާން ޖެހޭ މެޗެއް. އަހަރެމެންގެ ހަކަތަ ދައްކާލައި ދަނޑުގައި ހުޅު ޖަހާލަން ޖެހޭ މެޗެއް އެކަމަކު އެއިން އެއް ކަމެއް ވެސް އަހަރެމެންނަށް ނުވި. [ސިޓީއާ ދެކޮޅަށް ދެވަނަ ލެގުގައި] އަހަރެމެންނަށް ފުރުސަތެއް ނެތެކޭ ނުބުނެވޭނެ، އެކަމަކު [މި ނަތީޖާއިން] މަސައްކަތް ފަސޭހަ ވާނެއެކޭ ވެސް ނުބުނެވޭނެ."

ޑޯޓްމަންޑްގެ ކޯޗު ޓާޒިކް.-- ފޮޓޯ: އޭއެފްޕީ

ޑޯޓްމަންޑްގެ ކޯޗު ޓާޒިކް.-- ފޮޓޯ: އޭއެފްޕީ

ޑޯޓްމަންޑްގެ ކޯޗު އެޑިން ޓާޒިކް ބުނީ ކޫސަނި ކަންކަން މި ސީޒަންގެ މެޗުތަކުން ތަޖުރިބާ ކުރެވިއްޖެ ކަމަށް ހީކުރެވުނަސް ރޭގެ މެޗަކީ އޭގެ ތެރެއިން ވެސް އެއްވަނައިގެ މެޗެއް ކަމަށެވެ.

"މިކަން ތަފްސީލު ކޮށްދޭން އަހަރެންނަށް އުނދަގޫ. އަހަރެން ހީކުރީ މި ސީޒަނުގައި ވަރަށް ބައިވަރު ކޫސަނި ކަންކަން ތަޖުރިބާ ކުރެވިއްޖެ ކަމަށް، އެކަމަކު އޭގެ ތެރެއިން ވެސް މި މެޗުގައި ހިނގާދިޔަ ކަންކަން ފަހަތަށް ޖައްސައެއް ނުލެވޭނެ،" ހިތްހަމަނުޖެހިފައި ހުރެ ކޯޗު ޓާޒިކް ބުންޏެވެ.

"އަހަރެމެންނަށް މިއަދު ވަރަށް މުހިއްމު ފުރުސަތެއް ލިބުނީ [ލީގުގެ އެއްވަނައަށް ޖެހިލަން]، އެކަމަކު ފުރުސަތު ބޭކާރު ކޮށްލީ ޓީމެއްގެ ގޮތުގައި. މިއީ ވަރަށް ހިތާމަވެރި ކަމެއް."

ލީގުގެ ތިންވަނައިގައި އޮތީ 28 މެޗުން 51 ޕޮއިންޓް ހޯދާފައިވާ އާރުބީ ލައިޕްޒިގެވެ. ލައިޕްޒިގުން ވަނީ 3-2 އިން އައުސްބާގު ބަލިކޮށްފަ އެވެ. ހަތަރުވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 51 ޕޮއިންޓް ހޯދާފައިވާ ޔޫނިއަން ބާލިން އެވެ.

ލައިޕްޒިގްގެ ޓިމޯ ވާނާ ވަނީ އައުސްބާގް ކޮޅަށް ދެ ގޯލު ޖަހައި، ޖަރުމަން ބުންޑެސްލިގާ ގައި އޭނާގެ 100 ވަނަ ގޯލު ކާމިޔާބު ކޮށްފަ އެވެ.