Roadha Mihaaru
ހިތްދަތި ގޮތަކަށް ޑޯޓްމަންޑަށް ޗެމްޕިއަންކަން ގެއްލިއްޖެ

ހިތްދަތި ގޮތަކަށް ޑޯޓްމަންޑަށް ލީގު ޗެމްޕިއަންކަން ގެއްލިއްޖެ

27 މެއި 2023

ޖަރުމަނު (މެއި 27) - ލީގު ފަހު މެޗުން މޮޅެއް ހޯދައިގެން ޗެމްޕިއަންކަން ކަށަވަރު ކުރެވެން އޮތް ބޮރޫޝިއާ ޑޯޓްމަންޑް މިރޭ މެއިންޒާ ވާދަކުރި މެޗު 2-2 އިން އެއްވަރުވެ، ހިތްދަތި ގޮތަކަށް ލީގު ގެއްލި، ބެޔާން މިއުނިކުން އަނެއްކާވެސް ޖަރުމަނު ބުންޑެސްލީގާގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ޖަރުމަނު (މެއި 27) - ލީގު ފަހު މެޗުން މޮޅެއް ހޯދައިގެން ޗެމްޕިއަންކަން ކަށަވަރު ކުރެވެން އޮތް ބޮރޫޝިއާ ޑޯޓްމަންޑް މިރޭ މެއިންޒާ ވާދަކުރި މެޗު 2-2 އިން އެއްވަރުވެ، ހިތްދަތި ގޮތަކަށް ލީގު ގެއްލި، ބެޔާން މިއުނިކުން އަނެއްކާވެސް ޖަރުމަނު ބުންޑެސްލީގާގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ލީގު ޗެމްޕިއަންކަން ބެޔާން މިއުނިކް ކަށަވަރުކުރީ ރަށުން ބޭރުގައި އެފްސީ ކޮލޯންއާ ވާދަކުރި މެޗު 2-1 އިން ކާމިޔާބު ކޮށްގެންނެވެ.

ފަހު މެޗަށް ނުކުތްއިރު ޗެމްޕިއަންކަން ކަށަވަރުކުރަން ޑޯޓްމަންޑަށް ބޭނުންވީ މޮޅެކެވެ. އަމިއްލަ ދަނޑުގައި މެއިންޒާ ދެކޮޅަށް ޑޯޓްމަންޑް ނުކުތީ އެ ރޫހުގަ އެވެ. ޑޯޓްމަންޑުގެ ސަޕޯޓަރުންނާ އެކު އެ ޓީމުގެ އިޑޫނާ ޕާކް ސްޓޭޑިއަމް ފުރިފައި އޮތްއިރު ދަނޑު ބޭރުގައި ވެސް އެތައް ހާސް ސަޕޯޓަރުންނެއް ތިއްބެވެ.

ޑޯޓްމަންޑް ކުޅުނު މެޗު ފެށުމުގެ ކުރިން އެޓީމުގެ ސަޕޯޓަރުން އުފާފާޅުކުރުމުގައި.-- ފޮޓޯ: އޭއެފްޕީ

ޑޯޓްމަންޑް ކުޅުނު މެޗު ފެށުމުގެ ކުރިން އެޓީމުގެ ސަޕޯޓަރުން އުފާފާޅުކުރުމުގައި.-- ފޮޓޯ: އޭއެފްޕީ

ލީގު ނިމުނުއިރު ބެޔާން އަށް 71 ޕޮއިންޓް ލިބުނުއިރު ޑޯޓްމަންޑް ނިންމާލީ 70 ޕޮއިންޓުގަ އެވެ.

ޑޯޓްމަންޑަށް އެންމެ ފަހުން ޖަރުމަނު ލީގު ލިބުނީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން ތައްޓާ އެންމެ ގާތަށް ޖެހިލީ މި ފަހަރު އެވެ.

ޑޯޓްމަންޑް އަތުން ލީގު ދޫވުމުން ބެޔާން އަށް ވަނީ ޖެހިޖެހިގެން 11 ވަނަ ސީޒަނުގައި ޗެމްޕިއަންކަން ލިބިފަ އެވެ. މިއީ ޖަރުމަނުގެ އެންމެ ކާމިޔާބު ޓީމު ބެޔާން ލީގުގެ ޗެމްޕިއަންކަން ހޯދި 33 ވަނަ ފަހަރެވެ.

މިރޭގެ މެޗަށް ނުކުތްއިރު ޑޯޓްމަންޑަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ކަކުލުގެ އަނިޔާއަކާ ގުޅިގެން ޒުވާން ތަރި ޖޫޑް ބެލިންހަމް އަށް ނުކުޅެވުމެވެ.

ލީގު ގެއްލުނު މެޗަށް ފަހު ޑޯޓްމަންޑުގެ ކުޅުންތެރިން މާޔޫސްވެފައި.-- ފޮޓޯ: އޭއެފްޕީ

ލީގު ގެއްލުނު މެޗަށް ފަހު ޑޯޓްމަންޑުގެ ކުޅުންތެރިން މާޔޫސްވެފައި.-- ފޮޓޯ: އޭއެފްޕީ

މެޗު ފަށައިގެން ކުރީކޮޅު ޑޯޓްމަންޑް ރަނގަޅަށް ކުޅެމުން އަންނަނިކޮށް 15 ވަނަ މިނިޓުގައި މެއިންޒްގެ އަންދްރައެސް ހަންޗޭ-އޮލްސެން، އެ ޓީމަށް ލީޑު ނަގައިދިނެވެ. އޭގެ ހަތަރު މިނިޓު ފަހުން ޑޯޓްމަންޑަށް ލިބުނު ޕެނަލްޓީއެއް ފޯވާޑް، ސެބަސްޓިއަން އަލެއާ ފޮނުވައި ލުމުން މެއިންޒްގެ ގޯލްކީޕަރު ފިން ދަހްމެން މަތަކުރި އެވެ. އެ ރަނުގެ ފުރުސަތު ބޭކާރުވިތާ ފަސް މިނިޓް ފަހުން ފެނުނީ މެއިންޒްގެ ކަރީމް އޮނިސީވޯ އެ ޓީމަށް ދެ ވަނަ ގޯލު ޖެހި ތަނެވެ.

ދެ ގޯލު ފަހަތުގައި އޮތުމުން، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑޯޓްމަންޑުން ކެޕްޓަން މާކޯ ރެއުސް ކުޅެން އެރުވި އެވެ.

ދެ ވަނަ ހާފު ގިނަ ހަމަލާތަކެއް އުފައްދަމުން ގޮސް ޑޯޓްމަންޑަށް އުއްމީދެއް ލިބުނީ 69 ވަނަ މިނިޓުގައި ރަފައެލް ގަރޭރޯ ޖެހި ގޯލުންނެވެ. އެ ގޯލަށް ފަހު ނަތީޖާ ހަމަހަމަކުރަން ރެއުސް އަށް ރަނުގެ ފުރުސަތުގައި ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

ސޫލޭ (ކ) ގޯލު ޖެހުމަށް ފަހު ޖިއޯ ރޭނާ (ވ) އާއެކު.-- ފޮޓޯ: އޭއެފްޕީ

ސޫލޭ (ކ) ގޯލު ޖެހުމަށް ފަހު ޖިއޯ ރޭނާ (ވ) އާއެކު.-- ފޮޓޯ: އޭއެފްޕީ

ޑޯޓްމަންޑް ބަލިވާން ދަނިކޮށް ފަހު ވަގުތު އަލެއާ ޖެހި ގޯލެއް އޮފްސައިޑް ވުމުން ރެފްރީ އެ ގޯލް ކެންސަލްކުރި އެވެ. ޑޯޓްމަންޑް އެއްވަރު ކުރި ގޯލް އިތުރު ވަގުތުގެ ހަ ވަނަ މިނިޓުގައި ޖެހީ ޑިފެންޑަރު، ނިކްލަސް ސޫލޭ އެވެ.

ބެޔާން އިން ކޮލޯން ބަލިކުރި މެޗުގެ ފުރަތަމަ ގޯލް 8 ވަނަ މިނިޓުގައި ޖެހީ ކިންގްލްސީ ކޯމަން އެވެ. ހަނި ގޮތަކަށް ބެޔާން މޮޅުވާން ދަނިކޮށް ކޮލޯން އަށް ލިބުނު ޕެނަލްޓީއަކުން 81 ވަނަ މިނެޓުގައި ޑެޔާން ޔުބިސިޗް ނަތީޖާ ހަމަހަމަކުރި އެވެ.

ބެޔާން ކޮޅަށް ކޮލޯން އިން ގޯލު ޖެހުމުން ޕޮއިންޓުގެ ގޮތުން ޑޯޓްމަންޑް އެ ވަގުތު އަލުން އެއް ވަނަ އަށް އެރި އެވެ. ބެޔާން އަތުން ލީގު ޗެމްޕިއަންކަން ގެއްލެން ދަނިކޮށް އެ ޓީމު މޮޅުވި ގޯލު 89 ވަނަ މިނިޓުގައި ޖެހީ ޖަމާލް މުސިއަލާ އެވެ. ޖަރުމަނުގެ ޒުވާން މިޑްފީލްޑަރު ކުޅެން އެރީ 85 ވަނަ މިނިޓުގަ އެވެ.

މުސިއާލާ ބެޔާނަށް ލީގު ހޯދައިދިން ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މުސިއާލާ ބެޔާނަށް ލީގު ހޯދައިދިން ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލީޑު ނެގުމަށް ފަހު، ބެޔާނުން ވަނީ ޑޯޓްމަންޑް މެޗު ނިމެންދެން އިންތިޒާރުކޮށްފަ އެވެ. ފަހު ވަގުތު ޗެމްޕިއަންކަން ކަށަވަރުވުމުން ބެޔާންގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅު ކޮށްފަ އެވެ.

ޖަރުމަނު ލީގުން ޗެމްޕިއަންސް ލީގުގެ ޖާގަ ބެޔާން އާއި ޑޯޓްމަންޑުގެ އިތުރުން ކަށަވަރުކުރީ އާރުބީ ލައިޕްޒިގާއި ޔޫނިއަން ބާލިން އެވެ. ފްރެއިބާގް ފަހު ވަގުތު ޔޫއެފާ ޔޫރޮޕާ ލީގަށް ވެއްޓުނުއިރު ޔޫއެފާ ކޮންފަރެންސް ލީގުން ފުރުސަތު ލިބުނީ ބެޔާން ލެވަކޫސެން އަށެވެ. ލީގުން ރެލިގޭޓްވީ ހާތާ ބާލިން އާއި ޝާލްކޭ އެވެ. ވީއެފްބީ ސްޓަޓްގާޑް ޖެހުނީ ރެލިގޭޝަން ޕްލޭއޮފް ކުޅޭށެވެ.