Roadha Mihaaru
ބަޔާނަށް އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް

ބަޔާނަށް އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް

06 ފެބުރުއަރީ 2021

ބާލިން (ފެބްރުއަރީ 6) - ޖަރުމަނު ލީގުގައި ރޭ ހާތާ ބާލިން އަތުން 1-0 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން 10 ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

ބާލިން (ފެބްރުއަރީ 6) - ޖަރުމަނު ލީގުގައި ރޭ ހާތާ ބާލިން އަތުން 1-0 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން 10 ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

ބަޔާން އެއް ވަނައިގައި އޮތީ 20 މެޗުން 48 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އާރްބީ ލައިޕްޒިގަށް ލިބިފައިވަނީ 19 މެޗުން 38 ޕޮއިންޓެވެ. ރަށުންބޭރުގައި މިރޭ ޝާލްކާއާ ދެކޮޅަށް ކުޅޭ މެޗުން ލައިޕްޒިގު މޮޅުވެއްޖެނަމަ އެއް ވަނައިގައި ބަޔާންގެ ލީޑު ހަތް ޕޮއިންޓަށް ކުޑަވާނެ އެވެ.

ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅުގައި ލީޑުނަގަން ބަޔާނަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ނުހިފުނެވެ. ބަޔާންގެ ލެރޯއި ސާނޭ އަށް އޭރިއާތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެ ޓީމުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އަށް ކާމިޔާބެއް ނުކުރެވުނެވެ. މިދިިޔަ އަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލެވަންޑޯސްކީ ފޮނުވާލި ޕެނަލްޓީ ހާތާގެ ކީޕަރު ރޫން ޖާސްޓެއިން ވަނީ މަތަކޮށްފަ އެވެ.

މެޗުގައި ބަޔާނުން ކާމިޔާބުކުރި ހަމައެކަނި ގޯލު 21 ވަނަ މިނިޓްގައި ޖެހީ ފްރާންސްގެ ވިންގް ކިންގްސްލީ ކޯމަން އެވެ. ކޯމަން ޖެހި ބޯޅަ ގޯލަށް ވަނީ ހާތާގެ ނިކްލަސް ސްޓާކް ފައިގައި ޖެހިފައި ގޮހެވެ. އިތުރު ލަނޑެއް ޖަހަން ބަޔާނުން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ރޭގެ މެޗަށް ފަހު ބަޔާން ދެން ނުކުންނާނީ ފީފާ ކްލަބް ވޯލްޑް ކަޕްގެ މެޗުތަކަށެވެ. ހޯމަ ދުވަހު ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ބަޔާން ނުކުންނާނީ މިސްރުގެ އަލް އަހްލީއާ ދެކޮޅަށެވެ. އެ މެޗުން ބަޔާން މޮޅުވެއްޖެނަމަ ފައިނަލުގައި ކުޅެން ޖެހޭނީ ބްރެޒިލްގެ ޕަލްމެއިރަސް ނޫނީ މެކްސިކޯގެ ޓިގްރެސްއާ ދެކޮޅަށެވެ. ގަތަރުގައި ކުރިއަށްދާ މި މުބާރާތުގެ ޗެމްޕިއަންކަން ބަޔާނުން ހޯދައިފިނަމަ އެ ޓީމަށް ފާއިތުވި ނުވަ މަސް ތެރޭގައި ހަ ވަނަ ތަށި އުފުލާލެވޭނެ އެވެ.