Roadha Mihaaru
ރާއްޖެ ދުނިޔޭގެ ރިޔާސަތުގައި، ތާރީހީ ސޮފްހާތަކަކަށް

ދުނިޔޭގެ ރިޔާސަތުގައި ރާއްޖެ، ދެން އޮތީ ތާރީހީ ސޮފުހާތަކެއް

15 ސެޕްޓެމްބަރ 2021

ދުނިޔޭގެ 191 ގައުމު ހިމެނޭ އދ. ގެ ރިޔާސަތާ ރާއްޖެއިން ހަވާލުވުމަށް ފަހު، ހަތް ބިލިއަން މީހުންނާ މުހާތަބު ކުރައްވައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ވަރަށް ފަހުރުވެރިކަމާ އެކު ދިވެހި ބަހުން ވިދާޅުވި އެވެ؛

މޫސާ ރަޝީދު މޫސާ ރަޝީދު

ދުނިޔޭގެ 191 ގައުމު ހިމެނޭ އދ. ގެ ރިޔާސަތާ ރާއްޖެއިން ހަވާލުވުމަށް ފަހު، ހަތް ބިލިއަން މީހުންނާ މުހާތަބު ކުރައްވައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ވަރަށް ފަހުރުވެރިކަމާ އެކު ދިވެހި ބަހުން ވިދާޅުވި އެވެ؛

"ދިވެހިރާއްޖޭގެ ފެއްސާއި ރަތާއި ހުދުގެ ފަހުރުވެރި ދިދަ ވިހުރުވެމުން މިދަނީ ބައިނަލްއަގުވާމީ އެންމެ އުސް ކުރިބޯށީގައި... ދިވެހި ރައްޔިތުންގެ ހިތްވަރުގަދަ ގުރުބާނީގެ ސަބަބުން މިއަދު ދިވެހި ދައުލަތުގެ ނަން ވިދަމުން މިދަނީ ބައިނަލްއަގުވާމީ އުދަރެހުގެ އެންމެ އުހުގައި."

އެމެރިކާގެ ނިއުޔޯކްގައި، "ދުނިޔޭގެ ރިޔާސަތަށް" ރާއްޖެ އިންތިހާބުވުމަށް ފަހު، ރޭ އެ މަގާމާ ހަވާލުވެވަޑައިގަތް ވަގުތުކޮޅަކީ ވަރަށް ހާއްސަ އަދި ތާރީހީ ވަގުތުކޮޅެކެވެ. ދުނިޔޭގެ ކުދި އަދި އެންމެ ބޮޑެތި ގައުމުތަކަށް ވެސް ދާންވީ މަގު ދައްކައި، މައްސަލަތަކާއި ކާރިސާތަކުން އަރައިގަތުމުގައި އެންމެ އިސް ދައުރެއް އަދާ ކުރުމުގެ ޝަރަފު ލިބުނު ވަގުތުކޮޅެވެ.

އދ. ގެ ރިޔާސަތާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ހަވާލުވެ ވަޑައިގަންނަވަނީ -- ފޮޓޯ/އދ.

އދ. ގެ ރިޔާސަތާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ހަވާލުވެ ވަޑައިގަންނަވަނީ -- ފޮޓޯ/އދ.

"ހަތް ބިލިއަން މީހުންގެ މެދުގައި ބަދަލު ނުވެ އޮތް އެއްޗަކީ އިންސާނިއްޔަތު ކަން. އަދި އުންމީދު. މިއީ އދ. ގެ އަމަލުތައް ހުންނަން ޖެހޭ ގޮތް. އަޅުގަނޑުގެ ފަހަތުގައި ތިބި ހަތް ބިލިއަން މީހުންނަށް އެ ކަންތައްތައް ދައްކަ ދޭން ޖެހޭނެ،" މުޅި ދުނިޔެއާ މުހާތަބު ކުރައްވައި ޝާހިދު ވިދާޅުވި އެވެ.

އދ. ގެ މެންބަރު 191 ގައުމުގެ ތެރެއިން 143 ގައުމެއްގެ ތާއީދާ އެކު އެ މަގާމަށް އިންތިހާބު ވެވަޑައިގަތުމަށް ފަހު ޝާހިދު ވަނީ މިއީ ހަމައެކަނި ރާއްޖެ އަށް ލިބޭ ފަހުރެއްގެ އިތުރުން ގިނަ ފައިދާތަކަކާއި ދޮރުތަކެއް ހުޅުވިގެންދާނެ ފުރުސަތެއް ކަން ވެސް ފާހަގަ ކުރައްވައިފަ އެވެ.

އެ މަގާމުގެ ސަބަބުން ރާއްޖެ އަށް ކުރާނެ ފައިދާތަކާ ގުޅޭ ގޮތުން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ހާއްސަ ރެޕެޓުއާ ޑރ. އަހްމަދު ޝަހީދު ވިދާޅުވި ގޮތުގައި މިއީ ރާއްޖެއިން "ބޭނުން ކުރަން ކެރުނު ވަރަކަށް ފައިދާ ކުރާނެ" ވަރުގެ މަގާމެކެވެ. އަދި އެ މަގާމާ ޝާހިދު ހަވާލުވެވަޑައިގަތުމުން އޭގެ އެންމެ ފުރިހަމަ ފައިދާ ރާއްޖެ އަަށް ކުރާނެ ކަމާ ދޭތެރޭ އޭނާގެ ޝައްކެއް ނެތެވެ.

މަގާމުގެ ސަބަބުން ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ޝާހިދަށް އަދި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ވެސް ނެޓްވޯކެއް ބިލްޑުކޮށް މީގެ ކުރިން ގުޅުން ގާއިމް ނުކޮށް ހުރި ގައުމުތަކާ ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ޝަހީދު ވިދާޅުވި އެވެ.

ޝާހިދަކީ މި ސަރުކާރުގެ އެންމެ ގާބިލު ވަޒީރު ކަމަށް ޝަހީދު ވިދާޅުވި އެވެ. އަދި އދ. ގެ ރިޔާސަތާ އޭނާ ހަވާލުވެވަޑައިގަތުމުން ރައީސަށާއި އެހެން ވަޒީރުންނަށް ވެސް ފުރުސަތުތައް ތަނަވަސްވެގެން ދާނެ ކަމަށް ޝަހީދު ވިދާޅުވި އެވެ. އެގޮތުން އެކި ދާއިރާތަކުން ކުރި އެރުމަށް ބޭނުންވާ އެހީތައް ހޯދުމުގައި އެތައް ދޮރެއް ހުޅުވިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރިޔަށް އޮތް އަހަރުގެ ތެރޭގައި ރާއްޖެއިން ބޮޑު ކަމަކާ ކުރިމަތިލާން ޖެހިއްޖެ ނަމަ ރާއްޖެއިން އެހީވާނެ ފަރާތަކަށް ގުޅުމުގެ ފުރުސަތު އޮންނާނެ. ރާއްޖެއަށް ބޮޑު އެޝުއަރެންސެއް ލިބިގެންދާނެ. ފަސޭހައިން އެހީތައް ދިވެހިންނަށް ލިބޭނެ،" ޝަހީދު ވިދާޅުވި އެވެ.

އދ. ގެ ރިޔާސަތާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަވާލުވެ ވަޑައިގަތުމަށް ފަހު ވާހަކަ ދައްކަވަނީ-- ފޮޓޯ/ އދ.

އދ. ގެ ރިޔާސަތާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަވާލުވެ ވަޑައިގަތުމަށް ފަހު ވާހަކަ ދައްކަވަނީ-- ފޮޓޯ/ އދ.

ޝާހިދު އެ މަގާމުގައި ހުންނެވުމުގެ ސަބަބުން ރާއްޖޭގެ އިތުރުން އދ. އަށް ވެސް ގިނަ ފައިދާތަކެއް ވާނެ ކަމަށް ޝަހީދު ވިދާޅުވި އެވެ. ސަބަބަކީ ރާއްޖެއިން އެ މަސައްކަތުގައި ފައި ނުނެގި ނަމަ އެ މަގާމުގައި ލިބޭނީ އަފްގާނިސްތާނަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު އަފްގާނިސްތާނުގެ ވެރިކަން ބަދަލުކޮށް، ތާލިބާނުން ވެރިކަން ކުރާތީ އެ ގައުމު އިންތިހާބުވި ނަމަ އދ. އޮންނާނީ ހާސް ކަމެއްގެ ތެރޭގައި ކަމަށް ޝަހީދު ވިދާޅުވި އެވެ.

"އެހެންވެ މިހާރުން މިހާރަށް ވެސް ރާއްޖޭގެ ސަބަބުން ދުނިޔެ އަށް ފައިދާކޮށްފި،" ޝަހީދު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖެއަކީ ވަކި ފަރާތަކަށް ނުޖެހޭ ގައުމަކަށް ވާތީ ބޮޑެތި ބާރުތަކުގެ ފިއްތުންތަކުން އެކަހެރިވުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ޝަހީދު ވިދާޅުވި އެވެ. އެހެންވެ ރާއްޖެ އާއި އދ. އަށް ވެސް އޭގެން ގިނަ ފައިދާތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ މިވަރުގެ މަގާމެއް ރާއްޖެ އިން އަދާ މި ކުރަނީ ފުރަތަމަ ފަހަރަށެވެ. މިއީ ދިވެހިންނަށް ވެސް، އަދި ރާއްޖެ އަށް ވެސް ލިބުނު އެންމެ ބޮޑު ޝަރަފެވެ. ކުރިއަށް އޮތް އަހަރެއްހާ ދުވަސް ވެގެން ދާނީ ރާއްޖޭ ދުނިޔޭގައި އިސްވެ ބަސް އިއްވާ ގައުމަށެވެ.