Roadha Mihaaru
އދ.ގެ ރިޔާސަތުގައި ޝާހިދުގެ ދައުރު ހަމަވެއްޖެ

އދ.ގެ ރިޔާސަތުގައި ޝާހިދުގެ ދައުރު ހަމަވެއްޖެ

12 ސެޕްޓެމްބަރ 2022

ދުނިޔޭގައި އެންމެ ބާރުގަދަ އެއް ލީޑަރުގެ ގޮތުގައި، އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ރައީސް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުރު މިއަދަށް ހަމަވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދުނިޔޭގައި އެންމެ ބާރުގަދަ އެއް ލީޑަރުގެ ގޮތުގައި، އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ރައީސް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުރު މިއަދަށް ހަމަވެއްޖެ އެވެ.

ރާއްޖެ އަށް ވަރަށް ބޮޑު ކާމިޔާބީއަކާއި ޝަރަފެއް ލިބުނު އެ މަގާމުގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ. އދ، ގެ ރައީސްކަމުގައި ޝާހިދު ފުރަތަމަ ރިޔާސަތު ބެލެހެއްޓެވީ ސެޕްޓެމްބަރު 14، 2021 ގަ އެވެ.

ގިނަ ގައުމުތަކެއް ތަމްސީލްވާ ޔޫއެންގެ ރިޔާސަތަށް މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެ ހޮވުނީ އެ އަހަރު ނެގި ވޯޓުގަ އެވެ. މެމްބަރު 193 ގައުމަކަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު ޝާހިދު ރައީސަކަށް ހޮވަން 143 ގައުމަކުން ތާއީދުކުރި އެވެ.

ޝާހިދުއާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ރަލްމައި ރަސޫލް އެވެ. އޭނާ އަށް ލިބިވަޑައިގަތީ 48 ވޯޓެވެ.

ރާއްޖެ އިން އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ވާދަކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގެ ދަށުން، ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުން ބަދަހިކުރުމުގެ މަސައްކަތުގެ ބައެއްގެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ، ޝާހިދުގެ ރިޔާސަތުގައި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ބައިނަލްއަގުވާމީ ދުނިޔެ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކާއި މިންތީގެ ހަމަހަމަކަމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރެވި ރާއްޖެއަށް ފައިދާކުރާނެ ދޮރުތަކެއް ހުޅުވިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މަގާމާ ހަވާލުވެވަޑައިގެން ޝާހިދު ވިދާޅުވެފައި ވަނީ ކުޑަ ގައުމެއްގެ ގޮތުގައި އޮތް ރާއްޖެ އދގެ ރިޔާސަތުގައި ހޭދަކުރާ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ވަރަށް ގިނަ ފުރުސަތުތައް ލިބި ވަރަށް ބޮޑަށް ދުނިޔޭގެ ގައުމުތަކުގެ ސަމާލުކަން ލިބޭނެ ކަމަށެވެ.

ކޮވިޑުގެ ނުރައްކަލުން ރާއްޖެ އަރައިގަތުމަށް މަސައްކަތްކުރަމުން ދިޔައިރު، ރާއްޖެއަށް އަދި އދ.ގެ ގައުމުތަކަށް އެހީ ހޯއްދެވުމަށް ޝާހިދު މަސައްކަތްތަކެއް ކުރެއްވި އެވެ.

ރާއްޖެއިން އދ.ގެ ރިޔާސަތު ކާމިޔާބުކުރަން ގައުމުތަކުގެ ތާއީދު ހޯދަން ކެމްޕެއިނެއް ކުރި އެވެ. އެ ކެމްޕޭނުގެ ހަރަދަށް ދައުލަތުގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ކަނޑައެޅި އެވެ.