Roadha Mihaaru
ޝާހިދުގެ ވައުދުތައް ފުއްދަން އެއްބާރުލުން ދޭނަން: ރައީސް

ޝާހިދުގެ ވައުދުތައް ފުއްދުމަށް ރާއްޖެއިން ފުރިހަމަ އެއްބާރުލުން ލިބޭނެ: ރައީސް

06 އޮކްޓޯބަރ 2021

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ވައުދުތައް ފުއްދުމަށްޓަކައި ރާއްޖެ އިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ވައުދުތައް ފުއްދުމަށްޓަކައި ރާއްޖެ އިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ރާއްޖެ އަށް ފުރަތަމަ ކުރައްވާ ރަސްމީ ދަތުރުގައި މިއަދު ހެނދުނު ވަޑައިގެން ރައީސް އޮފީހުގައި ބޭއްވެވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރާއްޖެ އާއި އދ. އާ ދެމެދު ގުޅުން ބަދަހިކޮށް، އެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމާ ގުޅޭގޮތުން ދެ ބޭފުޅުންގެ މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި އިންސާނީ ހައްގުތައް ނެގެހެއްޓުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކު ރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

"ޕީޖީއޭގެ ވައުދުތައް ފުއްދުމަށްޓަކައި ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. އަދި މަނިކުފާނުގެ އުއްމީދުގެ ރިޔާސަތަށް ފުރިހަމަ ކާމިޔާބީ އަށް އެދެން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، ޒަމާނަށް އަންނަ ބަދަލާއެކު އދ. ގެ އެކިއެކި މުއައްސަސާތަކުގެ މަސައްކަތްތައް އިސްލާހު ކުރުމަކީ އަބަދުވެސް މުހިއްމު ކަމެއް ކަމަށެވެ. އެހެންވެ، އދ. އިސްލާހު ކުރުމުގެ މަސައްކަތްތައް ޝާހިދުގެ ޒައާމަތުގައި އިތުރަށް ހަލުވި ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ އާންމު މަޖިލީހުގެ ރައީސް ޝާހިދު މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ އާންމު މަޖިލީހުގެ ރައީސް ޝާހިދު މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

"ހާއްސަ ގޮތެއްގައި އދ. ގެ އާންމު މަޖިލީހާއި ސަލާމަތީ މަޖިލިސް އިސްލާހު ކުރުމުގައި ކުރިއެރުމެއް ލިބުމަކީ މުހިއްމު ކަމެއް ކަމުގައި ފާހަގަކުރަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ޝާހިދާއެކު ބޭއްވެވި މަޝްވަރާތަކުގައި، ރާއްޖެ އިން ބައިނަލްއަގްވާމީ މައިދާނުގައި އިސްކަންދޭ ކަންކަމާ ގުޅޭ ގޮތުން ވެސް ވާހަކަ ދެއްކެވި ކަމަށެވެ. އޭގެ ތެރޭގައި ކޮވިޑްގެ ބަލިމަޑުކަމުގައި އދ. އިން އަދާކުރި ދައުރާއި ހުރިހާ ގައުމުތަކަށް ހަމަހަމަކަމާ އެކު ވެކްސިން ފޯރުކޮށްދޭން ކުރާ މަސައްކަތް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެ ފަދަ ކުދި ގައުމުތަކަށް ކުރިމަތިވާ ނުރައްކަލުން އަރައިގަތުމަށް ހުރިހާ ގައުމުތައް ޝާމިލުވާ ގޮތަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ކޮވިޑާ އެކު އިގްތިސޯދީ ގޮތުން ދަތިވި މި ދަނޑިވަޅުގައި ކުދި ގައުމުތަކުގެ ދަރަނިތަކަށް ލުޔެއް ހޯދައިދިނުމަށް އދ. ގެ އާންމު މަޖިލީހުގެ ދައުރުގެ މުހިއްމު ކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ޝާހިދާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބޭއްވެވި ޖޮއިންޓް ޕްރެންސް ކޮންފަރެެންސްގައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ފަޔާޒް މޫސާ

އދ. ގެ އާންމު މަޖިލީހުގެ ރައީސް ޝާހިދާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބޭއްވެވި ޖޮއިންޓް ޕްރެންސް ކޮންފަރެެންސްގައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ފަޔާޒް މޫސާ

ރައީސްގެ ވާހަކަފުޅުގައި ވަނީ ކޮވިޑް ފެތުރެން ފެށުމާ އެކު އދ. އިން ރާއްޖެ އަށް ވެ ދިން އެހީތެރިކަން ވެސް ފާހަގަކުރައްވައިފަ އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނާއި އަންހެންކުދިން ތަހައްމަލުކުރަމުންދާ އަނިޔާތަކާއި ނާއިންސާފުން އަރައިގަތުމަށް އެ މީހުން ބާރުވެރިކޮށް، މިންތީގެ ހަމަހަމަކަން ގާއިމުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެކަން ހާސިލުވާނެ ގޮތަށް ޕީޖީއޭގެ ސެކްޓޭރިއޭޓް އެކުލަވާލާފައިވާތީ އެކަން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަކުރެއްވި އެވެ.

ޝާހިދުގެ ރިޔާސަތުގެ ދަށުން ޒުވާނުން ބައިވެރިކޮށް، ޒިންމާދާރުކުރުމަށް ކުރާ މަސައްކަތަށް އަލިއަޅުވާލައްވައި އަދި ރާއްޖޭގެ ޒުވާނުންނަށް ފުރުސަތުތައް ފަހިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މަނިކުފާނު އިއުލާނު ކުރައްވާފައިވާ ފެލޯޝޮޕްގެ ދަށުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ފޮރިން ސާވިސް އަދި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ފުރުސަތު ހުޅުވިގެން ދިއުމަކީ ޒުވާނުންގެ ކުރިމަގު އުޖާލާވެ އެ ކުދިންގެ މުސްތަގުބަލު އުޖާލާވެގެންދާނެ ކަމެއް،" ޝާހިދަށް ތައުރީފު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު މިއަދު ރާއްޖެ ވަޑައިގަތުމުން މާލެ އިން ގާޑް އޮފް އޮނާއެއް އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު މިއަދު ރާއްޖެ ވަޑައިގަތުމުން މާލެ އިން ގާޑް އޮފް އޮނާއެއް އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް

"ހާއްސަކޮށް ރާއްޖޭގެ ޒުވާނުންނަށް އދ. ގެ އޮފީސްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން."

އދ. ގެ މެމްބަރަކަށް ރާއްޖެވީ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ރާއްޖެ އިން ކުދި ގައުމުތަކުގެ ހައްގުގައި ވަކާލަތު ކުރަމުން އަންނަ ގައުމެއް ކަމުން، ޝާހިދުގެ ރައީސްކަމުގެ ދަށުން އެކަން އެގޮތުގައި ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.