Roadha Mihaaru
ރައީސާއި ޝާހިދު ބައްދަލުކުރައްވައިފި

ރައީސާއި ޝާހިދު ބައްދަލުކުރައްވައިފި، ރާއްޖެ އަށް ރަސްމީ ދަތުރެއް ކުރައްވަން ދައުވަތު ދެއްވި

21 ސެޕްޓެމްބަރ 2021

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ރަސްމީކޮށް އިއްޔެ ބައްދަލުރައްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ރަސްމީކޮށް އިއްޔެ ބައްދަލުރައްވައިފި އެވެ.

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާ އަށް އެމެރިކާގެ ނިއު ޔޯކަށް ވަޑައިގެން އުޅުއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޝާހިދާ ބައްދަލުކުރައްވައި ވަނީ އދ. ގެ ރައީސަކަށް ޝާހިދު އިންތިހާބުވުމުން މަރުހަބާ ދަންނަވައިފަ އެވެ.

މިއީ އދ. ގެ ރައީސްގެ މަގާމު ދިވެއްސަކު އަދާކުރައްވާ ފުރަތަމަ ފަހަރު ކަމަށް ވުމުން، ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދަތުރުފުޅު ވެސް ވަނީ ވަކިން ހާއްސަ ވެފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާ އަށް މި ފަހަރު ވަޑައިގަތުމުން ރަސްމީކޮށް މަރުހަބާ ދެންނެވީ ވެސް އދ. ގެ ރައީސްގެ ހައިސިއްޔަތުން ޝާހިދެވެ. އަދި ޝާހިދު ވަނީ ރައީސަށް ރަސްމީ ފަރިއްކޮޅެއް ވެސް ދެއްވައިފަ އެވެ.

ނިއު ޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގަައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޝާހިދު ބޭއްވެވި ބައްދަލުވުމުގައި ވަނީ ޝާހިދުގެ "އުންމީދީ ރިޔާސަތު" ގައިވާ "ފައިވް ރޭސް އޮފް ހޯޕް" ގެ ކަންކަން ހާސިލު ކުރުމުގައި ކާމިޔާބީ އަށް އެދިވަޑައިގެންފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގެ ރައީސް ޝާހިދު އިއްޔެ ފޮޓޯއަކަށް ހުއްޓި ވަޑައިގެން.---ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގެ ރައީސް ޝާހިދު އިއްޔެ ފޮޓޯއަކަށް ހުއްޓި ވަޑައިގެން.---ފޮޓޯ: ރައީސް އޮފީސް

ޝާހިދު ވަނީ ޑިސެމްބަރު 2022 ނިޔަލަށް ދުނިޔޭގެ އާބާދީ އަށް ކޮވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ޖަހައި ނިންމުމަށް އަމާޒު ހިފައި އަދި ތިމާވެއްޓަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވުމާ ހަމައިން ފެށިގެން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި އިތުބާރާއި ދެއްވި އެއްބާރުލެއްވުމަށްޓަކައި އެ މަނިކުފާނަށް ޝާހިދު ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގެ ރައީސް ޝާހިދު އިއްޔެ ރަސްމީކޮށް ބައްދަލުކުރެއްވުމުގެ ހަވާސާގެ ތެރެއިން ދެ ބޭފުޅުން އެކުގައި ނުރަސްމީ ވަގުތު ކޮޅެއްގައި.---ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގެ ރައީސް ޝާހިދު އިއްޔެ ރަސްމީކޮށް ބައްދަލުކުރެއްވުމުގެ ހަވާސާގެ ތެރެއިން ދެ ބޭފުޅުން އެކުގައި ނުރަސްމީ ވަގުތު ކޮޅެއްގައި.---ފޮޓޯ: ރައީސް އޮފީސް

"އަދި، ދިވެހި ދަރިޔަކަށްވެ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވުމަށް ފުރުސަތު ލިބުމަކީ އެ މަނިކުފާނަށް ލިބުނު ޝަރަފެއް ކަމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވަނީ ބޭރު ގައުމުތަކާއެކު މިހާރު އޮންނަ ގުޅުންތައް ދެމެހެއްޓުމާއެކު އާ ގުޅުންތައް ގާއިމު ކުރުމަށް ކަމުގައި އަބްދުﷲ ޝާހިދު ވިދާޅުވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓްގައި ވެ އެވެ.

ޝާހިދު ވިދާޅުވިގޮތުގައި އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމު އޭނާ ކާމިޔާބު ކުރެއްވުމުން ރަމްޒު ކޮށްދެނީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ބަލައިގަނެފައިވާ ކަމެވެ.

މި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގައި ޝާހިދު ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގެ ރައީސް ޝާހިދު އިއްޔެ ރަސްމީކޮށް ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގެ ރައީސް ޝާހިދު އިއްޔެ ރަސްމީކޮށް ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ހާރިޖިއްޔާގައި މަސައްކަތް ކުރާ މީހުންގެ ގާބިލު ކަމާއި ފަންނުވެރިކަން އެ ކާމިޔާބީގެ ފަހަތުގައި މުހިންމު ދައުރެއް އަދާކުރާކަމުގައި ޝާހިދު ވިދާޅުވި އެވެ.

"މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެ އިގްތިސާދީ އަދި އިޖުތިމާއީ ހާލަތު ރަނގަޅު ކުރުމުގައި ބޭނުންވާ ފަރާތްތަކަށް ހަމަހަމަކަމާއެކު ވެކްސިން ލިބޭނެ މަގު ތަނަވަސް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.

މަގާމުގެ ހައިސިއްޔަތުން ރާއްޖެ ވަޑައިގަތުމަށް ރައީސްގެ ދައުވަތެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ ރައީސް ޝާހިދުގެ ބައްދަލުވުން ނިންމަވައި ލައްވަމުން ރައީސް ވަނީ މަގާމުގެ ހައިސިއްޔަތުން ޝާހިދު ރާއްޖެ އަށް ރަސްމީ ދަތުރެއް ކުރައްވަން ދައުވަތު އަރުވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ސަގާފަތް ހަމަޖެހިފައި އޮންނަ ގޮތުން ނަމަ އެ މަޖިލީހުގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ކޮންމެ ބޭފުޅަކު ވެސް އެންމެ ފުރަތަމަ ރަސްމީ ދަތުރެއް ކުރައްވަނީ އެ ބޭފުޅެއްގެ އަމިއްލަ ގައުމަށެވެ. ނަމަވެސް އެ ދަތުރު ކުރައްވާނީ އެ ގައުމަކުން ރަސްމީކޮށް ދައުވަތު ދިނުމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގެ ރައީސް ޝާހިދު އިއްޔެ ރަސްމީކޮށް ބައްދަލުކުރެއްވުމުގެ ހަވާސާގެ ތެރެއިން، ޝާހިދުގެ އޮފީހުގައި ބެލްކަންޏަކުން ބޭރު ބައްލަވައިލައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގެ ރައީސް ޝާހިދު އިއްޔެ ރަސްމީކޮށް ބައްދަލުކުރެއްވުމުގެ ހަވާސާގެ ތެރެއިން، ޝާހިދުގެ އޮފީހުގައި ބެލްކަންޏަކުން ބޭރު ބައްލަވައިލައްވަނީ.---ފޮޓޯ: ރައީސް އޮފީސް

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމާ މި މަހުގެ 14 ގައި ރަސްމީކޮށް ހަވާލުވެވަޑައިގެންނެވި ޝާހިދު އެ މަގާމު އެއް އަހަރުގެ މުއްދަތަށް އަދާކުރެއްވިޔަސް ރާއްޖޭގެ ހާރިޖީ ވަޒީރުކަމުގެ މަސްއޫލިއްޔަތާއި ޒިންމާ ނަންގަވާނެ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސަކީ އެ މަގާމުގެ ހައިސިއްޔަތުން މުސާރަ ލިބިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ނަމަވެސް ދަތުރުފަތުރާއި އެމެރިކާގައި ހުންނެވުނުގެ ހަރަދު ބަލަހައްޓާނީ އދ. އިންނެވެ.

ރައީސް، އދ. ގެ ސެކްރެޓަރީ ޖެނެރަލާ ވެސް ބައްދަލުކުރެއްވި

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް ވެސް އިއްޔެ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފަ އެވެ.

އދ. ގެ މައި އިދާރާގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ އާ ދައުރަކަށް އެންޓޯނިއޯ ގުޓާރޭޒް އިންތިހާބުވެ ވަޑައިގަތުމާ ގުޅިގެން މަރުހާބާ ވިދާޅުވެ، ދުނިޔޭގެ މަޝްރަޙު މިހާ ހަލަބޮލި ދުވަސްވަރެއްގައި އޭނާ ދައްކަވާ ލީޑަރޝިޕަށް ތައުރީފު ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ.ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓާރޭޒް އިއްޔެ ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ.ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓާރޭޒް އިއްޔެ ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

"އަދި ކޯވިޑް-19 ރެސްޕޮންސް އެންޑް ރިކަވަރީ ފަންޑު އުފައްދަވާފައިވާކަން ފާހަގަކުރައްވައި، އޭގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކަށް އަދި ވަކިން ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ އެހީތެރިކަން މި ފަންޑުގެ ސަބަބުން ލިބިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓްގައި ވެ އެވެ.

ދުނިޔޭގެ ހުރިހާ ހިސާބަކަށް ހަމަހަމަކަމާއެކު ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ފަށާފައިވާ ކޯވެކްސް ޕްރޮގްރާމް ފަދަ މުހިންމު ކަންކަމަށް އެއްބާރުލުންދީ، ހުރިހާ ގައުމުތައް އެކުގައި މަސައްކަތްކޮށް، ކޮވިޑް-19 ގެ ބަލިމަޑުކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.