Roadha Mihaaru
އިސްކަންދޭނީ ހަމަހަމަ ފުރުސަތު ހޯދައިދޭން: ޝާހިދު

އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ރާއްޖެއިން އިސްކަންދޭނީ ހަމަހަމަ ފުރުސަތު ހޯދައިދޭން: ޝާހިދު

27 ފެބުރުއަރީ 2023

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ރާއްޖެއިން އެންމެ ބޮޑަށް މަސައްކަތްކުރާނީ އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތަކުގައި، އެންމެންނަށް ވެސް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ރާއްޖެއިން އެންމެ ބޮޑަށް މަސައްކަތްކުރާނީ އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތަކުގައި، އެންމެންނަށް ވެސް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އަލަށް އެކުލަވާލި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ފެށުމުގެ ގޮތުން، ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ދެއްވި ތަގުރީރުގައި ވިދާޅުވީ ހަގީގަތުގައި އެ ކައުންސިލުގެ އަސްލު މަގުސަދު ހާސިލުވާނީ ހުރިހާ ގައުމަކަށް ވެސް އަޑުއުފުލުމަށް ހަމަހަމަ ފުރުސަތުތަކެއް ދީގެން ކަމަށެވެ.

އިނގިރޭސި ބަހުން ދެއްވި ތަގުރީރުގައި ޝާހިދު ވިދާޅުވީ ރާއްޖޭގެ ފޮރިން ޕޮލިސީ އެކުލަވާލާފައި ވަނީ މައިގަނޑު ތިން ކަމެއްގެ މައްޗަށް ކަމަށެވެ. އެއީ؛

• އިންސާނީ ހައްގުތައް ރައްކާތެރިކުރުން

• ޑިމޮކްރަސީ އާއި ހިންގުން ހަރުދަނާކުރުން

• މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުން

52 ވަނަ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ

52 ވަނަ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ

"މި ކައުންސިލުގައި ވެސް އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭނީ މި ކަންކަމަށް،" ޝާހިދު ވިދާޅުވި އެވެ.

"އަންހެނަކަށް ވިޔަސް، ޒުވާނަކަށް ވިޔަސް، ކުޑަ ގައުމަކަށް ވިޔަސް، އެ އެންމެންނާއެކު މި ކައުންސިލް ހިންގުމަކީ އަޅުގަނޑުމެން އެންމެ އިސްކަންދޭނެ ކަމަކީ."

ޝާހިދު ވިދާޅުވި ގޮތުގައި، ރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލީޑާޝިޕްގެ ދަށުން މިދިޔަ ފަސް ވަރަކަށް އަހަރުގެ ތެރޭގައި ވަނީ ވަރަށް ގިނަ ކަންކަން ކޮށްފަ އެވެ.

ރާއްޖެއަކީ، މި ފެށި 52 ވަނަ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެމްބަރެކެވެ. މިއީ އެ ކައުންސިލްގެ މެމްބަރުކަން ރާއްޖެއިން ކުރާ ތިންވަނަ ފަހަރެވެ. ރާއްޖެއިން އެ ގޮނޑި ކާމިޔާބު ކުރީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ އިންތިހާބުގައި، ވާދަކޮށް ކުރި ހޯދައިގެންނެވެ. އެ ކައުންސިލްގެ މެމްބަރުކަން ރާއްޖެ އިން ކުރާނީ މި އަހަރުން ފެށިގެން 2025ގެ ނިޔަލަށެވެ.

އެ އިންތިހާބުގެ 14 ގޮނޑިއަކަށް މުޅިއަކު 17 ގައުމަކުން ކުރިމަތިލި އެވެ. ރާއްޖެއިން ކަށަވަރުކުރީ އޭޝިއާ ޕެސިފިކް ސަރަޙައްދަށް ނިސްބަތްވާ ގައުމުތައް ހިމެނޭ ގްރޫޕަށް ހާއްސަ ހަތަރު ގޮނޑީގެ ތެރެއިން އެއް ގޮނޑި އެވެ.

އެ ކައުންސިލްގެ ނައިބް ރައީސްގެ މަގާމަށް، އދ. ގެ ޖެނީވާ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އާސިމް އަހުމަދު ވެސް ވަނީ އިންތިހާބުކޮށްފަ އެވެ.