Roadha Mihaaru
ރާއްޖޭގެ ހާލަތާ މެދު 30 ގައުމަކުން ކަންބޮޑުވެއްޖެ

ރާއްޖޭގެ ހާލަތާ މެދު 30 ގައުމަކުން އދ. ގައި ކަންބޮޑުވުން ފާޅުކޮށްފި

07 ޖޫން 2017

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު އޮތް ގޮތާ މެދު 30 ގައުމަކުން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު އޮތް ގޮތާ މެދު 30 ގައުމަކުން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޖެނީވާގައި މިހާރު ކުރިއަށް ދާ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 35 ވަނަ ސެޝަންގައި ރާއްޖެއާ މެދު ކަންބޮޑުވުން ފާޅުކުރީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތައް ހިމެނޭ ގޮތުން 30 ގައުމަކުންނެވެ. އެ ގައުމުތަކުގެ ފަރާތުން ގުޅިގެން ނެރުނު ބަޔާން އެ ކައުންސިލްގައި އިއްވީ އިނގިރޭސި ވިލާތުންނެވެ.

އެ ބަޔާނުގައިވާ ގޮތުން ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަކީ ރާއްޖޭގެ ގާނޫނު އަސާސީންނާއި ބައިނަލްއަގްވާމީ މުއާހަދާތަކުން ކަށަވަރު ކޮށްދޭ ހައްގަކަށް ވާއިރު އެއާ ޚިލާފަށް ރާއްޖޭގައި ވަނީ އެ ހައްގު ހަނިކޮށްފަ އެވެ. އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ފުރުސަތު ލިބެންޖެހޭނެ ކަމަށާއި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އިދިކޮޅު ސިޔާސީ ހަރަކާތްތަކަށާއި ޚިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން އެންމެންނަށް ލިބެންޖެހޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ޝަރުއީ ނިޒާމާއި މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ދަމަހައްޓަން ޖެހޭނެ ކަމަށާއި ތިން ބާރު ވަކިވެފައިވާ ފާރަވެރި ނިޒާމެއް ފުރިހަމަ އަށް ގާއިމް ކުރުމަކީ ވެސް ޑިމޮކްރަސީ ހަރުދަނާ ކުރަން މުހިންމު ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

އަނިޔާވެރިކޮށް މަރާލި ޔާމީން ރަޝީދުގެ މައްސަލައިގައި މިނިވަން ތަހުގީގެއް ހިންގަން ސަރުކާރުން ކުރަމުންދާ މަސައްކަތަކަށް މަރުހަބާ ކިޔާ ކަމަށާއި ޔާމީނަކީ ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި އެ ކައުންސިލަށް ހާޒިރުވެ، ވާހަކަ ދެއްކި މީހެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅު ކުރަން ރާއްޖެ އިން އެ ކައުންސިލަށް އެއްބާރުލުން ދޭނެ ކަމަށް އުއްމީދު ކުރާ ކަމަށާއި އެ ކަމުގައި ރާއްޖެ އަށް އެހީވާން ތައްޔާރަށް ތިބި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.