Roadha Mihaaru
ޝާހިދު އާ ކޮށްދެއްވީ ކުރިއެރުމުގެ އުއްމީދުތައް

ޝާހިދު ރިޔާސަތާ ހަވާލުވެ ފުރަތަމަ ތަގުރީރު: އާ ކޮށްދެއްވީ ކުރިއެރުމުގެ އުއްމީދުތަކެއް

15 ސެޕްޓެމްބަރ 2021

އދ. ގެ އާއްމު މަޖިލީހުން މިރޭ ފެށި 76 ވަނަ ސެޝަނުގެ މައިގަނޑު އަސާސަކަށް ވާނީ އިންސާނީ ހައްގުތައް ރައްކާތެރިކުރުން ކަމަށް، އެ ސެޝަނުގެ ރިޔާސަތު ބަލަހައްޓަވާ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އދ. ގެ އާއްމު މަޖިލީހުން މިރޭ ފެށި 76 ވަނަ ސެޝަނުގެ މައިގަނޑު އަސާސަކަށް ވާނީ އިންސާނީ ހައްގުތައް ރައްކާތެރިކުރުން ކަމަށް، އެ ސެޝަނުގެ ރިޔާސަތު ބަލަހައްޓަވާ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ. ގެ މައި އިދާރާގައި މިރޭ ފެށި 76 ވަނަ ސެޝަންގެ ފުރަތަމަ ޖަލްސާގައި އެ ސެޝަނުގެ ރިޔާސަތާއި ހަވާލުވެވަޑައިގެން ކުރެއްވި ފުރަތަމަ ތަގުރީރުގައި ޝާހިދު ވިދާޅުވީ، މިއީ ވަރަށް ގޮންޖެހުން ބޮޑު އަހަރެއް ކަމަށާއި ނަމަވެސް ކުރިއަށް ގޮސް އެކަން ބަދަލުކޮށްލެވިދާނެ ކަމަށެވެ. ތަގުދީރުގެ އަތްމައްޗަށް އަދި އދ. ގެ ނިޒާމުގެ މައްޗަށް ބަރޯސާ ކޮށްގެން ތިބުމުގެ ބަދަލުގައި ކުރިއެރުމުގެ އާ ސަފުހާއެއް ލިޔެވިދާނެ ކަަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"ހަތް ދިހަ ހަ ވަނަ ސެޝަން ފަށާއިރު، އިންސާނީ ކަރާމަތާއި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަކީ މި ސެޝަންގެ ކޮންމެ ހިސާބެއްގައި ވެސް އަޅުގަނޑުމެންގެ މައިގަނޑު އަސާސް ކަމުގައި ވާނެ،" ދިވެހި ބަހުން ފެއްޓެވި ތަގުރީރުގައި ޝާހިދު ވިދާޅުވި އެވެ.

ޝާހިދުގެ "އުއްމީދުގެ ރިޔާސަތު" ގެނެސްދޭނީ އޭނާ ވިދާޅުވި ގޮތުގައި އުއްމީދުގެ ފަސް ދޯއްޖެވެ. އޭގެ ފުރަތަމަ ކަމަކީ ދުނިޔޭގެ އެންމެންނަށް ކޮވިޑް ވެކްސިން ފުރިހަމަކޮށްދިނުމެވެ. ދެވަނަ ކަމަކީ ކޮވިޑަށް ފަހު ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔެ ބިނާކުރުމެވެ. މުހިއްމު ނިންމުންތަކުގައި ޒުވާނުން ބައިވެރިކުރުމާއި ގައުމުތަކުގެ ބައިވެެރިވުން އިތުރުކުރުން އަދި ޖެންޑާގެ ހަމަހަމަކަމަށް މަސައްކަތް ކުރުމާއި މޫސުމަށް އަންނަަ ބަދަލުތަކުގެ ގެއްލުން ކުޑަކުރަން މަސައްކަތް ކުރުމަކީ ވެސް ޝާހިދުގެ ވައުދުތަކެވެ.

ޝާހިދު، މިރޭ ފެށި އދ. ގެ އާއްމު މަޖިލީހުން 76 ވަނަ ސެޝަނުގައި ފުރަތަމަ ތަގުރީރު ދެއްވަނީ.

ޝާހިދު، މިރޭ ފެށި އދ. ގެ އާއްމު މަޖިލީހުން 76 ވަނަ ސެޝަނުގައި ފުރަތަމަ ތަގުރީރު ދެއްވަނީ.

"ކޮވިޑް-19 އިން އަރައިގަންނަމުންދާއިރު، އަޅުގަނޑު އެންމެ ބޮޑު އިސްކަމެއް ދޭނީ މުޅި ދުނިޔޭގެ އެންމެން ވެކްސިން ފުރިހަމަކުރުމުގެ މަގުފަހި ކޮށްދިނުމަށް. ވެކްސިން ލިބުމަށް ދިމާވާ އުނދަގޫތަކަށް ހައްލެއް ގެންނަން އެބަޖެހޭ،" ޝާހިދު ވިދާޅުވި އެވެ.

ވެކްސިން ލިބުން ދަތިވާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ގައުމުތަކުގެ ލީޑަރުންނާއި ކަމާ ބެހޭ މާހިރުންނާ އެކު މަތީ ފެންވަރުގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު، އދ.ގެ ޖެނެރަލް އެސެމްބްލީގެ ރިޔާސަތާ މިރޭ ހަވާލުވެވަޑައިގަންނަވަނީ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު، އދ.ގެ ޖެނެރަލް އެސެމްބްލީގެ ރިޔާސަތާ މިރޭ ހަވާލުވެވަޑައިގަންނަވަނީ.

ކޮވިޑަށް ފަހު ދުނިޔެ އަލުން ބިނާކުރުމަށްޓަކައި އދ. ގެ މި ސެޝަނުގައި ކުރާނެ މަަސައްކަތަކީ ޝާހިދު ވިދާޅުވި ގޮތުގައި އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލާއި އިންޓަނޭޝަނަލް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާ ގުޅިގެން، އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުމަށް މަސައްކަތް ކުރުމެވެ. އެގޮތުން ހާއްސަ ހާލަތުތައް މެދުވެރިވެފައިވާ ގައުމުތަކަށް އެހީވުން ވަރަށް މުހިއްމު ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"އެގޮތުން ޖެނުއަރީ 2022 ގައި ދޯހާގައި ބާއްވަން ހަމަޖެހިފައިވާ 'ދަ ފިފްތު ޔޫއެން ކޮންފަރެންސް އޮން ދަ ލީސްޓް ޑިވަލޮޕްޑް ކަންޓްރީޒް' ގައި އެކަމަށް އަލިއަޅުވައިލެވޭނެ. ހަމަ އެހެންމެ، މިހާރު ކުރިއަށްދާ މަލްޓިޑައިމެންޝަނަލް ވަލްނެރަބިލިޓީ އިންޑެކްސްގައި ވެސް އެ މަސައްކަތް ކުރެވިގެން ދާނެ،" ޝާހިދު ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތައް ކުޑަކުރުމަށްޓަކައި ކުރައްވާ މަސައްކަތެއްގެ ގޮތުގައި އެ މައްސަލަ އަށް މަޝްވަރާކުރަން މަތީ ފެންވަރުގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވިދާޅުވި އެވެ. އެ ކަމަށްޓަކައި ބާއްވާ ހާއްސަ އިވެންޓް، ދުނިޔޭގެ ކްލައިމެޓް ސަމިޓް، "ކޮޕް 26 ގެ ކުރިން އޮންނާނެ އެވެ.

މިރޭ ފެށި އދ. ގެ އާއްމު މަޖިލީހުން 76 ވަނަ ސެޝަނުގައި ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެޒް ވާހަކަ ދައްކަވާއިރު، އެ ޖަމާއަތުގެ ރައީސް ޝާހިދު ރިޔާސަތުގައި.
.

މިރޭ ފެށި އދ. ގެ އާއްމު މަޖިލީހުން 76 ވަނަ ސެޝަނުގައި ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެޒް ވާހަކަ ދައްކަވާއިރު، އެ ޖަމާއަތުގެ ރައީސް ޝާހިދު ރިޔާސަތުގައި. .

"އަޅުގަނޑުމެން ދިރިއުޅެމުން މިދާ ގުޅިފައިވާ ވެއްޓަށް އަހަމިއްޔަތުކަން ދިނުން ވަރަށް ވެސް މުހިންމު،" ޝާހިދު ވިދާޅުވި އެވެ.

ޖެންޑާގެ ހަމަހަމަކަމަށްޓަކައި ޝާހިދު ވެވަޑައިގެންފައިވާ ވައުދަކީ އެ ހަމަހަމަކަން ނެތް އެއްވެސް ޕެނަލެއްގައި ބައިވެރިވެވަޑައި ނުގަތުމެވެ. އަދި ޝާހިދުގެ ދަށުން މަސަައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީ ޖެންޑާގެ ހަމަހަމަކަމާއި ޖިންސީ ފުރައްސާރައިން ސަލާމަތްވުމާ ގުޅޭ ތަމްރީނު ކޯހެއް ފުރިހަމަ ކޮށްފައިވާ މީހުން ކަމުގައި ވުން ލާޒިމުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މުހިއްމު ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރައްވާނެ އެއް ކަމަކީ"ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީ ޔޫތު ފެލޯޝިޕް ޕްރޮގްރާމް" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ހިންގުމެވެ.

"މި ޕްރޮގްރާމް ވެގެން ދާނީ ޒުވާނުން ބާރުވެރިކުރުމަށް އެޅޭ ފާހަގަ ކޮށްލެވޭ ފިޔަވަޅަކަށް. އަންޑާ ރެޕްރެޒެންޓެޑް ގައުމުތަކުގެ ޒުވާން ޑިޕްލޮމޭޓުންނާއި ސިވިލް ސާވަންޓުންނަށް ފުރުސަތު ދިނުމުން ހުރިހާ ގައުމުތަކެއް ގުޅިގެން މަސައްކަތްކުރުމަށް އިތުރު ބާރަކަށް ވެގެން ދާނެ،" ޝާހިދު ވިދާޅުވި އެވެ.

ތަގުރީރު ނިންމަވައިލައްވަމުން ޝާހިދު ގޮވައިލެއްވީ އާ ހުވަފެންތަކެއް ކެރިގެން ދުށުމަށްޓަކައި ކެރިގެން އާ އުންމީދުތަކެއް ހާސިލު ކުރުމަށްޓަކައި، އޭނާގެ "ޕްރެޒިޑެންސީ އޮފް ހޯޕް" ބަލައިގަނެ އޭގައި ހިފެހެއްޓުމަށެވެ.

އދ. ގައި ރާއްޖެއަށް ލިބުނު ޝަރަފު ހާއްސަ ގޮތެއްގައި ފާހަގަކުރެއްވި

އދ. ގެ ރިޔާސަތާ ޝާހިދު ހަވާލުވެވަޑައިގަތުމަށް ފަހު ދެއްވި ފުރަތަމަ ތަގުރީރު ދިވެހި ބަހުން ފައްޓަވަމުން އޭނާ ވަނީ ރާއްޖެ އަށް ލިބުނު ޝަރަފާއި ރީތި ނަން ވަކިން ހާއްސަ ގޮތެއްގައި ފާހަގަކުރައްވައިފަ އެވެ.

‎"މިއަދު ދިވެހިރާއްޖޭގެ ފެއްސާއި ރަތާއި ހުދުގެ ފަހުރުވެރި ދިދަ ވިހުރުވެމުން މި ދަނީ ބައިނަލްއަގްވާމީ އެންމެ އުސް ކުރިބޯށީގައި،" ރާއްޖޭގެ އެންމެ އިސް ޑިޕްލޮމެޓް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވިގޮތުގައި، ދިވެހި ގައުމުގެ ފަހުރުވެރި އަބްތާލުންގެ މަތިވެރި ޖިހާދާއި ދިވެހި ރައްޔިތުންގެ ހިތްވަރުގަދަ ގުރުބާނީގެ ސަބަބުން މިއަދު ދިވެހި ދައުލަތުގެ ނަން ވިދަމުން ދަނީ ބައިނަލްއަގްވާމީ އުދަރެހުގެ އެންމެ އުހުގަ އެވެ.

ޝާހިދު، މިރޭ ފެށި އދ. ގެ އާއްމު މަޖިލީހުން 76 ވަނަ ސެޝަނުގެ ރިޔާސަތު ބަލަހައްޓަވަނީ.

ޝާހިދު، މިރޭ ފެށި އދ. ގެ އާއްމު މަޖިލީހުން 76 ވަނަ ސެޝަނުގެ ރިޔާސަތު ބަލަހައްޓަވަނީ.

‎"މި ހިނދު އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއް ކަމުގައި ދެކެނީ ދިވެހި ރާއްޖެ އަށް މިފަދަ މަތިވެރި ޝަރަފްވެރި ފަޚުރެއް މިންވަރު ކުރެއްވި ކަމަށްޓަކައި އަރަހުށި ހުސްޠާހިރުވަންތަ މާތް االله ސުބުހާނަހޫ ވަތައާލާ އަށް ހަމްދާއި ޝުކުރުކުރުން،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ‎މިއަދު ފެންނަމުންދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙުގެ ޒައާމަތުގެ ދަށުން ބައިނަލްއަގްވާމީ މައިދާނުގައި ދިވެހިރާއްޖެ ހޯދަމުންދާ މަތިވެރި މަގާމު ކަމަށެވެ.

"ރައީސް ސާލިހުގެ ހާރިޖީ ސިޔާސަތު ދުނިޔެ ބަލައިގެންފައިވާ ކަމުގެ ހެކި. ދިވެހިރާއްޖެ އާއި ބޭރު ދުނިޔެއާ މިއަދު އޮތް ބަދަހި ގާތް ގުޅުމުގެ ދަލީލު. ދިވެހިންގެ މި އިއްޒަތްތެރި ބިމުގައި ދިވެހިންގެ މުބާރިކު ފެހި ދަނޑުގައި ދިވެހިންގެ މުރާލިކަމާ އެކުގައި ރުވަމުން ދިޔަ ގަސްތައް އާރޯކަމާއެކު ހެދި ފޯދެމުންދާ ނަލަ ރީތި މަންޒަރު،" ޝާހިދުގެ ތާރީހީ ތަގުރީރު ފައްޓަވަމުން ދިވެހި ބަހުން ދެއްކެވި ވާހަކަ ނިންމަވައިލައްވަމުން ވިދާޅުވި އެވެ.