08 ޖޫން 2021
ދިވެހިރާއްޖެއަށް އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ލިބުމަކީ ބޮޑު ކަމެކެވެ. އެ މުހިންމު މަގާމު ރާއްޖެއަށް ލިބި އެތައް ގޮތަކުން ހާއްސަވެގެން ދިޔައިރު ގައުމު ތަމްސީލްކުރައްވަން އެ މަޖިލީހުގައި އިންނަވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ހިސާބަށް ކުރެއްވި ދަތުރު ވެސް އެހާ ހާއްސަ އެވެ.
ދިވެހިރާއްޖެއަށް އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ލިބުމަކީ ބޮޑު ކަމެކެވެ. އެ މުހިންމު މަގާމު ރާއްޖެއަށް ލިބި އެތައް ގޮތަކުން ހާއްސަވެގެން ދިޔައިރު ގައުމު ތަމްސީލްކުރައްވަން އެ މަޖިލީހުގައި އިންނަވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ހިސާބަށް ކުރެއްވި ދަތުރު ވެސް އެހާ ހާއްސަ އެވެ.
ޚާރިޖީ ދާއިރާގެ ވަރަށް އާދައިގެ ވަޒީފާއަކުން ފެއްޓެވި ކެރިއަރުގައި އެ ދާއިރާ އިން ދުނިޔޭގެ އެންމެ ނުފޫޒު ގަދަ މަގާމަކަށް ވަޑައިގަތުމަކީ ކުރިމަގަށް އުންމީދާ އެކު މަސައްކަތްކުރާ ކޮންމެ މީހަކަށް ވެސް ހިތްވަރަކަށްވެ އެވެ.
އާންމު މަޖިލީހުގެ ރައީސްކަން ލިބިވަޑައިގަތުމާ އެކު އެ މަޖިލީހުގައި ދެއްވި ތަގުރީރު ވެސް ޝާހިދު އޭނާގެ މި ދަތުރުގެ ހަނދާންތައް، އޭނާގެ އާންމު ސަމާސާ ބަސްތައް ވެސް ހިމަނުއްވައިގެން އާކުރެއްވި އެވެ.
"މިއަދު އަޅުގަނޑު މިތަނުގައި ހުއްޓި ހުންނައިރު ހަނދާނަށް އަންނީ އަލަށް ފޮރިން ސާވިސް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި ދުވަސްތަކުގެ މަތިން. އެއީ އަޅުގަނޑުގެ ބޮލުގައި މިއަށް ވުރެ ގިނަ އިސްތަށި ހުރި ޒަމާން،" އދ.ގެ އާއްމު މަޖިލީހުގެ އާ ރައީސަކަށް ހޮވިވަޑައިގަތުމަށް ފަހު ފޮރިންސް މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވި ތާރީޚީ ތަގުރީރުގައި ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި، އދ. ގެ މައި މަރުކަޒުގެ ހޯލުތަކުގެ ތެރޭ ހިންގަވައި، ޗޭމްބަރަށް ވަދެވަޑައިގެންނެވި އެ ދުވަސްތަކަކީ އެ ތަނުގެ ތާރީޚުން ޝައުގުވެރިކަން އިތުރުވެ، ކުރިއަށް ވަޑައިގަތުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.
"ގިނަ ގައުމުތައް ގުޅިގެން ކުރާ މަސައްކަތުގައި ހުރި ކުޅަދާނަކަމާއި ބާރާ މެދު ހައިރާންކަން އިތުރުވި. އަދި އެހެންމެ ކުރިއަށް ދެވެން އޮތް މަގަކީ އެއީކަން ގަބޫލު ކުރެވިގެން ދިޔަ،" އުމުރުފުޅުން އެންމެ 21 އަހަރުގައި ހިޔާލު ބަދަލުވެގެން ދިޔަ ގޮތަށް ޝާހިދު ކިޔައިދެއްވި އެވެ.
ރާއްޖޭގެ ފޮރިން ސާވިސް އޮފިސަރެއްގެ ގޮތުގައި އދ. ގައި ޚާރިޖީ ދާއިރާ އިން މިނިސްޓަރު ޝާހިދު އޭނާގެ ކެރިއަރު ފެއްޓެވީ 1983 ގަ އެވެ. އެމެރިކާގެ ދަ ފްލެޗާ ސްކޫލުން، އިންޓަނޭޝަނަލް ރިލޭޝަންސް އިން މާސްޓާސް ޑިގްރީ ހާސިލުކުރެއްވި ޝާހިދު، އޭގެ ދިހަ އަހަރު ފަހުން ރާއްޖޭގެ އިންޓަނޭޝަނަލް އެފެއާޒްގެ ޑިރެކްޓަރުގެ މަގާމު ލިބިވަޑައިގަތެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަނީ: ކުރީގެ ފޮޓޯއަކާއި ފަހުގެ ފޮޓޯއެއް.--
އެ ޖަމާއަތުގައި މަސައްކަތް ކުރައްވަމުން 1987 އިން 1994 އަށް ބޭއްވި އދ. ގެ ހުރިހާ އާއްމު މަޖިލީހެއްގައި ޝާހިދު ބައިވެރިވެވަޑައިގެންފައިވެ އެވެ. އަދި މި ބައްދަލުވުންތަކުގައި ތަފާތު މައްސަލަތަކުގައި ކުދި ގައުމުތަކުގެ އިއްވައިދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އދ. ގެ އިތުރުން ކޮމަންވެލްތާއި އޯއައިސީ ފަދަ ތަންތަނުގެ ޖަލްސާތަކުގައި ރާއްޖެ ތަމްސީލުކުރެއްވި އެވެ.
ޝާހިދަކީ ޚާރިޖީ ދާއިރާގައި ރާއްޖެ އިން އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ޝާހިދު އަދާކުރައްވާ ވެސް މިއީ ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ މަގާމު ފުރުއްވެވީ 2007 ގަ އެވެ. އޭގެ ކުރިން، 2005 އިން ފެށިގެން ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.
އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުކުރުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ އެ މަޖިލީހުގައި ވާހަކަ ދައްކަވަނީ
މި ސަރުކާރުގެ ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން ފަހުން، ޝާހިދު ވަނީ އެހެން ގައުމުތަކާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ލިބިވަޑައިގަތުމާ އެކު، ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން އެންމެ ފުރަތަމަ، ޚާއްސަ އިސްކަމެއް ދެއްވީ ކުރީގެ ސަރުކާރުން ރާއްޖެ އާއި ކޮމަންވެންތާ އޮތް ޒަމާންވީ ގުޅުން ކަނޑާލައިފައި ވާތީ އެ ގުޅުން އަލުން އިޔާދަކުރުމަށެވެ. ހަތަރު އަހަރަށް ފަހު އެ ގުޅުން އަލުން ގާއިމުކުރެއްވި އެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ވެސް ޝާހިދުގެ ލީޑާޝިޕްގެ ދަށުން ގިނަ މަސައްކަތްތަކެއް ކޮށް، ކާމިޔާބު ހޯއްދެވި އެވެ.
ޖިންސީ ހަމަހަމަ ކަމަށް ވެސް ވަރަށް ފުޅާ ދާއިރާއެއްގައި ވަކަލާތު ކުރައްވަމުން އަންނައިރު، ޝާހިދު ވަނީ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަން އާއި ޚާރިޖީ ދާއިރާގައި އަންހެނުންނާއި ފިރިހެނުން އެއް ހަމަކުރަން ޚާއްސަ ފިޔަވަޅުތަކެއް އަޅުއްވައިފަ އެވެ.
ކޮވިޑް-19 ގެ ސަބަބުން ކުދި ގައުމުތަކުގެ މުޖުތަމައުތަކަށާއި އިގުތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ވާހަކަ ބައިނަލްއަގުވާމީ ފޯރަމްތަކުގައި އެންމެ ގަދައަކަށް ދައްކަވާ އެއް ބޭފުޅަކީ ވެސް ޝާހިދެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކީ ދުނިޔޭގައި އެންމެ ބާރުގަދަ އެއް ލީޑަރެވެ. އާންމު މަޖިލީހަށް ކަމެއް ހުށަހަޅަން ނުވަތަ މައްސައެއް ގެންނަން ބޭނުން ނަމަ ރައީސަކަށް ހުންނަވާ ބޭފުޅަކާ ގައުމުތަކުން ލޮބީކޮށް، ގުޅުން ބަދަހިކުރަން ޖެހެ އެވެ. އޭގެ ނަތީޖާއަކީ އާންމު މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކު ނިސްބަތްވާ ގައުމަށް ވެސް ފައިދާތަކެއް ކުރުމެވެ.
ޝާހިދު ވިދާޅުވިހެން، ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ އިތުބާރާއި ޔަގީންކަން ދިވެހިރާއްޖެ އަށް ދިނުމުން، ސާބިތުވެގެން މި ދިޔައީ، މުޅި ދުނިޔެ، މިއަދު ރާއްޖެ ބަލައިގެންފައިވުމެވެ.
މި އިންތިހާބު ޝާހިދު ކާމިޔާބު ކުރެއްވީ ވޯޓުލުމުގައި ބައިވެރިވި އދ. ގެ މެމްބަރު 191 ގައުމުގެ ތެރެއިން 143 ގައުމެއްގެ ތާއީދާ އެކު އެވެ. މި އިންތިހާބުގައި ޝާހިދާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ރަމްލައި ރަސޫލަށް ލިބިވަޑައިގަތީ 48 ވޯޓެވެ.
އިތުބާރު ލިބިއްޖެ، ދާންވީ ބާރަށް ކުރިއަށް: ޝާހިދު
މިއީ ދިވެހިން ކުޑަ ނޫން ކަމަށް ދުނިޔެ ހެކިވާ ވަގުތު
ޝާހިދު އާ ކޮށްދެއްވީ ކުރިއެރުމުގެ އުއްމީދުތައް
އދ. ގެ ރައީސްއާ ޝާހިދު ބައްދަލުކުރައްވައިފި
އާއްމު މަޖިލިހުގެ ރައީސްކަން ލިބުމަކީ ފަޚުރެއް: ރައީސް
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ޝާހިދަށް
އދ.ގެ މުހިއްމުކަން މި ހާލަތުގައި އިހްސާސްވޭ: ޝާހިދު
އދ. އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖެ ވާދަކުރަނީ
ރާއްޖެއިން ދެކެނީ އދ.އިން ސުލްހަ ކަށަވަރުކުރާ ކަމަށް
އދ. ގެ ތިން މުއާހަދާއެއްގައި ރާއްޖޭން ބައިވެރިވެއްޖެ