Roadha Mihaaru
އދ. ގެ ރައީސްއާ ޝާހިދު ބައްދަލުކުރައްވައިފި

އދ. ގެ އާއްމު މަޖިލީހުގެ ރައީސްއާ ޝާހިދު ބައްދަލުކުރައްވައިފި

03 ސެޕްޓެމްބަރ 2021

އދ. ގެ އާއްމު މަޖިލީހުގެ 75 ވަނަ ސެޝަންގެ ރައީސް ވޮލްކަން ބޮޒްކިރްއާ، އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބު ކޮށްފައިވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ބައްދަލުކުރައްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އދ. ގެ އާއްމު މަޖިލީހުގެ 75 ވަނަ ސެޝަންގެ ރައީސް ވޮލްކަން ބޮޒްކިރްއާ، އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބު ކޮށްފައިވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ބައްދަލުކުރައްވައިފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ އދ. ގެ 76 ވަނަ އާންމު މަޖިލީހުގައި އޭނާ ގެންގުޅުއްވާ ތަސައްވުރު "އުއްމީދުގެ ރިޔާސަތު"ގެ މައުލޫމާތު ބޮޒްކިރްއާ ހިއްސާ ކުރައްވާފައި ކަމަށެވެ. އަދި ބޮޒްކިރް ވެސް ވަނީ އޭނާގެ ފުރިހަމަ އެއްބާރުލުން މި ހިނގާ ދައުރު ނިމެންދެން، އަދި އޭގެ ފަހުން ވެސް ދެއްވާނެ ކަމުގެ ޔަގީންކަން ޝާހިދަށް ދެއްވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި އާއްމު މަޖިލީހުގެ ރައީސްގެ އިތުރުން އދ. ގެ އެކި ގުނަވަންތަކުގެ އިސްވެރިންނާއި އަދި އެކި ގައުމުތަކުން އދ. އަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާ ވެސް ޝާހިދު ބައްދަލުުކުރެއްވި އެވެ. އެގޮތުން ޔޫއެން އިކޮނޮމިކް ކޮމިޝަން ފޯ ޔޫރަޕްގެ އެގްޒެކެޓިވް ޑިރެކްޓަރު އަދި އދ. ގެ އަންޑާ ސެކްރެޓަރީ ޖެނެރަލް އޮލްގާ އަލްގަޔެރޮވާ އާއި ޔޫއެން ހެބިޓެޓްގެ އެގްޒެކެޓިވް ޑިރެކްޓަރު މައިމޫނާ މުހައްމަދު ޝަރީފްގެ އިތުރުން ޑެންމާކް، ފިޖީ، ސްލޮވާކިއާ، އެލްސެލްވަޑޯ އިން އދ. އަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާ އިއްޔެ ބައްދަލުކުރެއްވި އެވެ. ފޮރިން މިނިސްޓްރީން ބުނީ ޝާހިދު އިއްޔެ ވަނީ އެ މިނިސްޓްރީގެ އެގްޒެކެޓިވް ޓީމާއި ދުނިޔޭގެ އެކި ހިސާބުތަކުގައި ގާއިމު ކޮށްފައިވާ ރާއްޖޭގެ 17 ޑިޕްލޮމެޓިކް މިޝަން ހިންގަވަން ތިއްބެވި ސަފީރުންނާ ވާޗުއަލްކޮށް ބައްދަލުކުރައްވާފައި ކަމަށެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމާ ޝާހިދު ހަވާލުވެވަޑައިގަންނަވާނީ މި މަހުގެ 14 ގަ އެވެ.