29 ސެޕްޓެމްބަރ 2019
އދ. ގެ ތިން މުއާހަދާއެއްގައި ރާއްޖެއިން މިއަދު ބައިވެރިވެއްޖެ އެވެ.
އދ. ގެ ތިން މުއާހަދާއެއްގައި ރާއްޖެއިން މިއަދު ބައިވެރިވެއްޖެ އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރާއްޖެ އިން އަލަށް ބައިވެރިވީ ހަތިޔާރުގެ ވިޔަފާރިކުރުމާ ގުޅޭގޮތުން އދ. އިން އެކުލަވާލާފައިވާ "ޔޫއެން އާމްސް ޓްރޭޑް ޓްރީޓީ" އާއި ގޮވާ ފަދަ ތަކެއްޗާއި ގުޅޭ "ޔޫއެން ކްލަސްޓާ މިއުނިޝަންސް ކޮންވެންޝަން" އާއި ކުޑަކުދިންނާ ގުޅޭ "ތާޑް އޮޕްޝަނަލް ޕްރޮޓޮކޮލް ޓު ދަ ކޮންވެންޝަންސް އޮފް ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރްސީ)" ގައި ކަމަށެވެ.
މި ތިން މުއާހަދާ އދ. ގެ ލީގަލް އޮފީހަށް ހުށަހެޅުއްވީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އެ ތިން މުއާހަދާއަކީ ވެސް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ މުއާހަދާތަކެކެވެ. މި މުއާހަދާތައް މިނިސްޓަރު ހުށަހެޅުއްވީ ނިއު ޔޯކުގައި ހުންނަ އދ. ގެ މައި އޮފީހުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.
ގޮވާ ފަދަ ތަކެއްޗާއި ގުޅޭ "ޔޫއެން ކްލަސްޓާ މިއުނިޝަންސް ކޮންވެންޝަން" އަށް ރައްޔިތުންގެ މަޖިލިހުން ރުހުން ދީފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހެވެ. ކްލަސްޓާ ބޮމްބް އަކީ، އެ ފަދަ ބޮމެއް ގޮއްވާލުމުން ގޮވާ ފަދަ ބާވަތުގެ ކުދި ތަކެތިތަކެއް ބޮޑު ސަރަހައްދަކަށް ފެތުރޭ ފަދަ ބޮމެކެވެ. އަދި އެ ކުދި ތަކެތިތައް ގޮވުމުން އެ ސަރަހައްދުގައި އުޅޭ އާންމުންނަށް ގިނަ ގެއްލުންތަކެއް ވެ އެވެ.
ކްލަސްޓާ މިއުނިޝަންސް ކޮންވެންޝަން އަކީ އެ ފަދަ ތަކެތި ބޭނުންކުރުމާއި، އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި އެތަކެތި ރައްކާކުރުން މަނާ ކުރާ ބައިނަލްއަގްވާމީ ގާނޫނެކެވެ.
އާމްސް ޓްރޭޑް ޓްރީޓީ ގައި ބައިވެރިވުމަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުން ހުއްދަ ދީފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހެވެ. މިއީ ގަވާއިދާ ހިލާފަށް ހަތިޔާރުގެ ވިޔަފާރިކުރުން ހުއްޓުވުމުގެ މަގްސަދުގައި އެކުލަވާލާފައިވާ މުއާހަދާއެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ސީއާރްސީ ގައި ރާއްޖޭން އެންމެ ފުރަތަމަ ސޮއި ކުރީ 2012 ވަނަ އަހަރު ނަމަވެސް، އެ މުއާހަދާގައި ރާއްޖެ ރަސްމީކޮށް ބައިވެރި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މި މުއާހަދާގެ ދަށުން ކުޑަކުދިންނަށް ހައްގުތަކާއި މިނިވަންކަމަށް އަރައިގަންނަ ނަމަ، އެކަންތަކާ މެދު ޝަކުވާ ހުށަހެޅުމުގެ ބާރު ކުޑަކުދިންނަށް ލިބެ އެވެ. ނަމަވެސް އެއީ އެ މުއާހަދާގައި ބަޔާންކޮށްފައިވާ ހާއްސަ ކަންތައްތަކެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މި މުއާހަދާ އަށް ވެސް މަޖިލިހުން ރުހުން ދިނީ މި މަހުގެ ހަތަރު ވަނަ ދުވަހެވެ.
ސީއާރްސީ އަކީ އދ. ގެ މެމްބަރު ގައުމުތަކަށް ކޮންމެހެން ބައިވެރިވުން ލާޒިމް ނުކުރާ ގޮތަށް އެތަނުން އެކުލަވާލާފައިވާ ކުޑަކުދިންނާ ގުޅޭ ތިން މުއާހަދާއެއްގެ ތެރޭގައި ހިމެނޭ އެކައްވެޗެ. ސީއާރްސީގައި ބައިވެރިވުމުން، އެ ތިން މުއާހަދާގައި ވެސް ރާއްޖެއިން ބައިވެރިވެވުނީ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ސާވިސް އޮފިސަރުކަމުން އާންމު މަޖިލީހުގެ ރައީސްކަމަށް
އާއްމު މަޖިލިހުގެ ރައީސްކަން ލިބުމަކީ ފަޚުރެއް: ރައީސް
އދ. ގައި ރާއްޖޭން ބުނާނެ ބަހަކަށް ނުފޫޒު ނުފޯރުވޭނެ
އިތުބާރު ލިބިއްޖެ، ދާންވީ ބާރަށް ކުރިއަށް: ޝާހިދު
އދ.ގެ އެސްޖީއަށް އަންހެނަކު ހޮވަން ޝާހިދު ގޮވާލަައިފި
ޝާހިދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
"ފަލަސްތީނަށް އެހީވާން އަމަލުން މަސައްކަތް ކުރަންޖެހޭ"
ކޮވިޑްގެ ސަބަބުން ހަމަހަމަކަން ގެއްލިއްޖެ: ޝާހިދު
ޝާހިދުގެ އިސްނެގުމަކަށް ވެކްސިނާ ބެހޭ ސަމިޓެއް ބާއްވަނީ
މިއީ ދިވެހިން ކުޑަ ނޫން ކަމަށް ދުނިޔެ ހެކިވާ ވަގުތު