Roadha Mihaaru
އދ.ގެ އެސްޖީއަށް އަންހެނަކު ހޮވަން ޝާހިދު ގޮވާލަައިފި

އދ. ގެ ސެކްރެޓަރީ ޖެނެރަލަކަށް އަންހެނަކު ހޮވުމަށް ޝާހިދު ގޮވާލައްވައިފި

14 މާޗް 2022

އދ. ގެ ސެކްރެޓަރީ ޖެނެރަލަކަށް ދެން އަންނަ ދައުރަކަށް އަންހެނަކު ހޮވުމަށް 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ގޮވައިލެއްވުމުން ގިނަ ބަޔަކު އެ ކަމަށް ތާއީދު ކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އދ. ގެ ސެކްރެޓަރީ ޖެނެރަލަކަށް ދެން އަންނަ ދައުރަކަށް އަންހެނަކު ހޮވުމަށް 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ގޮވައިލެއްވުމުން ގިނަ ބަޔަކު އެ ކަމަށް ތާއީދު ކޮށްފި އެވެ.

އދ. ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 66 ވަނަ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ، އެ ޖަމާއަތުގެ 76 ވަނަ އަހަރުވީ ތާރީހުގައި އާއްމު މަޖިލީހުގެ ރައީސްކަން ކުރެއްވީ ހަތަރު އަންހެން ބޭފުޅުން ކަމަށާއި މިހާތަަނަށް ސެކްރެޓަރީ ޖެނެރަލަކަށް އެއްވެސް އަންހެނަކު ހޮވާފައި ނެތް ކަމަށެވެ.

އެހެންވެ، އެ ކަން ބަދަލުކުރަން ޖެހޭ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާ ޝާހިދު ވިދާޅުވި އެވެ. އޭނާގެ އެ އިސްނެންގެވުމަށް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ގިނަ މަންދޫބުންގެ ތާއީދު އޮތްކަން އަތްތިލަ ބަޑިއަކުން ހާމަކުރި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ދެ ޖިންސުގެ ހަމަހަމަކަން ގާއިމު ކުރުމާއި އަންހެނުން ބާރުވެރިކުރުވުމުގެ "ގޯލްޑް ސްޓެންޑާޑް" ކަނޑައެޅުމުގެ ވާހަކަތައް ދައްކާއިރު އޭގެ މިސާލު އދ. ގައި ނުދައްކައި ނުތިބެވޭނެ އެވެ.

އެހެންވެ، އެކަމުގައި އިސްނަގައި ދެން އަންނަ ދައުރަކަށް އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަންހެނަކު ހޮވުމަށް ބާރު އެޅުމަށް، މެމްބަރު ގައުމުތަކަށް އޭނާ ގޮވައިލެއްވި އެވެ.

ފަސް އަހަރުގެ ދައުރަކަށް އިންތިހާބުކުރާ އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވީ އެންޓޯނިއޯ ގުޓެރެސް އެވެ. އެ އިިންތިހާބު ދެން އޮންނާނީ ފަސް އަހަރު ފަހުންނެވެ.

އދ.ގެ 76 ވަނަ ސެޝަންގެ ރައީސްގެ މަގާމާ ޝާހިދު ހަވާލުވެވަޑައިގެންނެވި ފަހުން އަންހެނުން ބާރުވެރިކުރުމާއި އަދި އެ ޖަމާއަތުގައި ވެސް އަންހެނުންގެ ދައުރު ފުޅާކުރުމަށް ގެންދަވަނީ ހާއްސަ އިސްކަމެއް ދެއްވަމުންނެވެ.