Roadha Mihaaru
ޝާހިދާއި ޖަޕާނުގެ ބޮޑުވަޒީރު ބައްދަލުކުރައްވައިފި

މިނިސްޓަރު ޝާހިދާއި ޖަޕާނުގެ ބޮޑުވަޒީރު ބައްދަލުކުރައްވައިފި

27 އޯގަސްޓް 2021

ފޮރިން މިނިސްޓަރު އަދި ކުރިއަށް އޮތް އދ. ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސް އަބްދުﷲ ޝާހިދު، ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސޫގާއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ފޮރިން މިނިސްޓަރު އަދި ކުރިއަށް އޮތް އދ. ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސް އަބްދުﷲ ޝާހިދު، ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސޫގާއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ޝާހިދު ޖަޕާނަށް ކުރައްވާ ދަތުރުގައި، އެ ގައުމުގެ ބޮޑުވަޒީރުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރުގައި، ރާއްޖެ އަށް ޖަޕާނުން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި ކަމަށެވެ. ވަކިން ހާއްސަކޮށް މި ކޮވިޑްގެ ދުވަސްވަރު ވަމުންދާ އެހީތެރިކަން ފާހަގަކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި ޝާހިދު އިންނަވާއިރު، އިސްކަން ދެއްވާނެ ދާއިރާތަކާ ބެހޭ ގޮތުންނާއި އޭނާގެ "އުއްމީދުގެ ރިޔާސަތު" ގައި ހިމެނޭ ކަންކަމާ ބެހޭ މައުލޫމާތު ވެސް ޖަޕާނުގެ ބޮޑު ވަޒީރާ ހިއްސާ ކުރެއްވިި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އެ ބައްދަލުކުރެއްވުމުގައި ޝާހިދުގެ އަރިހުގައި ޖަޕާނުގައި ހުންނަވާ ސަފީރު އިބްރާހިމް އުވައިސް ވެސް ބައިވެރިވެވަޑައިގަތެވެ.

މިނިސްޓްރީން ބުނި ގޮތުގައި ޝާހިދު ވަނީ މިއަދު ޖަޕާނުގެ ފޮރިން މިނިސްޓަރު ޓޮޝިމިޓްސޫ މޮޓެޖީއާ ވެސް ބައްދަލުކުރައްވައިފަ އެވެ.

ޝާހިދު ޖަޕާނަށް އިއްޔެ ވަޑައިގަތީ އެ ގައުމުގެ ސަރުކާރުން ދިން ދައުވަތަކަށެވެ. މާދަމާގެ ނިޔަލަށް އޭނާ ޖަޕާނުގައި ހުންނަވާއިރު، އދ. ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން އެހެން ބައެއް ގައުމުތަކަށް ވެސް ގެންދަވަނީ ދަތުރު ކުރައްވަމުންނެވެ.

އދ. ގެ 76 އާންމު މަޖިލީހުގެ ރައީސްކަމާ ޝާހިދު ހަވާލުވެވަޑައިގަންނަވާނީ އަންނަ މަހުގަ އެވެ.