Roadha Mihaaru
ޖަޕާނުން 117 މިލިއަން ރުފިޔާ ދެނީ

ކޯސްޓް ގާޑަށް ޖަޕާނުން 117 މިލިއަން ރުފިޔާ ދެނީ

22 ނޮވެމްބަރ 2020

ރާއްޖޭގެ ކޯސްޓް ގާޑުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި 117 މިލިއަން ރުފިޔާ (7.6 މިލިއަން ޑޮލަރު) ދޭން ރާއްޖެ އާއި ޖަޕާނު ސަރުކާރާ ދެމެދު އެކްސްޗޭންޖް އޮފް ނޯޓްސް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖޭގެ ކޯސްޓް ގާޑުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި 117 މިލިއަން ރުފިޔާ (7.6 މިލިއަން ޑޮލަރު) ދޭން ރާއްޖެ އާއި ޖަޕާނު ސަރުކާރާ ދެމެދު އެކްސްޗޭންޖް އޮފް ނޯޓްސް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސޮއިކުރެއްވި އިރު ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކެއިކޯ ޔަނާއި އެވެ. މި ފައިސާގެ އެހީ ބޭނުންކުރާނީ ރާއްޖޭގެ ކޯސްޓް ގާޑާއި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ ހިދުމަތް ހަރުދަނާކުރާށެވެ.

ފޮރިން މިނިސްޓަރު ޝާހިދު (ކ) އާއި ޖަޕާނު ސަފީރު ކެއިކޯ، އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ފޮރިން މިނިސްޓަރު ޝާހިދު (ކ) އާއި ޖަޕާނު ސަފީރު ކެއިކޯ، އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

މި ރަސްމިއްޔާތުގައި ކެއިކޯ ވިދާޅުވީ، ރާއްޖޭގެ މެރިޓައިމް ކޯޑިނޭޝަން ސެންޓަރަކީ ވަރަށް ބޮޑު ޒިންމާއެއް އަދާ ކުރާ ތަނެއް ކަމަށެވެ. ކަނޑުމަތީގައި އުޅޭ މީހުންނާއި އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރަން އެ އިދާރާ އިން ގިނަ މަސައްކަތްތަކެއް ކުރާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މެރިޓައިމް ކޯޑިނޭޝަން ސެންޓަރަށް އަޅުގަނޑު ޒިޔާރަތްކުރި އިރު، އެތަނުގައި އޮފިސަރުން މަސައްކަތްކުރަމުން އައި ތަނާއި ބޭނުން ކުރަމުން ދިޔަ އިކުއިޕްމަންޓް ފެނިފައި އެތަނުގެ ހާލަތު ރަނގަޅުރަން ނިންމީ،" ކެއިކޯ ވިދާޅުވި އެވެ.

މިއީ އެއްވެސް ޕްރޮޖެކްޓަކަށް ހާއްސަކޮށްގެން ހަދިޔާކުރި ފައިސާއެއް ނޫނެވެ. މި އެހީ ބޭނުންކުރަން ނިންމާފައި ވަނީ ރާއްޖޭގެ ކޯސްޓް ގާޑާއި ދިވެހި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އުޅަނދުތައް ހަރުދަނާ ކުރާށެވެ. އަދި އެންމެ ފަހުގެ މުވާސަލާތީ އާލާތްތަކާއި ޒަމާނީ ރެސްކިއު އިކުއިޕްމަންޓާއި ޑައިވް އިކުއިޕްމަންޓް ވެސް ހޯދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް

ކެއިކޯ ވިދާޅުވީ މި ފައިސާ ހޯދަން ޖަޕާނުގެ އެމްބަސީން ގިނަ މަސައްކަތެއް ކުރި ކަމަށެވެ. އަދި އެ ގައުމުން އެންމެ ފުރަތަމަ ހަދިޔާ ކުރަން ނިންމީ ފަސް މިލިއަން ޑޮލަރު ކަމަށާއި ނަމަވެސް އެމްބަސީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން އިތުރު ތިން މިލިއަން ޑޮލަރު ހޯދައިދިން ކަމަށް ވިދާޅުވި އެވެ. މި މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހުންނަށް ކެއިކޯ ޝުކުރުއަދާ ކުރެއްވި އެވެ.

ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ މި އެހީ އަކީ ޖަޕާނު ސަރުކާރުން ރާއްޖެއާ އެކު ބާއްވާ ޒަމާނީ ގާތްކަމާއި އެކުވެރިކަމުގެ ނިޝާނެއް ކަމަށެވެ. މި އެހީއާ އެކު އިމަޖަންސީ ރެސްކިއު އާއި ކްރައިސިސް މެނޭޖްމެންޓް ފުޅާ ކުރަން ދެ ގައުމު ގުޅިގެން ކުރާ މަސައްކަތް އިތުރަށް ކުރިއަރައިގެން ދިޔައީ ކަމަށް ވެސް ވިދާޅުވި އެވެ.

ދިވެހި ކޯސްޓް ގާޑުން ކަނޑުގެ ވަރަށް ބޮޑު ސަރަހައްދެއް ބަލަހައްޓާ ކަމަށް ޝާހިދު ވިދާޅުވި އެވެ. ނަމަވެސް ލިބިފައި ހުރި އިކުއިޕްމަންޓްގެ ސަބަބުން އެ މަސައްކަތްކުރަން ދަތިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަހަރަކު 390 ޑިސްޓްރެސް ކޯލަށް ކޯސްޓް ގާޑުން އާންމުކޮށް ޖަވާބުދާރީވޭ. 900 އަށް ވުރެ ގިނަ މީހުންގެ ފުުރާނަ ރައްކާތެރިކޮށްދޭ،" އޭނާ ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ޝާހިދު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ފޮރިން މިނިސްޓަރު ޝާހިދު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ރާއްޖޭގެ ރައްކާތެރިކަން ކަށަވަރުކޮށްދެވޭ ކަންކަމަށާއި އިޖްތިމާއީ ކަންކަމަށް ޖަޕާނު ސަރުކާރުން ވަމުން އަންނަ އެހީތެރިކަަމަށް އޭނާ ޝުކުރުއަދާ ކުރެއްވި އެވެ.

ޖަޕާނު ސަރުކާރުން މި ފަދަ ކަންކަމަށް ފައިސާ ހަދިޔާކުރާ އިރު، ދެ އެއްބަސްވުމެއްގައި ސޮއިކުރަން ޖެހެ އެވެ. ފުރަތަމަ ސޮއިކުރާ އެކްސްޗޭންޖް އޮފް ނޯޓްސް އަކީ ދެ ގައުމުގެ ސަރުކާރުގެ ދެމެދުގައި ވާ އެއްބަސްވުމެކެވެ. އާންމުކޮށް މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރަނީ ފޮރިން މިނިސްޓްރީންނެވެ. އެއަށް ފަހު، އެ ފައިސާ ހަދިޔާކުރާ އިދާރާއަކާ އެކު އިތުރު އެއްބަސްވުމެއްގައި ސޮއިކުރާނެ އެވެ.

ޖަޕާނު ސަރުކާރުން އަންނަނީ އެކި ކަންކަމުގައި ރާއްޖެއަށް ބޮޑެތި އެހީވަމުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހު އެ ގައުމުން ވަނީ ރާއްޖެއަށް 732 މިލިއަން ރުފިޔާގެ ލޯނެއް 0.01 ޕަސެންޓް އިންޓަރެސްޓް ރޭޓެއްގައި ދީފަ އެވެ.