Roadha Mihaaru
ޖަޕާނުގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ވަޑައިގަންނަވަނީ

ޖަޕާނުގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް ވަޑައިގަންނަވަނީ

25 ޖުލައި 2023

ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާ ރަސްމީ ދަތުރެއްގައި އަންނަ ހޮނިހިރު ދުވަހު ރާއްޖެ އަށް ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާ ރަސްމީ ދަތުރެއްގައި އަންނަ ހޮނިހިރު ދުވަހު ރާއްޖެ އަށް ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ދެ ދުވަހުގެ ރަސްމީ ދަތުރެއްގައި ޔޮޝިމާސާ ރާއްޖެ އަށް ވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، ޔޮޝިމާސާގެ ދަތުރުގައި ޝާހިދާ އެކު ރަސްމީ މަޝްވަރާތައް ބޭއްވުމުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދާއާ ބައްދަލު ކުރައްވާނެ ކަމަށެވެ.

ޔޮޝިމާސާގެ ދަތުރުގެ ތެރެއިން ދިވެހި ސަރުކާރާއި ޖަޕާނު ސަރުކާރާ ދެމެދު ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕްގެ އެއްބަސްވުމެއްގައި ސޮއި ކުރާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިއީ 2018 ވަނަ އަހަރު ޖަޕާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޓާރޯ ކޯނޯ ރާއްޖެއަށް ވަޑައިގެންނެވި ފަހުން، އެ ގައުމުގެ ސަރުކާރުގެ އެންމެ އިސް ފެންވަރުގެ އޮފިޝަލަކު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވާ ފުރަތަމަ ފަހަރެވެ.

ރާއްޖެ އާއި ޖަޕާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ ނޮވެމްބަރު 1967 ގަ އެވެ. އޭގެ ފަހުން، ޖަޕާނުން ގެންދަނީ ރާއްޖޭގައި އުމްރާނީ، ތިމާވެށި އަދި މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ގިނަ އެހީތައް ފޯރުކޮށްދެމުންނެވެ. ހާއްސަކޮށް ރާއްޖޭގައި އިންސާނީ ވަސީލަތްތައް ބިނާކުރުމާއި ހަރުދަނާ ކުރުމަށް ޖަޕާނު ސަރުކާރުން ގެންދަނީ އިސް ދައުރެއް އަދާކުރަމުންނެވެ. ކޮންމެ އަހަރަކު އެކި ދާއިރާތަކުން ސޮކްލާޝިޕާއި ތަމްރީނުގެ ގިނަ ފުރުސަތުތައް އެ ގައުމުން ރާއްޖެ އަށް ފޯރުކޮށްދެ އެވެ.