Roadha Mihaaru
ޖަޕާންގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

ޖަޕާންގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

29 ޖުލައި 2023

ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމަސާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމަސާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.

އެއް ދުވަހަށް ކުރައްވާ ރަސްމީ އެ ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އޭނާއަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލެވެ.

މި ދަތުރުފުޅުގައި ޖަޕާނާއި ރާއްޖެއާ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރުމުގެ ރަސްމީ މަޝްވަރާތައް ބާއްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ވެސް ހަޔާޝީ ބައްދަލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ޖަޕާން ސަރުކާރުން ރާއްޖެއަށް ދޭ ހިއުމަން ޑިވެލޮޕްމެންޓު ސްކޮލާޝިޕްތަކާއި އެމްއެންޑީއެފްއަށް ދޭ އެހީތަކާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި ރާއްޖޭގެ ޑިޕްލޮމެޓިކް ޕާސްޕޯޓާއި އޮފިޝަލް ޕާސްޕޯޓް އޮންނަ ފަރާތްތަކަށް ޖަޕާނުން ވިސާ ލުއި ދިނުމުގެ އެއްބަސްވުމުގައި ވެސް ދެ ގައުމުން ސޮއިކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެންމެ ފަހުން ޖަޕާނުގެ ފޮރިން މިނިސްޓަރެއް ރާއްޖެ ވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރެވެ.