Roadha Mihaaru

އައިއެސްގެ މަޖައްލާއަށް ރާއްޖޭން ލިޔުން ފޮނުވާ: އިންޑިއާ

މި ސަރަހައްދުގެ ގައުމުތަކަށް އަމާޒުކޮށް އައިއެސް އިން ނެރެމުން އަންނަ "ވޮއިސް އޮފް ހިންދު" މަޖައްލާ އުފެއްދުމުގައި ކަޝްމީރާއި އަފްޣާނިސްތާނާއި ޕާކިސްތާނުން ވެސް މީހުން ބައިވެރިވާ ކަމަށާއި މި މަޖައްލާއަށް ރާއްޖޭން ވެސް ލިޔުންތައް އަންނަ ކަމަށް އިންޑިއާގެ ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) އިން ބުނެފި އެވެ.

އައިއެސްގެ މަޖައްލާއަށް ރާއްޖޭން ލިޔުން އާދޭ: އިންޑިއާ

މި ސަރަހައްދުގެ ގައުމުތަކަށް އަމާޒުކޮށް އައިއެސް އިން ނެރެމުން އަންނަ "ވޮއިސް އޮފް ހިންދު" މަޖައްލާ އުފެއްދުމުގައި ކަޝްމީރާއި އަފްޣާނިސްތާނާއި ޕާކިސްތާނުން ވެސް މީހުން ބައިވެރިވާ ކަމަށާއި މި މަޖައްލާއަށް ރާއްޖޭން ވެސް ލިޔުންތައް އަންނަ ކަމަށް އިންޑިއާގެ ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) އިން ބުނެފި އެވެ.

"ވޮއިސް އޮފް ހިންދު" އަކީ އިންޑިއާއަށް ހާއްސަކޮށް، އެކަމަކު ޖުމްލަ ގޮތެއްގައި މި ސަރަހައްދުގެ ހުރިޙާ ގައުމެއްގެ ޒުވާނުންނަށް އަމާޒުކޮށް ހަރުކަށި ފިކުރު ފަތުރަމުން އަންނަ މަޖައްލާއެކެވެ.

އެންއައިއޭއާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އައިއެސް އަށް މީހުން ރެކްރޫޓްކުރުމުގެ ތުހުމަތަށް މިދިޔަ ޖުލައި މަހު ކަޝްމީރުން ހައްޔަރުކުރި ތިން މީހެއްގެ ފަރާތުން ވަނީ މަޖައްލާ ހިންގާ ގޮތާ ބެހޭ ގޮތުން ވަރަށް ގިނަ މައުލޫމާތު ލިބިފަ އެވެ. މި ތިން މީހުންނަކީ މަޖައްލާއަށް ބޭނުންވާ ކޮންޓެންޓް ހޯދައި އެ ތަކެތި ފޮނުވަންޖެހޭ މީސްމީހުންނަށް ފޮނުވުމުގައި ވަރަށް އިސްކޮށް އުޅޭ ބައެއް ކަމަށް އެންއައިއޭ އިން ތުހުމަތުކުރެ އެވެ.

އެންއައިއޭ އިން ބުނީ މަހަކު އެއްފަހަރު އޮންލައިންކޮށް ނެރޭ މި މަޖައްލާ އަކީ އަފްޣާނިސްތާނުގައި ކުރާ މަސައްކަތެއް ކަމަށް ކުރިން ބެލެވިފައި އޮތް ކަމަށެވެ. ނަމަވެސް އެހެން ގައުމުތަކުގެ ތަހުގީގީ އިދާރާތަކާ ގުޅިގެން ކުރި މަސައްކަތުން މިހާރު އެނގޭ ގޮތުގައި މިކަމުގައި ކަޝްމީރާއި ޕާކިސްތާނާއި އަފްޣާނިސްތާނުން ވެސް މީހުން ބައިވެރިވެ އެކި ގައުމުތަކުގައި އެކި މަސައްކަތްކުރާކަން އެނގިފައިވާ ކަމަށް އެންއައިއޭ އިން ބުންޏެވެ. އަދި ދިވެހިރާއްޖޭގެ އިތުރުން ބަންގްލާދޭޝް އިން ވެސް މަޖައްލާއަށް ލިޔުންތައް ފޮނުވާ މީހުން އުޅޭކަން މިހާރު އެނގިފައިވާ ކަމަށް ބުންޏެވެ.

"މަޖައްލާއަށް ފޮނުވާ ލިޔުންތައް އެޑިޓްކުރަނީ ޕާކިސްތާނުގައި އަދި މަޖައްލާ ޑިޒައިންކުރުމުގެ މަސައްކަތް ވެސް ކުރަނީ އެތަނުގައި. އަރަބިން ފޮނުވާ ބައެއް ލިޔުންތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށްފައި ވެސް މަޖައްލާގައި ޖަހާ. މި މަސައްކަތުގައި އުޅެނީ މިފަދަ މަސައްކަތް ދަންނަ، އިނގިރޭސި ބަސް އެނގޭ، ކިޔަވައިގެން ތިބި ޒުވާނުން،" އެންއައިއޭ އިން މީޑިއާ އަށް ކިޔައިދީފައިވެ އެވެ.

މަސައްކަތުގައި އުޅޭ މީހުންނަށް މުސާރައެއް ވެސް ކަނޑަައަޅާފައި އޮވެ އެވެ.

މި މަޖައްލާގައި މިދިޔަ ޖޫން މަހު ޝާއިއުކުރި ލިޔުމެއްގައި އިންޑިއާ އާއި ދެކުނު އޭޝިއާގެ އިޒްރޭލު ކަމަށް ބުނެ ރާއްޖޭގައި އިންޑިއާގެ ނުފޫޒު ގަދަވަމުން އަންނާތީ އެކަމާ ދެކޮޅަށް ވާހަކަ ދައްކާފައިވެ އެވެ، އަދި މީގެ ކުރިން ވެސް އެތައް ފަހަރަކު، އެކި ކަންކަމާ ގުޅުވައިގެން ރާއްޖޭގެ ވާހަކަ ގެނެސް ރާއްޖޭގައި ހަމަލާ ދިނުމަށް ވެސް ރާއްޖޭގައި ތިބި އައިސިސްގެ ސަޕޯޓަރުންނަށް ގޮވާލާފައި ހުރެ އެވެ.

މި މަޖައްލާގެ ކުރީގެ އަދަދުތަކުގައި، އިންޑިއާ ސިފައިންނަށް ހަމަލާ ދިނުމާ ބެހޭ ގޮތުން ވެސް އެތައް ފަހަރަކު ލިޔެފައިވެ އެވެ.

ވޮއިސް އޮފް ހިންދު އުފެއްދިކަމަށް އެނގެން އޮންނަނީ 2020 ވަނަ އަހަރު އެވެ. މިއީ އިސްލާމިކް ސްޓޭޓް-ޚޮރާސަން (އައިއެސްކޭޕީ) އިން ނެރޭ މަޖައްލާއެއް ކަމަށް ވަނީ ބެލެވިފަ އެވެ.