Roadha Mihaaru
ޓެރަރިޒަމާ ދެކޮޅަށް މީހުން ހޭލުންތެރިކުރުވަނީ

ޓެރަރިޒަމާ ދެކޮޅަށް މީހުން ހޭލުންތެރިކުރުވަން އިންޑިޔާގެ ޔުނިވަސިޓީއަކާ ހަވާލުކޮށްފި

28 ސެޕްޓެމްބަރ 2016

ޓެރަރިޒަމާ ދެކޮޅަށް އާންމުން ހޭލުންތެރިކުރުވުމުގެ ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމަށް އިންޑިޔާގެ ލަވްލީ އިންޓަނޭޝަނަލް ޓްރަސްޓާއެކު ރާއްޖޭގެ ޑިފެންސް މިނިސްޓްރީން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓެރަރިޒަމާ ދެކޮޅަށް އާންމުން ހޭލުންތެރިކުރުވުމުގެ ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމަށް އިންޑިޔާގެ ލަވްލީ އިންޓަނޭޝަނަލް ޓްރަސްޓާއެކު ރާއްޖޭގެ ޑިފެންސް މިނިސްޓްރީން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ކޯސްޓްގާޑު ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ލަވްލީ ޔުނިވަސިޓީގެ ވައިސް ޗެއާމަން ނަރޭޝް ކުމާރު މިއްޓަލް އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މިނިސްޓަރު އާދަމް ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް އާއްމުން ހޭލުންތެރިކުރުވުމަށް ލަވްލީ ޔުނިވަސިޓީން މަސައްކަތް ކުރާނީ އިންޑިޔާ ސަރުކާރުގެ އެހީގައި ކަމަށެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ދިވެހި ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތްތަކަށް، މި އެއްބަސްވުމުގެ ސަބަބުން އިތުރު ކުރިއެރުމެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އެއްބަސްވުން ދެމިގެންދާނީ ގާތްގަނޑަކަށް ދެތިން އަހަރަށެވެ. އަދި މި މުއްދަތުގެ ތެރޭގައި، ލަވްލީ ޔުނިވަސިޓީގެ ބޭފުޅުން ރާއްޖޭގެ އެކި ހިސާބުތަކަށް ޒިޔާރަތްކޮށް ޓެރަރިޒަމާ ދެކޮޅަށް ހޭލުންތެރިކުރުވާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އިންޑިޔާގެ ލަވްލީ ޔުނިވާސިޓީގެ އިސްބޭފުޅުންނާއި ޑިފެންސް މިނިސްޓަރު އާދަމް (ކ-2) މިއަދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/މިހާރު

އިންޑިޔާގެ ލަވްލީ ޔުނިވާސިޓީގެ އިސްބޭފުޅުންނާއި ޑިފެންސް މިނިސްޓަރު އާދަމް (ކ-2) މިއަދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/މިހާރު

ލަވްލީ ޔުނިވަސިޓީގެ އެސޯސިއޭޓް ޑިރެކްޓަރު އަމަން މިއްޓަލް ވިދާޅުވީ މިއީ ކާމިޔާބު ޕްރޮޖެކްޓަކަށް ހެދުމަށް އެ ޔުނިވަސިޓީން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިއީ ބޮޑު ބަދަލެއް ގެންނާނެ ޕްރޮޖެކްޓަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އަމަން ވިދާޅުވި އެވެ.

"މި އަހަރުގެ ތެރޭގައި މި ޕްރޮޖެކްޓް ފެށިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ލަވްލީ ޔުނިވަސިޓީން މިއަދު ވަނީ ކުރިއަށް އޮތް ދެ އަހަރަށް ރާއްޖެއަށް ތިން ސްކޮލަޝިޕް ދޭނެ ކަމަށް ވެސް އިއުލާންކޮށްފަ އެވެ.