Roadha Mihaaru
ރަސްފަރީ ފަރަށްއެރި ބޯޓު 10 ދުވަސް ފަހުން ފުންކޮށްފި

ރަސްފަރީ ފަރަށް އެރި ބޯޓު 10 ދުވަސް ފަހުން ފުންކޮށްފި

29 އޯގަސްޓް 2021

މާލެއަތޮޅު ރަސްފަރީ ފަރަށް އެރި ބަލްކް ކެރިއާ 10 ދުވަސް ފަހުން މިއަދު ފުންކޮށްފައިވާ ކަމަށް ޓްރާސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލެއަތޮޅު ރަސްފަރީ ފަރަށް އެރި ބަލްކް ކެރިއާ 10 ދުވަސް ފަހުން މިއަދު ފުންކޮށްފައިވާ ކަމަށް ޓްރާސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

މިމަހުގެ 19 ވަނަ ދުވަހު ފަރަށް އެރީ ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ "ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ ބޯޓެކެވެ. އެ ބޯޓަކީ 32،415 ޓަނުގެ ބަލްކް ކެރިއާ އެކެވެ. ދިގުމިނުގައި 189.99 މީޓަރު (623.23 ފޫޓް) ހުރި އެ އާގުބޯޓު ރަސްފަރީ ފަރަށް އެރީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދާން "އިނޮސެންޓް ޕެސޭޖް" ގެ ގޮތުގައި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރަނިކޮށެވެ.

ޓްރާންސްޕޯޓް އޮތީރިޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި އުޅަނދުގެ ވެރިފަރާތާ ގުޅިގެން ހުއްޓުމެއް ނެތި ކުރި މަސައްކަތުން ބޯޓު ފުންކުރެވިފައި ވަނީ މިއަދު މެންދުރު 2:15 ހާއިރު ކަމަށެވެ.

މިހާތަނަށް ބެލި ބެލުމުން، ތިމާވެއްޓަށް ގެއްލުންވާނެ އެއްޗެއް އެއްޗެއް ބޯޓުން ބޭރުވެފައިވާ ނުވާ ކަމަށް ވެސް ބުންޏެވެ. ބޯޓު ފަރަށް އެރިއިރު އޭގައި ހުރީ ބޯޓު ދުއްވުމަށް ބޭނުންކުރުމަށް ހުރި 1،200 ޓަނުގެ ލޯސަލްފާ އައިއެފްއޯ އަދި 80 ޓަނުގެ ލޯސަލްފާ މެރިން ގޭސް އޮއިލް އެވެ.

"ބޯޓުގައި ހުރި ލޯސަލްފާ އައި.އެފް.އޯ ގެ ތެރެއިން ޕްލޭން ކުރި ގޮތަށް ތިރީ ތާނގިތަކުން އުޅަނދުގެ މަތީ ތާނގިތަކަށް ރައްކާތެރިކަމާ އެކު ތެޔޮ ޓްރާންސްޕާ ކުރެވިފައިވޭ،" އެ އޮތޯރިޓީގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނީ އުޅަނދު ފުންކުރުމަށް ފަހު، ތަހުގީގު މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ބޯޓު ފަރަށް އެރުމުގެ ސަބަބުން ތިމާވެއްޓަށް ލިބުނު ގެއްލުން ބެލުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ކޯސްޓްގާޑުން ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށް ބަޔާނުގައިވެ އެވެ.

އެެ ބޯޓުގެ އިންޖީނު ހުއްޓުނީ 18 ވަނަ ދުވަހުގެ މެންދުރު 1:30 ހާއިރެވެ. އޭރު އޮތީ މާލެ އަތޮޅުގައި އޮންނަ ހިމާޔަތް ކޮށްފައިވާ ރަސްފަރި އާ 17 ނޯޓިކަލް މޭލު ދުރުގަ އެވެ.

އެހާ ހިސާބުން އޮޔާ ގޮސް ބޯޓު ފަރަށް އެރީ އޭގެ އަނެއް ދުވަހު ހެނދުނު 6:30 ވާން އުޅެނިކޮށެވެ. އިންޖީނު ހުއްޓުނުތާ 17 ގަޑިއިރު ފަހުން ބޯޓު ފަރަށް އެރިއިރު ބޯޓުގައި ތިބި 19 ފަޅުވެރިންގެ ތެރެއިން އެކަކު ވެސް ކޯސްޓުގާޑަކަށް ނުވަތަ މި ސަރަހައްދުގެ ކަމާބެހޭ އެއްވެސް ފަރާތަކަށް އެކަމެއް ނާންގަ އެވެ. އެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައީ އެ ސަރަހައްދުން ދަތުރު ކުރި އުޅަނދަކަށް ފެނިގެންނެވެ.