Roadha Mihaaru
ރަސްފަރި ފަރުގައި މުރަކަ އިންދުމުގެ ބޮޑު މަޝްރޫއެއް

ގެއްލުން ލިބުނު ރަސްފަރި ފަރުގައި މުރަކަ އިންދުމުގެ ބޮޑު މަޝްރޫއުއެއް ފަށަނީ

14 ޖެނުއަރީ 2023

މާލެ އަތޮޅު ރަސްފަރި ފަރަށް މީގެ ދޮޅުއަހަރު ކުރިން އެރި އާގު ބޯޓުގެ ސަބަބުން ލިބުނު ގެއްލުން އިއާދަކުރުމަށްޓަކައި އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާ އެކު ފަސް އަހަރުގެ ބޮޑު މަޝްރޫއެއް ހިންގާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ އަތޮޅު ރަސްފަރި ފަރަށް މީގެ ދޮޅުއަހަރު ކުރިން އެރި އާގު ބޯޓުގެ ސަބަބުން ލިބުނު ގެއްލުން އިއާދަކުރުމަށްޓަކައި އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާ އެކު ފަސް އަހަރުގެ ބޮޑު މަޝްރޫއެއް ހިންގާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހު އީޕީއޭއިން ކުރި އިއުލާނުގައި ބުނީ ރަސްފަރި ފަރު އިއާދަކުރުމަށްޓަކައި ކުރިއަށް ގެންދާ މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާ ކަމަށެވެ. އެ ފުރުސަތު މި މަހު 26 ގެ ނިޔަލަށް އޮންނާނެ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަނިކޮށް، ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ "ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ ބޯޓު، ސަރުކާރުން ހިމާޔަތްކޮށްފައިވާ ރަސްފަރި ފަރަށް އެރީ އޮގަސްޓް 18، 2021 ގަ އެވެ. އެ ފަރަށް ލިބުނު ގެއްލުން ބެލިއިރު ފަރުގެ 8،867 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، މުރަކަތަކާއި އެހެނިހެން ގިނަ އަދަދެއްގެ ދިރުންތައް ވެސް މަރުވި ކަމަށް އީޕީއޭއިން ހެދި އެސަސްމަންޓްގައި ބުނެފައިވެ އެވެ.

އެ ފަރު އިއާދަކުރުމަށްޓަކައި އީޕީއޭއިން ކުރި އިއުލާނުގައި ބުނީ އެ މަސައްކަތްކުރުމަށް ބޭނުންވާ ފަންޑު ދިނުމަށް ބޯޓުގެ ވެރިފަރާތުން އެއްބަސްވެފައިވާ ކަމަށެވެ.

"މިއީ ރާއްޖޭގެ ފަރަކަށް ލިބުނު ގެއްލުން އިއާދަކުރުމަށްޓަކައި ގެެއްލުމުގެ ޒިންމާ ނަގަން ޖެހޭ ބަޔަކު ފަންޑުކުރާ ފުރަތަމަ ފަހަރު،" އެ އިއުލާނުގައި ބުންޏެވެ.

ފަރު އިއާދަކުރުމަށްޓަކައި އެހީތެރިކަން ބޭނުންވާ ދާއިރާތައް

• ނާސަރީތައް ހެދުމާއި މުރަކައިގެ ފްރެގްމަންޓްސް ހޯދާނެ ތަންތަން ދެނެގަތުން

• ނާސަރީތައް މޮނިޓާކުރުމާއި ބެލެހެއްޓުން

• ނާސަރީތަކުގައި އާލާކުރާ މުރަކަ ރަސްފަރި ފަރުގައި އިންދުން

• ފަރުގައި އެ މުރަކަތައް އިންދާނެ ތަންތަން ދެނެގަތުން

• ފަރުގައި އިންދާ މުރަކަތައް ބެލެހެއްޓުން

• ދަތުރުފަތުރުފަދަ ލޮޖިސްޓިކްސްގެ ކަންކަމުގައި އެހީތެރިވުން

• މުރަކަ އިންދުމާއި މެނޭޖުކުރުމުގެ މަސައްކަތަށް ފަންނީ ލަފާދިނުން

ދިގުމިނުގައި 623 ފޫޓު ހުންނަ އެ ބޯޓު ރަސްފަރީ ފަރަށް އެރީ އިންޖީނު ހުއްޓިގެން އޮޔާ ގެންގޮހެވެ. ރާއްޖެއިން ބޭރުން ޓަގު ބޯޓެއް ގެނެސްގެން، އެ އާގު ބޯޓު ފުންކުރެވުނީ ފަރަށް އެރިތާ 10 ދުވަސްވީ ފަހުންނެވެ.

ބޯޓުގެ ޖޫރިމަނާ އާއި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 893 މިލިއަން ރުފިޔާ ދައްކަން އެ ބޯޓުގެ ވެރިފަރާތަށް އީޕީއޭގެ ސާވޭއަށް ފަހު އެންގި އެވެ. އެކަމަކު ފަހުން ވަނީ އެ އަދަދު ކުޑަކޮށްދީފަ އެވެ. ޖޫރިމަނާގެ ގޮތުގައި 100 މިލިއަން ރުފިޔާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 154 މިލިއަން ރުފިޔާ އެ ބޯޓުގެ ވެރިފަރާތުން ވަނީ އީޕީއޭއަށް ދައްކައިފަ އެވެ.

އެއީ ތިމާވެށީގެ ގާނޫނުގެ ދަށުން ކުރި ޖޫރިމަނާއަކުން މިހާތަނަށް ދައުތަލަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ހޯދުނު ފަހަރެވެ. އަދި ތިމާވެއްޓަށް ލިބުނު ގެއްލުން ރަނގަޅުކުރުމަށް ހަރަދުކުރުމަށް ޝަރުތުކޮށް އެ ފައިސާ ދައުލަތަށް ހޯދުނު ވެސް ފުރަތަމަ ފަހަރެވެ.