Roadha Mihaaru
އަފީފުގެ ވާހަކަތައް އެޑިއުކޭޝަނުން ދޮގުކޮށްފި

އަފީފުގެ ވާހަކަތައް އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފި

29 އޯގަސްޓް 2021

ރާއްޖެ އިން ބޭރުން އިސްލާމް ޓީޗަރުން ގެނެސްގެން ކިޔަވައި ދިނުމަށް ކޮންމެވެސް ވަރަކަށް އެޑިއުކޭޝަން މިނިސްޓްރީން ވިސްނަމުންދާ ކަމަށް ވިދާޅުވެ، އެ މިނިސްޓްރީއާ ހަވާލާ ދެއްވައި ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފު ރޭ ދެއްކެވި ވާހަކަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ދޮގުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެ އިން ބޭރުން އިސްލާމް ޓީޗަރުން ގެނެސްގެން ކިޔަވައި ދިނުމަށް ކޮންމެވެސް ވަރަކަށް އެޑިއުކޭޝަން މިނިސްޓްރީން ވިސްނަމުންދާ ކަމަށް ވިދާޅުވެ، އެ މިނިސްޓްރީއާ ހަވާލާ ދެއްވައި ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފު ރޭ ދެއްކެވި ވާހަކަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ދޮގުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގަށް ފާރަވެރިވުމަށް އެމްޑީޕީން އުފައްދާފައިވާ "މެއި 6" ކޮމިޓީން ވަނީ ސްކޫލުތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ރިކޮމެންޑޭޝަންތައް ތަންފީޒުކުރަން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އެ މިނިސްޓްރީގެ އިސްވެރިންނާއެކު މަޝްވަރާކޮށްފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ޖަލްސާގައި، "މެއި 6" ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާ އަފީފު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީއާ އެކު އޮތް ބައްދަލުވުމުގައި، ސްކޫލު ކުދިންނަށް އަމާޒުކޮށް ހަރުކަށި ފިކުރު ފަތުރައި އަދި ޅަކުދިންގެ ސިކުނޑި އަނބުރައިލަން މަސައްކަތް ކުރަމުންދާ ކަމަށް އެކި ފަރާތްތަކުން ވާހަކަ ދައްކާ ކަމަށް ދަންނަވާފައި ވާނެ ކަމަށެވެ. އެއީ އެ މިނިސްޓްރީ އަށް ވެސް ފާހަގަކުރެވިފައިވާ ކަންތައްތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އިސްލާމް ފޮތްތަކުގައި ނަފްރަތު އުފެއްދުމަށް މަގުފަހިވާ ލިޔެކިޔުންތައް ހުރުމުން އެ ބައިތައް ބަދަލުކުރަމުންދާ ކަމަށާއި ރާއްޖެއިން ބޭރުން އިސްލާމް ޓީޗަރުން ގެނެސްގެން ކިޔަވައިދިނުމަށް ކޮންމެ ވެސް ވަރަކަށް ވިސްނަމުން ދާ ކަމަށް މިނިސްޓްރީއާ ހަވާލާ ދެއްވައި އަފީފު ރޭ ވިދާޅުވި އެވެ.

އެކަމަކު، ރައްޔިތުންގެ މަޖިލީހުގެ އެންމެ ސީނިއާ މެމްބަރުންގެ ތެރޭގައި ހިމެނޭ އަފީފު ދެއްކެވި އެ ވާހަކައާއެކު، އެތައް ބައެއްގެ ފާޑުކިޔުމާއި ނަފްރަތު އެޑިއުކޭޝަން މިނިސްޓްރީ އަށް އަމާޒު ވެފައި ވަނިކޮށް، އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ އޭނާގެ އެ ވާހަކަ ދޮގުކޮށްފަ އެވެ.

އެ މިނިސްޓްރީން ބުނީ އެ މަސައްކަތާ ގުޅޭގޮތުން އެމްޑީޕީގެ ކޮމިޓީއާ ބައްދަލުކޮށް، އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައިދިނުމާ މެދު މަޝްވަރާ ކުރި ކަމަށެވެ. ނަމަވެސް އެ މާއްދާ ކިޔަވައި ދިނުމަށް ބޭރު ގައުމުތަކުން ޓީޗަރުން ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް ސަރުކާރުން ބުންޏެވެ.

"އިސްލާމް މާއްދާގެ މުގައްރަރު ތައްޔާރު ކުރެވިފައި ވަނީ ދިވެހި ބަހުން ކަމަށް ވެފައި އަދި އެ މާއްދާ ކިޔަވައި ދެއްވުމަށް ތަމްރީނު ކުރެވިފައިވާ، ފެންވަރު ރަނގަޅު ދިވެހި ޓީޗަރުން ދިވެހިރާއްޖޭގައި ތިއްބެވުމުން އިނގިރޭސި ބަހުން އެ މާއްދާ ކިޔަވައިދިނުމަށް މި މިނިސްޓްރީން ވިސްނާފައި ނުވާ ކަމުގައި ދެންނެވީމެވެ،" ބަޔާނުގައި ވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ ބަދުނާމުވާ ގޮތަށް އަފީފު ވާހަކަ ދެއްކެވިއިރު، އޭނާ އަކީ އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ނަޝީދުގެ ފަޅީގެ އިސް މެމްބަރެކެވެ. އޭނާ ގެންދަވަނީ އެކި ކަންކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެ، ފިއްތުންތައް ކުރިމަތި ކުރައްވައި އޭގހެ ބަދަލުގައި ނަޝީދު ދިފާއު ކުރައްވަމުންނެވެ.