Roadha Mihaaru
ފޮތްތަކުގެ މައްސަލަ ހަފުތާއެއް ތެރޭގައި ބަލައި ނިންމަނީ

އިސްލާމާއި ގުރުއާން ފޮތުގައި ހުރި މައްސަލަތައް ހަފުތާއެއްގެ ތެރޭގައި ބަލައި ނިންމަނީ

07 ސެޕްޓެމްބަރ 2021

ބައެއް ގްރޭޑުތަކުގެ އިސްލާމާއި ގުރުއާން ފޮތުގައި ހުރި މައްސަލަތައް ދިމާވާން މެދުވެރިވި ސަބަބު ދެނެގަތުމަށް އެކުލަވައިލާފައިވާ ކޮމިޓީން އެ މައްސަލަ ބެލުމަށް ފަހު، އެޑިއުކޭޝަން މިނިސްޓަރަށް ހަފުތާއެއްގެ ތެރޭގައި ރިޕޯޓް ހުށަހަޅަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ބައެއް ގްރޭޑުތަކުގެ އިސްލާމާއި ގުރުއާން ފޮތުގައި ހުރި މައްސަލަތައް ދިމާވާން މެދުވެރިވި ސަބަބު ދެނެގަތުމަށް އެކުލަވައިލާފައިވާ ކޮމިޓީން އެ މައްސަލަ ބެލުމަށް ފަހު، އެޑިއުކޭޝަން މިނިސްޓަރަށް ހަފުތާއެއްގެ ތެރޭގައި ރިޕޯޓް ހުށަހަޅަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ މި ކޮމިޓީގެ މަސައްކަތްތައް މިހާރު ފަށާފައިވާއިރު، ކޮމިޓީން މިނިސްޓަރު ޑރ. އާއިޝަތު އަލީ އަށް ހުށަހަޅާ ރިޕޯޓުގެ ނަތީޖާ އަށް ބަލައި ބަދަލު ގެންނަން ޖެހޭ ކަންކަމަށް ބަދަލު ގެންނާނެ ކަމަށެވެ.

ހުރިހާ ގްރޭޑްތަކެއްގައި ގުރުއާނާއި އިސްލާމްގެ ފޮތްތަކުގައި އިތުރު ކުށްތައް ހުރިތޯ ބެލުމަށް އެންއައިއީގެ މުވައްޒަފުން ނުހިމެނޭ މިނިވަން ކޮމިޓީއަކުން ފޮތްތައް މުރާޖައާ ކުރުން ފަށައިފައިވާ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

"މި ކޮމިޓީން އިހުމާލުވި ބައެއް ތިބިތޯ ބަލާނެ،" އާއިޝަތު އަލީ ވިދާޅުވި އެވެ.

ގްރޭޑް އެކެއްގެ ކުދިންގެ ގުރުއާން ފޮތުގައި އާޔަތްތައް ނުބައިކޮށް ހުރުމުން އެކަން އިސްލާހުކޮށްގެން ކިޔަވައިދެމުން ގެންދާތާ ފަސް އަހަރު ވެއްޖެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ގައުމީ އާ މަންހަޖުގެ ދަށުން ކިޔަވައި ދިނުމަށް 2015 ގައި ޗާޕުކުރި މި ފޮތްތަކުގައި އޭރުއްސުރެ އެ ކުށް އޮތް ނަމަވެސް މިނިސްޓްރީގެ ސަމާލުކަމަށް އައީ މި ފަހުން ކަމަށެވެ.

ގުރޭޑް އެކެއްގެ ގުރުއާން ފޮތްތައް ޗާޕްކުރި އިރު، ދެ ސޫރަތެއްގެ އާޔަތްތައް އެކުވި މައްސަލައެއް ފެންމަތިވީ މިދިޔަ ހަފުތާގަ އެވެ. އޭގެ ފަހުން، ގްރޭޑް 2 އަދި 12 ގެ އިސްލާމް ފޮތްތަކުގައި ވެސް އެފަދަ މައްސަލަތަކެއް ހުރުމުން، ބައެއް އިލްމުވެރިން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެންއައިއީއާ ގުޅިގެން މި ކުށް އިސްލާހު ކުރުމުގެ މަސައްކަތް އެޑިއުކޭޝަނުން އަންނަނީ ކުރަމުންނެވެ. އެހެންވެ، ކުދިންގެ އަތުން އެ ފޮތްތައް މިހާރު ނަގައި، ކުށް ހުރި ސަފުހާތައް ފޮތުން ނެގުމަށް ފަހު، އާޔަތްތައް އިސްލާހުކޮށް، އެ ސަފުހާ އަލުން ފޮތްތަކުގައި ތަތްކުރަން ސްކޫލުތަކަށް ވަނީ އަންގައިފަ އެވެ.