Roadha Mihaaru
ޔާމީންގެ އަތުން ފަސް މިލިއަން ހޯދަން ކޯޓަށް

ޔާމީން އަދިވެސް ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދައްކަވާ، އޭޖީ އޮފީހުން ސިވިލް ކޯޓަށް

25 އޯގަސްޓް 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެ މަނިކުފާނު ފަސް އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ކްރިމިނަލް ކޯޓުން ޖޫރިމަނާ ކުރި ނަމަވެސް އެ ޖޫރިމަނާ އަދިވެސް ނުދައްކަވާތީ، އެ ފައިސާ ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެ މަނިކުފާނު ފަސް އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ކްރިމިނަލް ކޯޓުން ޖޫރިމަނާ ކުރި ނަމަވެސް އެ ޖޫރިމަނާ އަދިވެސް ނުދައްކަވާތީ، އެ ފައިސާ ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.

ޔާމީން ފަސް އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 28، 2019ގަ އެވެ. އެ ހުކުމުގައި އަންގާފައި ވަނީ ޖޫރިމަނާގެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މީރާ އަށް ދެއްކުމަށެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ މުއްދަތު ހަމަވި އިރު ވެސް ޔާމީން ފައިސާ ނުދައްކަވާ ކަމަށެވެ. އެހެންވެ، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން، އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ޖޫން 26، 2021 ގައި ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން އެދުމުން ވެސް އެ ފައިސާ ދައްކަވާފައި ނުވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެ އެވެ.

އެހެންކަމުން، އެ ފައިސާ ހޯދުމަށް އޭޖީ އޮފީހުން އިއްޔެ ސިވިލް ކޯޓަށް ވަނީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި އެދިފައި ވަނީ ފަސް މިލިއަން ޑޮލަރު އެކީ އެއްފަހަރާ ދައުލަތަށް ދެއްކެވުމުގެ އަމުރެއް ނެރެދިނުމަށެވެ.

އެ މައްސަލަ ހުށަހެޅީ، ޓެކްސް ނޫނީ ދައުލަތަށް ލިބެން ޖެހޭ އެހެނިހެން ފައިސާ، އެ ފައިސާ ދައްކަން ޖެހޭ މުއްދަތުގައި ދައްކާފައި ނުވާ ނަމަ އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށް ދައުވާ ކުރުމުގެ އިހްތިޔާރު އޭޖީ އޮފީހަށް ލިބިގެންވާ ކަމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައި ބުނާ މާއްދާގެ ދަށުންނެވެ.

ޔާމީން ޖަލަށްލި ހުކުމަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ އަސްލު އޮޅުވާލައި ލޯންޑާ ކުރިކަން ސާބިތުވުމުން ކުރި ހުކުމެކެވެ.

ވޮޑަމުލާ މައްސަލައިގައި ޔާމީނަށް ކުރި ދައުވާއަކީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް އިއްވި ހުކުމެވެ. އަދި އެއީ ޖިނާއީ މައްސަލައެއްގައި ކުރި އެންމެ ބޮޑު ޖޫރިމަނާ އެވެ.

ޔާމީނަށް އިއްވި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި ފަށަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ހުކުމެއްގައި ހުންނެވިޔަސް ޔާމީން މި ވަގުތު ހުންނެވީ ގޭބަންދުގަ އެވެ. އެއީ ގެއަށް ޖަލުގައި ކޮވިޑް ފެތުރޭތީ ކަމަށް ބުނެ އެވެ.