Roadha Mihaaru
ގެއްލުންވާނެ އެއްޗެއް ބޯޓުން ބޭރެއް ނުވޭ: ޓްރާންސްޕޯޓް

ފަރަށް އެރި ބޯޓުން ތިމާވެއްޓަށް ގެއްލުންވާނެ އެއްޗެއް ކަނޑަކަށް ނޭޅޭ: ޓްރާންސްޕޯޓް

23 އޯގަސްޓް 2021

މާލެއަތޮޅު ރަސްފަރީ ފަރަށް މިދިޔަ ބުރާސްފަތި ދުވަހު އެރި އާގު ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އެ ބޯޓުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރުވެފައި ނުވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލެއަތޮޅު ރަސްފަރީ ފަރަށް މިދިޔަ ބުރާސްފަތި ދުވަހު އެރި އާގު ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އެ ބޯޓުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރުވެފައި ނުވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

ފަރަށް އަރާފައި ވަނީ ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ "ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ ބޯޓެކެވެ. އެ ބޯޓަކީ 32،415 ޓަނުގެ ބަލްކް ކެރިއާ އެކެވެ. ބަލްކް ކެެރިއާ އަކީ އެތެރެއަށް މުދާ އޮއްސައިގެން އުފުލާ ބާވަތުގެ އާގުބޯޓް ފަހަރެވެ.

ދިގުމިނުގައި 189.99 މީޓަރު (623.23 ފޫޓް) ހުރި އެ އާގުބޯޓު ރަސްފަރީ ފަރަށް އެރީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދާން "އިނޮސެންޓް ޕެސޭޖް" ގެ ގޮތުގައި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރަނިކޮށެވެ. އިނޮސެންޓް ޕެސޭޖަކީ ކުއްލި ހާދިސާއެއް ދިމާވެގެން، އާންމު އުސޫލުތަކުގެ ބޭރުން، ގައުމެއްގެ ސަރަހައްދަށް ވަނުމަށް އޮންނަ އިހްތިޔާރެކެވެ.

ބޯޓު ފަރަށް އެރި ހާދިސާއާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ހާދިސާ ހިނގިއިރު އޭގައި އެއްވެސް ކާގޯއެއް ނެތް ކަމަށާއި އުޅަނދު ފަރަށް އެރީ ކާށިދޫ ކަނޑުގެ ދެކުނުގައި އޮއްވައި ބޯޓުގެ އިންޖީނު ފެއިލްވުމުގެ ސަބަބުން އޮޔާ ގޮސްގެން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

އެ ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްއެންޑީއެފާއި އީޕީއޭ އާއި ކަސްޓަމްސް އާއި އެމްޕީއެލް އާއި އިމިގްރޭޝަނާއި ޕޯޓް ހެލްތާއި އެ އުޅަނދުގެ ލޯކަލް އެޖެންޓްގެ ގޮތުގައި ކަނޑައަޅާފައިވާ އެންޓްރެކް މޯލްޑިވްސް ގުޅިގެންނެވެ.

"އުޅަނދު ފަރުން ނެގުމަށްޓަކައި ސެލްވޭޖު އޮޕަރޭޝަން ހިންގުމަށް ކުރަންޖެހޭ މަސައްކަތް ބޯޓުގެ ވެރިފަރާތުން ގެންދަނީ ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކުރަމުން ކަމުގައި ވެސް ދެންނެވީމެވެ،" އެ އޮތޯރިޓީގެ ބަޔާނުގައިވެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ބޯޓު ފަރަށް އެރިއިރު އޭގައި ހުރީ ބޯޓު ދުއްވުމަށް ބޭނުންކުރުމަށް ހުރި 1،200 ޓަނުގެ ލޯސަލްފާ އައިއެފްއޯ އަދި 80 ޓަނުގެ ލޯސަލްފާ މެރިން ގޭސް އޮއިލް ކަމަށެވެ. އެކަމަކު މިހާތަނަށް ބެލި ބެލުމުން ވެސް އެ އުޅަނދުން ތިމާވެއްޓަށް ގެއްލުންވާނެ އެެއްވެސް އެއްޗެއް ކަނޑަށް ބޭރުވެފައިވާކަން ފާހަގަނުކުރެވޭ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނި ގޮތުގައި ކަނޑަށް ތެޔޮ ބޭރު ނުވާނެގޮތަށް ކަންކަން ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އުޅަނދުގެ ވެރިފަރާތަށް ވަނީ އަންގައިފަ އެވެ.

ތިމާވެއްޓަށް ގެއްލުންވާނެ އެއްޗެއް ކަނޑަށް ބޭރުވެފައި ނުވާ ކަމަށް ބަޔާނުގައި އޮތް ނަމަވެސް ބޯޓު ފަރަށް އެރުމުން ފަރަށް ލިބުނު ގެއްލުންތަކާ ބެހޭ ވާހަކައެއް ބަޔާނަކު ނެތެވެ.