11 ނޮވެމްބަރ 2016
ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި "އެމްވީ އެންޖީއޯސީ ސަން" ސަބަބުން ފަރަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދެވޭނެ ކަމަށް ބޯޓުގެ ވެރިފަރާތުން ބުނި އަދަދަކީ މާ ކުޑަ އަދަދެއް ކަމަށާއި އެ އަދަދު ގަބޫލު ނުކުރާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.
ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި "އެމްވީ އެންޖީއޯސީ ސަން" ސަބަބުން ފަރަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދެވޭނެ ކަމަށް ބޯޓުގެ ވެރިފަރާތުން ބުނި އަދަދަކީ މާ ކުޑަ އަދަދެއް ކަމަށާއި އެ އަދަދު ގަބޫލު ނުކުރާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.
ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމްގެ މަސައްކަތް ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ސިއެރާ ކުންފުނީގެ އޯޑަރަށް ގެނައި މުދާ ހިފައިގެން ދިޔަ ބޯޓު ފަރަށް އެރުމުން ލިބުނު ގެއްލުމުގެ އަގު 633.7 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން އަންގައި އެވެ.
ނަމަވެސް ބޯޓުގެ ވެރިފަރާތުން އެންގީ ބަދަލުގެ ގޮތުގައި ދެވޭނީ 1.8 މިލިއަން ޑޮލަރު (27.7 މިލިއަން ރުފިޔާ) ކަމަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު ވިދާޅުވީ ބޯޓުގެ ވެރިފަރާތުން ބުނި އަދަދަކީ ފަރަށް ލިބުނު ގެއްލުމާއި ތިމާވެއްޓަށް ލިބުނު ގެއްލުންތަކަށް ބަލާއިރު ކުޑަ އަދަދެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ އަދަދެއް ނޫން އެ ފަރާތުން ހުށަހެޅީ، އަޅުގަނޑުމެން އަދިވެސް މިތިބީ މަޝްވަރާކޮށްގެން މިކަމުގައި ހައްލެއް ގެނެވޭނެ ކަމަށް ބަލައިގެން،" ނާފިޒު ވިދާޅުވި އެވެ.
ނާފިޒު ވިދާޅުވި ގޮތުގައި މަޝްވަރާކޮށްގެން ސަރުކާރުން ބުނި އަދަދަށް ވުރެ ކުޑަ އަދަދެއް ކަނޑައެޅުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް އެ އަދަދަކީ ދެ ފަރާތަށް ވެސް އެއްބަސްވެވޭނެ އަދަދަކަށް ވާން ޖެހޭނެ ކަމަށާއި ސަރުކާރުން އޮތީ މަޝްވަރާ ކުރަން އަބަދުވެސް ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އޮގަސްޓް މަހު ފަރަށް އެރި ބޯޓު މަހެއްހާ ދުވަސް ފަހުން ފުންކޮށްގެން މަރާމާތުކުރުމަށް ސްރީ ލަންކާގެ ކޮލަމްބޯ އަށް ގެންދިޔަ މަގުމަތީގައި ވަނީ ދިޔަވެގެން އަޑިއަށް ގޮސްފަ އެވެ. ބޯޓު ރާއްޖޭން ފުރުމުގެ ހުއްދަ ދިނީ ފަރަށް ލިބުނު ގެއްލުން ބަލައި ގެއްލުމުގެ ބަދަލު ދައްކަން ބޯޓުގެ ރާއްޖޭގެ އެޖެންޓް ލިޔުމެއްގައި ސޮއިކުރުމުން ކަމަށް ޓްރާންސްޕޯޓުން ކުރިން ބުނެފައިވެ އެވެ.
ނާފިޒު ވިދާޅުވީ ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ބޯޓުގެ ވެރިފަރާތުން ދައްކާނެ ކަމުގެ ޔަގީންކަން މިހާރު ނެތް ކަމަށެވެ. އެއީ ބޯޓު ފެންނަން ނެތުމާއި ބޯޓުގެ ފަޅުވެރިންގެ ގޮތުގައި ތިބި މީހުން މާ ގިނަ ދުވަހު ރާއްޖޭގައި ބޭތިއްބިދާނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެން ގައުމެއްގެ ބައެއް މިތިބީ ފަޅުވެރިންނަށް، އެ މީހުންގެ އާއިލާތަކާއި ސަރުކާރުން ވެސް މަސައްކަތް ކުރާނެ އެ މީހުން އަނބުރާ ގައުމަށް ގެނައުމަށް، އެ ބޯޓު އޮތް ނަމަ، ބޯޓު ހިފަހައްޓައިގެން ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މާ ފަސޭހަވީސް" ނާފިޒު ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެން އުންމީދު ކުރަނީ މިކަމުގައި އަވަސް ހައްލެއް އައިސް، ފަރަށް ލިބުނު ގެއްލުމުގެ ގޮތުގައި ދެވޭނެ އަދަދެއް ކަނޑައެޅިގެން ދާނެ ކަމަށް،"
"އެމްވީ އެންޖީއޯސީ ސަން" ފުންކުރީ ބޯޓުގައި ހުރި 5700 ޓަނުގެ ހިލަ އާއި ހިލަވެލީގެ ތެރެއިން 5000 އެއްހާ ޓަނުގެ އެއްޗެހި މޫދަށް އުކާލައި، ބޯޓު ލުއިކުރުމަށް ފަހު ދެ ޓަގު ބޭނުންކޮށްގެންނެވެ. ބޯޓުގައި ހުރި ހިލަ އާއި ހިލަވެލިތައް މޫދަށް އުކާލަން އީޕީއޭއިން ހުއްދަ ދިނީ އެ ނޫން ގޮތަކަށް ބޯޓު ފުންކުރެވޭނެ ގޮތެއް ނެތުމުން ކަމަށްވެ އެވެ. ބޯޓު އެގޮތަށް ފަރުމަތީ އޮވެއްޖެ ނަމަ ތިމާވެއްޓަށް މާ ބޮޑު ގެއްލުންތަކެއް ލިބިދާނެ ކަމަށް އީޕީއޭ އިން ދެކެ އެވެ.
ފުވައްމުލަކު ފަރަށް ލިބުނު ގެއްލުން 633 މިލިއަނަށް
އުކާލި ހިލަތަކުން ފުވައްމުލަކު ގޮނޑުދޮށް ކަޅުވެއްޖެ
"ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެވޭނީ 1.8 މިލިއަން"
ފަރަށް އެރި ބޯޓު އޮތީ ފޫގޮސްފައި
ބޯޓަށް ފުރޭނީ ފައިސާ ދެއްކޭނެ ގޮތެއް ހަމަޖައްސާފައި
ފުވައްމުލަކު ފަރަށް ލިބުނު ގެއްލުން ބަލަން ފަށައިފި
ބޯޓުު ފުނެއް ނުކުރެވުނު، އިތުރު 15 ދުވަސް ދީފި
ޓަގު ބޯޓު ގެނެސް ބޯޓު ފުންކުރުމުގެ މަސައްކަތް ފަށައިފި
ރަސްފަރީ ފަރަށްއެރި ބޯޓު 10 ދުވަސް ފަހުން ފުންކޮށްފި
ގެއްލުންވާނެ އެއްޗެއް ބޯޓުން ބޭރެއް ނުވޭ: ޓްރާންސްޕޯޓް