Roadha Mihaaru
ޓަގު ބޯޓު ގެނެސް ބޯޓު ފުންކުރުމުގެ މަސައްކަތް ފަށައިފި

ޓަގު ބޯޓު ގެނެސް، ބޯޓު ފުންކުރުމުގެ މަސައްކަތް ފަށައިފި

19 އޯގަސްޓް 2016

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް މިދިޔަ ހޮނިހިރު ދުވަހު އެރި ވިއެޓްނާމްގެ އާގުބޯޓު ފުންކުރަން ސިންގަޕޫރުން ގެނައި ޓަގު ބޯޓު މިއަދު އެ ރަށަށް ހިނގައްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް މިދިޔަ ހޮނިހިރު ދުވަހު އެރި ވިއެޓްނާމްގެ އާގުބޯޓު ފުންކުރަން ސިންގަޕޫރުން ގެނައި ޓަގު ބޯޓު މިއަދު އެ ރަށަށް ހިނގައްޖެ އެވެ.

"އެމްވީ އެންޖީއޯސީ ސަން" ނަމަކަށް ކިޔާ ބޯޓު ފަރަށް އެރީ ފުވައްމުލަކުގައި ގާއިމުކުރާ ފެނާއި ނަރުދަމާގެ މަސައްކަތަށް ބޭނުންވާ ހިލަ އާއި ހިލަވެލި ހިފައިގެން ދަތުރު ކުރަނިކޮށެވެ. މި ބޯޓުގައި 20 ފަޅުވެރިން ތިބިއިރު، މިއީ ދިގުމިނުގައި 102.79 މީޓަރު، ފުޅާމިނުގައި 17 މީޓަރު ހުރި ބޯޓެކެވެ.

ބޯޓު ފަރަށް އެރުމާ އެކު ސަޕްލައި ދޯނިތަކެއް ގެންގޮސްގެން ބޯޓުގައި ހުރި ހިލަ އާއި ހިލަވެލިތައް ބޭލޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް އެ ސަރަހައްދަކީ ބޮޑެތި ބާނިތައް އުފެދޭ ދިމާލަކަށްވުމުން، ބޯޓު ފުންކުރަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

ބޯޓުގެ ރާއްޖޭގެ އެޖެންޓް އޯޝަން ލޮޖިސްޓިކްސް އެންޑް ޝިޕިންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަހީދު މިއަދު ވިދާޅުވީ 5،700 ޓަނުގެ މުދާ ހުރި ބޯޓު ފުންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ ސިންގަޕޫރުގެ ސެލްވޭޖް ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާދަމާ އިތުރު ދެ ޓަގު ބޯޓު އަންނާނެ، މިބަލަނީ ކުރިއަށް އޮތް 10 ދުވަސް ތެރޭގައި ބޯޓު ފުންކުރެވޭނެ ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.

ބޯޓު ފުންކުރަން 15 ދުވަހުގެ ނޯޓިސްއެއް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ދީފަ އެވެ.

ފުވައްމުލަކު ފަރަށް އެރި ބޯޓު. މި ބޯޓު ފުން ކުރުމުގެ މަސައްކަތް ދަނީ ކުރަމުން. - ފޮޓޯ: އެމްއެންޑީއެފް

ފުވައްމުލަކު ފަރަށް އެރި ބޯޓު. މި ބޯޓު ފުން ކުރުމުގެ މަސައްކަތް ދަނީ ކުރަމުން. - ފޮޓޯ: އެމްއެންޑީއެފް

ބޯޓު ފަރަށް އެރި ދިމާލަކީ ޑައިވް ކުރުމަށް ވެސް ހާއްސަ ސަރަހައްދެކެވެ. އެގޮތުން މަޝްހޫރު "ހުރަސްފަރުގަނޑު" އޮންނަނީ ބޯޓު ފަރަށް އެރި ދިމާލުގަ އެވެ. އެކަމަކު ބޯޓު ފަރަށް އެރުމުގެ ސަބަބުން ޑައިވް ޕޮއިންޓަށާއި ފަރަށް ލިބުނު ގެއްލުމެއް އަދި ނޭނގެ އެވެ. ‎ބޯޓުގެ ރާއްޖޭގެ އެޖެންޓް ބުނީ އެ ބޯޓުގައި ހިލަ އާއި ހިލަވެއްޔާއެކު 5700 ޖަމްބޯ ބޭގް އެބަހުއްޓެވެ. ‎ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ސަރުކާރުން ހަވާލުކުރީ ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ. އެކަމަކު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ހިލަ އާއި ހިލަވެލި ގެންދިއުމަށް ހަވާލުކޮށްފައި ވަނީ ވިއެޓްނާމްގެ މުދާ އުފުލާ ބޯޓަކާ އެވެ. ‎ބޯޓު ފަރަށް އެރީ އިންޑިއާގެ ޓުޓިކޮރިން އިން ރާއްޖެ އަށް މުދާ ބަރުކޮށްގެން މިދިޔަ ހޯމަ ދުވަހު މާލެ ބަނދަރަށް ވަދެ، ކްލިއަރެންސް ހޯދުމަށް ފަހު ހޮނިހިރުދުވަހު ފުވައްމުލަކަށް ކައިރިކޮށް މުދާ ބާލަން އުޅެނިކޮށެވެ.