Roadha Mihaaru
ބޯޓަށް ފުރޭނީ ފައިސާ ދެއްކޭނެ ގޮތެއް ހަމަޖައްސާފައި

ބޯޓަށް ފުރޭނީ ފައިސާ ދެއްކޭނެ ގޮތެއް ހަމަޖައްސާފައި: ޓްރާންސްޕޯޓް

18 ސެޕްޓެމްބަރ 2016

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓަށް ރާއްޖެއިން ބޭރަށް ފުރޭނީ ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ފަހު ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓަށް ރާއްޖެއިން ބޭރަށް ފުރޭނީ ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ފަހު ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމަށް ބޭނުންވާ ސާމާނު ހިފައިގެން މިދިޔަ މަހުގެ 13ގައި ދިޔަ "އެމްވީ އެންޖީއޯސީ ސަން" ބޯޓުގައި ހުރި ގިނަ އަދަދެއްގެ ހިލަ އާއި ހިލަވެލިތައް މޫދަށް އުކާލުމަށްފަހު ބޯޓު ފުން ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ބޯޓު ފުން ކުރުމާއެކު ފަރަށް ލިބުނު ގެއްލުން ވަނީ ބަލަން ފަށައިފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒު ވިދާޅުވީ ފަރަށް ލިބުނު ގެއްލުމާ ގުޅޭ ރިޕޯޓުން ބަދަލު ދޭން ޖެހޭ އަދަދު ކަނޑައަޅައި، ބަދަލު ދޭން ވަކި މުއްދަތެއް ސަރުކާރުން ދޭނެ ކަމަށެވެ.

"ފައިސާ ދައްކާނެ އުސޫލެއް ހަމަޖައްސައި، ބޭންކް ގެރެންޓީއެއް ދީފައި ފުރިދާނެ،" އޭނާ ވިދާޅުވި އެވެ.

ނާފިޒު ވިދާޅުވި ގޮތުގައި ފަރަށް ލިބުނު ގެއްލުމަށް ބަލާފައި ބޯޓު މިލިއަނުން ބަދަލު ދޭން ޖެހުމުގެ ފުރުސަތު އޮތަސް، ސަރުކާރާ ވާހަކަ ދައްކައިގެން ބަދަލު ދޭން ޖެހޭ އަދަދު ކުޑަ ކުރެވިދާނެ ކަމަށެވެ.

"ބައެއް ފަހަރު ދެތިން ބޯޓު ގަނެވޭ ވަރަށް ވެސް ބަދަލު ދޭން ޖެހޭ ފަހަރު އެބައާދޭ، އެކަމަކު އެ އަދަދު ކުޑަކުރަން ބޭނުންވާނަމަ، މަޝްވަރާކޮށްގެން ވެސް އެކަން ކުރެވޭނެ،" ނާފިޒު ވިދާޅުވި އެވެ.

ނާފިޒު ވިދާޅުވީ ސަރުކާރުން ދިން މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފި ނަމަ، ކޯޓަށް ގޮސްގެން ވެސް ބަދަލު ހޯދަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ފަރަށް ލިބުނު ގެއްލުން ބެލުމަށް ސާވޭ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު މޫސުން ގޯސްވުމުގެ ސަބަބުން އެ މަސައްކަތް ދިގުލައިގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެ ތިން ދުވަސް ތެރޭގައި ނިންމާލަން އުޅުނީ، އެކަމަކު މޫސުން ގޯސްވުމާއި ބާނިތައް ބޮޑު ސަރަހައްދަކަށްވާތީ އެ މަސައްކަތް ހަލުވިކަމާއެކު ކުރިއަކަށް ނުދޭ،" ނައީމް ވިދާޅުވި އެވެ.

ދިގުމިނުގައި 102.79 މީޓަރު، ފުޅާމިނުގައި 17 މީޓަރު ހުރި ބޯޓު ފުވައްމަލަކަށް ދިޔައީ ފެނާއި ނަރުދަމާގެ ނިޒާމްގެ މަސައްކަތް ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ސިއެރާ ކުންފުނީގެ އޯޑަރަށް ގެނައި މުދާ ހުސްކުރާށެވެ.

ބޯޓު ފަރަށް އެރި ދިމާލަކީ ޑައިވް ކުރުމަށް ހާއްސަ ޕޮއިންޓެއް އޮންނަ ދިމާލެއް ކަމަށްވެ އެވެ. ބޯޓު ފަރަށް އެރުމުގެ ސަބަބުން ޑައިވް ޕޮއިންޓަށާއި ފަރަށް ލިބުނު ގެއްލުމެއް އަދި ނޭނގެ އެވެ. ފަރަށް ލިބިދާނެ ގެއްލުމަކާ މެދު ފުވައްމުލަކުގެ ގިނަ ބަޔަކު ކަންބޮޑުވެ އެވެ.

މީގެ މަހަކަށްވުރެ ކުރިން، ފަރަށް އެރި ބޯޓު ފުންކުރީ ބޯޓުގައި ހުރި 5700 ޓަނުގެ ހިލަ އާއި ހިލަވެލީގެ ތެރެއިން 5000 އެއްހާ ޓަނުގެ އެއްޗެހި މޫދަށް އުކާލައި، ބޯޓު ލުއިކުރުމަށް ފަހު ދެ ޓަގު ބޭނުންކޮށްގެންނެވެ.