Roadha Mihaaru
ގޯވިންދާއަށް ނެށުން ތައްޔާރުކުރަން ފެންވަރެއްނެތް: ފަރާ

ގޯވިންދާއަށް ނެށުން ތައްޔާރުކޮށްދޭނެ ފެންވަރެއް ނެތް: ފަރާ

16 އޯގަސްޓް 2021

ބޮލީވުޑުން މިހާތަނަށް ފެނުނު އެންމެ ކުޅަދާނަ ނެށުންތެރިންގެ ތެރޭގައި ހިމެނޭ އެކްޓަރު ގޯވިންދާގެ އެއްވެސް ލަވައަކަށް ނެށުން ތައްޔާރުކޮށްދޭން ބޭނުން ނުވާ ކަމަށާއި އޭނާގެ ލަވައަކަށް ނެށުން ތައްޔާރުކޮށްދެވޭހާ ގާބިލްކަން ނެތް ކަމަށް މަޝްހޫރު ކޮރިއޮގްރާފަރު ފަރާ ޚާން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑުން މިހާތަނަށް ފެނުނު އެންމެ ކުޅަދާނަ ނެށުންތެރިންގެ ތެރޭގައި ހިމެނޭ އެކްޓަރު ގޯވިންދާގެ އެއްވެސް ލަވައަކަށް ނެށުން ތައްޔާރުކޮށްދޭން ބޭނުން ނުވާ ކަމަށާއި އޭނާގެ ލަވައަކަށް ނެށުން ތައްޔާރުކޮށްދެވޭހާ ގާބިލްކަން ނެތް ކަމަށް މަޝްހޫރު ކޮރިއޮގްރާފަރު ފަރާ ޚާން ބުނެފި އެވެ.

ފަރާ އަކީ މިހާތަނަށް ބޮލީވުޑްގެ މަޝްހޫރު ވަރަށް ގިނަ ތަރިންގެ ފިލްމުތަކުގެ ލަވަތަކުގެ ނެށުންތައް ތައްޔާރުކޮށްދިނުމުގެ އިތުރުން، ބައެއްގެ ތަރިން ސިގްނޭޗާ ސްޓެޕްތަކުގެ ވެސް މޭސްތިރިޔާ އެވެ. އަދި އޭނާ އަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އަންހެން ކޮރިއޯގްރާފަރުންގެ ތެރެއިން އެކަކެވެ.

ފަރާ ޖަޖެއްގެ ގޮތުގައި މިހާރު ބައިވެރިވާ ޒީޓީވީގެ ކޮމެޑީ ޝޯގައި މެހުމާނެއްގެ ގޮތުގައި ހޮނިހިރު ދުވަހުގެ ރޭ ގޯވިންދާ ބައިވެރިވުމުން ފަރާ ވަނީ މަޝްހޫރު އެކްޓަރާ ބެހޭ ގޮތުން ބައެއް ވާހަކަތައް ހިއްސާކޮށްފަ އެވެ.

ފަރާ ބުނި ގޮތުގައި އޭނާގެ 30 އަހަރުވީ ކެރިއަރުގައި މިހާތަނަށް ގޯވިންދާގެ ލަވަޔަކަށް ނެށުން ހަދާފައި ނުވިޔަސް، އަމިއްލަ ކެރިއަރު ކާމިޔާބު ކަމަށް ގަބޫލުކުރެ އެވެ. އަދި އަދި އޭނާ އަށް މަދުވާ އެއްޗެއް މިހާރު ނެތް ކަމަށާއި ވަރަށް އުފަލުން ހުރި ކަމަށް ބުންޏެވެ.

"ގޯވިންދާ އަކީ ކުޑައިރުއްސުރެ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް. އެކަމަކު މިހާތަނަކަށް އޭނާގެ އެއްވެސް ފިލްމެއްގެ ލަވައެއްގެ ނެށުން އަހަރެން ހަދައެއް ނުދެން. އެކަން ކުރަން މިހާތަނަށް ވަރަށް ގިނަ ހުށަހެޅުންތަކެއް ވެސް ލިބުނު. އެއިން ކޮންމެ އޮފާއަކަށް އަހަރެން ބުނީ ނޫނެކޭ." ފަރާ ބުންޏެވެ. "ގޯވިންދާ އަކީ ހިންދީ ސިނަމާގެ އެންމެ މޮޅު ނެށުންތެރިޔާ."

އޭނާ ބުނީ އޭގެ މައިގަނޑު ސަބަބަކީ ނެށުމުން ގޯވިންދާ އަށް ދަސްކޮށްދޭނެ އެއްޗެއް އޭނާގެ ކިބައިގައި ނެތުމުން ކަމަށެވެ.

"އަހަރެން ގަބޫލެއްނުކުރަން އަހަންނަކީ ގޯވިންދާ އަށް ނެށުން ތައްޔާރުކޮށްދެވޭ ފެންވަރުގެ މީހެއް ކަމަކަށް. އެއަށް ވުރެ މާ ހުނަރުވެރި ނެށުތެރިއެއް އެއީ،" ފަރާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ގޯވިންދާގެ ނަށާފައި ހުރި ލަވަތަކުގެ ތެރެއިން އެންމެ ބޮޑަށް ކަމުދަނީ މަޝްހޫރު ކޮރިއޮގްރާފަރު ގަނޭޝް އަޗަރިއާ ކޮރިއޯ ހަދާފައިވާ ލަވަތަކެވެ.

"ގަނޭޝް ކުރި މަސައްކަތް އަހަރެން ގޯވިންދާއާ އެކު ކުރަން އުޅެފި ނަމަ އެކަމުން ސާބިތުކޮށްދޭނީ އަހަރެންގެ ނުކުޅެދުންތެރިކަން. އެހެންވީމަ ބޭނުމެއް ނޫން ގޯވިންދާ އަށް ނެށުން ތައްޔާރުކޮށްދޭކަށް،" ފަރާ ބުންޏެވެ.

ޝާހްރުކް ޚާނާއި ދީޕިކާ ޕަދްކޯނާ އެކު ފަރާ 2007 ގައި ގެނެސްދިން ފިލްމު "އޯމް ޝާންތީ އޯމް" ގައި ގިނަ ތަރިންތަކެއް ބައިވެރިވި ލަވައިގައި ގޯވިންދާ ވެސް ފަރާގެ ސްޓެޕްތަކެއް ޖައްސާފައިވެ އެވެ. އެކަމަކު އެއީ ސިކުންތުކޮޅަކަށެވެ. އެ ލަވަ އަކީ "ދީވާންދީ ދީވާންގީ" އެވެ.