Roadha Mihaaru
ވަރުގަދަ ދެ ބަތަލާއިން ބޮލީވުޑަށް ދިނިން: ފަރާ

ވަރުގަދަ ދެ ބަތަލާއިން ބޮލީވުޑަށް ދިނިން: ފަރާ

29 އޯގަސްޓް 2021

ބޮލީވުޑަށް ދެ މެގަސްޓާރުން ގެނެސްދިން ކަމަށާއި އެއީ ބަތަލާ ދީޕިކާ ޕަދްކޯން އާއި ރާކީ ސާވަންތު ކަމަށް މަޝްހޫރު ޑައިރެކްޓަރު/ކޮރިއޮގްރާފަރު ފަރާ ޚާން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑަށް ދެ މެގަސްޓާރުން ގެނެސްދިން ކަމަށާއި އެއީ ބަތަލާ ދީޕިކާ ޕަދްކޯން އާއި ރާކީ ސާވަންތު ކަމަށް މަޝްހޫރު ޑައިރެކްޓަރު/ކޮރިއޮގްރާފަރު ފަރާ ޚާން ބުނެފި އެވެ.

އޭނާ މިހާރު ޖަޖެއްގެ ގޮތުގައި ބައިވެރިވާ ޒީޓީވީގެ "ކޮމެޑީ ޝޯ" ގައި މެހުމާނެއްގެ ގޮތުގައި ރާކީ މި ހަފުތާގައި ބައިވެރިވެފައިވާ އިރު، ފަރާ ވަނީ ރާކީ އަށް ވަރަށް ބޮށް ތައުރީފުކޮށްފަ އެވެ. ފަރާގެ އަލަތު ޑައިރެކްޝަން 2004 ގެ "މޭ ހޫ ނާ" ގެ ރޯލެއް ރާކީ ކުޅެފައިވެ އެވެ. އޭނާ ކޮލެޖް ދަރިވަރެއްގެ ރޯލު ކުޅުނު އެ ފިލްމުގެ މައިގަނޑު ތަރިންނަކީ ޝާހްރުކް ޚާނާއި ސުޝްމިތާ ސެން އާއި ޒައިދު ޚާންގެ އިތުރުން އަމްރިތާ ރާއޯ އެވެ.

ރާކީއާ ބެހޭ ގޮތުން ފަރާ ބުނީ "މޭ ހޫ ނާ" ގެ މަސައްކަތްކުރި ދުވަސްވަރު ރާކީ އަކީ ގަޑިއަށާއި މަސައްކަތަށް އެންމެ ފަރުވާ ބެހެއްޓި މީހާ ކަމަށެވެ.

"އަހަރެން އެކަމަށްޓަކައި އަބަދު ވެސް ރާކީގެ މަސައްކަތްތައް ފާހަގަކުރާނަން. އޭނަ އަކީ ހަމަ ހަގީގަތުގައި ވެސް ވަރަށް ބުރަކޮށް މަސައްކަތްކުރާ ކަމަށްކަމޭހިތާ މީހެއް،" ފަރާ ބުންޏެވެ. "އަހަރެން ގަބޫލުކުރަނީ ދެ މެގަސްޓާރުން ބޮލީވުޑަށް ނެރެވުނު ކަމަށް. އެއީ ރާކީ އާއި ދީޕިކާ."

ފަރާ ކަހަލަ މަޝްހޫރު މީހެއްގެ ފިލްމެއްގައި މަސައްކަތްކުރަން ލިބުނަސް ރާކީ، 42، އަކީ ބަތަލާއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދުނު މީހެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ ބޮޑަށް ފާހަގަވީ "އައިޓަމް ގާލްއެއް" ގެ ގޮތުގަ އެވެ. ކަލާޒްގެ "ބިގް ބޮސް 14" ގައި ވެސް މިދިޔަ އަހަރު ވާދަކުރި ރާކީ އަކީ އަނގަ ގަދަ އަދި މީހުންގެ ސަމާލުކަން ލިބޭ ކަހަލަ ކަންކަންކުރާ މީހަކަށްވާތީ ގިނަ ބަޔަކު އޭނާ ސިފަކުރަނީ ބޮލީވުޑްގެ "ޑްރާމާ ކްއީން" ގެ ގޮތުގަ އެވެ.

ރާކީ ބުނި ގޮތުގައި "މޭ ހޫ ނާ" އިން ފުރުސަތު ލިބުމަކީ އެއްގޮތަކަށް ވެސް އުންމީދުކުރި ކަމެއް ނޫނެވެ. އަދި އެ ފިލްމުން ރޯލެއް ދޭން ފަރާގެ ފަރާތުން ކޯލެއް އައި ދުވަހު އުފަލުން ހޭނެތިގެން ވެއްޓުނު ކަމަށް ބުންޏެވެ.

ދީޕިކާ، 35، ބޮލީވުޑަށް ނުކުތީ ފަރާ ޑައިރެކްޓްކުރި ދެވަނަ ފިލްމު 2007 ގެ "އޯމް ޝާންތީ އޯމް" އިން ޝާހްރުކާ އެކީގަ އެވެ. އެ ފިލްމަށް ފަހު ދީޕިކާ ވެފައި ވަނީ ބޮލީވުޑްގެ އެންމެ ނުޒޫފު ގަދަ އެއް ބަތަލާއަށެވެ. "އޯމް ޝާންތީ އޯމް" ގެ ފަހުން ފަރާގެ 2014 ގެ "ހެޕީ ނިއު އިޔާ" ގެ ބަތަލާ އަކީ ވެސް ދީޕިކާ އެވެ.