Roadha Mihaaru
އަނިލްއާ އެކު މަސައްކަތްކުރަން ލިބުމުން ރިތިކް އުފަލުން

އަނިލްއާ އެކު މަސައްކަތްކުރަން ލިބުމުން ރިތިކް އުފަލުން

25 ޑިސެމްބަރ 2021

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަނިލް ކަޕޫރާ އެކު ފިލްމެއްގައި މަސައްކަތްކުރަން ލިބުމުން ވަރަށް އުފާވެއްޖެ ކަމަށް ރިތިކް ރޯޝަން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަނިލް ކަޕޫރާ އެކު ފިލްމެއްގައި މަސައްކަތްކުރަން ލިބުމުން ވަރަށް އުފާވެއްޖެ ކަމަށް ރިތިކް ރޯޝަން ބުނެފި އެވެ.

ދެ ތަރިންނަށް އެކީގައި މަސައްކަތް ކުރަން ފުރުސަތު ފަހިވި ފުރަތަމަ ފިލްމަކީ ރިތިކާއި ދީޕިކާ ޕަދްކޯން ސޮއިކޮށްފައި އޮތް ޑައިރެކްޓަރު ސިދާތު އާނަންދުގެ "ފައިޓާ" އެވެ. މި ފިލްމުގެ ކާސްޓާ އަނިލް ގުޅުނު ވާހަކަ އާއި އެކަމުން ލިބުނު އުފާ ރިތިކް ހާމަކުރީ އަނިލްގެ އުފަން ދުވަހުގެ ތަހުނިޔާ ފޮނުވަމުންނެވެ.

އިންސްޓަގްރާމް ޕޯސްޓްގައި އަނިލް އާއި ސިދާތާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު ރިތިކް ބުނީ ކުރިން އަނިލް ކުޅުނު ފިލްމުތަކެއްގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރަން ލިބުމަށް ފަހު، މިހާރު އެކީގައި ސްކްރީން ހިއްސާކޮށްލަން ލިބުމުން ވަރަށް އުފާވެއްޖެ ކަމަށެވެ. އޭނާ އަނިލް ސިފަ ވެސް ކުރީ ލެޖެންޑެއް އަދި ޒުވާން ކަމަށް އެއްވެސް ބަދަލެއް ނާންނަ ތަރިއެއްގެ ގޮތުގަ އެވެ. އަނިލްއާ އެކު މަސައްކަތް ކުރަން ލިބުނު އިރު، އޭނަގެ ދަރިފުޅު ސޯނަމް ކަޕޫރާ އެކު ރިތިކް ކުރިން ވީޑިއޯ ލަވައެއް ކުޅެފައިވެ އެެވެ.

ރިތިކް ބައްޕަ ރާކޭޝް ރޯޝަން ޑައިރެކްޓްކުރި ބައެއް ފިލްމުތައް އަނިލް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި 1990 ގެ "ކިޝަން ކަނައްޔާ" އާއި 2000 ވަނަ އަހަރުގެ "ކަރޯބާރު" ހިމެނެ އެވެ. އަނިލްއާ އެކު ރިތިކަށް މަސައްކަތްކުރަން ލިބުނު "ފައިޓާ" އަކީ އޭރިއަލް އެކްޝަން ތުރިލާއެކެވެ. މިއީ އިންޑިއާގެ އަސްކަރިއްޔާ އަށް ޓްރިބިއުޓެއްދޭ ގޮތަށް ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ. "ފައިޓާ" އަކީ ރިތިކާއި ދީޕިކާގެ ޖޯޑު ސްކްރީނުން އެކީގައި ފެންނާނެ ފުރަތަމަ ފިލްމު ވެސް މެ އެވެ.

ދެހާސް ތޭވީހުގެ ޖެނުއަރީ 26 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ އެ ފިލްމުގެ ޑައިރެކްޓަރު މިހާރު އަންނަނީ ޝާހްރުކް ޚާނާއި ދީޕިކާގެ "ޕަތާން" ގެ މަސައްކަތްކުރަމުންނެވެ.