Roadha Mihaaru
ރިތިކާއި ދީޕިކާގެ "ފައިޓާ" އިއުލާންކޮށްފި

ރިތިކާއި ދީޕިކާގެ "ފައިޓާ" އިއުލާންކޮށްފި

12 ޖެނުއަރީ 2021

ރިތިކް ރޯޝަނާ އެކު ފިލްމެއް ކުޅެން އުޅޭކަމުގެ އިޝާރާތެއް ބަތަލާ ދީޕިކާ ޕަދްކޯން ދިނުމާ އެކު އެ ފިލްމު ރަސްމީކޮށް އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރިތިކް ރޯޝަނާ އެކު ފިލްމެއް ކުޅެން އުޅޭކަމުގެ އިޝާރާތެއް ބަތަލާ ދީޕިކާ ޕަދްކޯން ދިނުމާ އެކު އެ ފިލްމު ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ރިތިކާއި ދީޕިކާގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމަކީ ރިތިކް ސޮއިކުރި ކަމަށް ދާދި ފަހުން އަޑު ވެސް އެރި "ފައިޓާ" އެވެ. މި ފިލްމަކީ ޝާހްރުކް ޚާނާއި ދީޕިކާ އެކު މި ވަގުތު "ޕަތާން" ހަދަމުން އަންނަ ސިދާތު އާނަންދު ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމު ޕްރޮޑިއުސްކުރަނީ އޭނާގެ އަމިއްލަ ފިލްމު ކުންފުނި މާފްލިކްސްއިންނެވެ.

ސިދާތަކީ ރިތިކާ އެކު 2019 ގައި "ވޯ" އާއި 2014 ގެ "ވޯ" ގެނެސްދިން ޑައިރެކްޓަރެވެ.

ދީޕިކާ އެންމެ ފުރަތަމަ ސިދާތާ އެކު މަސައްކަތްކުރީ 2009 ގެ "ބަޗްނާ އޭ ހަސީނޯ" ގަ އެވެ.

މި އަހަރުގެ މެދު ތެރޭގައި ޝޫޓިން ފަށާނެ ކަމަށް ބެލެވޭ "ފައިޓާ" ސިނަމާތަކަށް ގެންނާނީ ސެޕްޓެމްބަރު 30، 2022 ގަ އެވެ. ޔަގީނުން ވެސް މި ފިލްމުވެގެން ދާނީ ރިތިކާއި ދީފިކާގެ ފޭނުން ވަރަށް އިންތިޒާކުރާނެ ފިލްމަކަށެވެ. މި ފިލްމުގެ ވާހަކަ ދީޕީކާ ޓްވިޓާގައި ހިއްސާކުރީ ރިތިކާ އެކު މަސައްކަތްކުރަން ލިބުމަކީ ހުވެފަނަކީ ހަގީގަތަކަށްވާ އެއްޗެއް ކަމަށް ގަބޫލުކުރާ ކަމަށް ބުނެ އެވެ.

"ފައިޓާ" އަކީ "ވޯ" އަށް ފަހު ރިތިކް ކުޅެން ރަސްމީކޮށް އިއުލާންކުރި ފުރަތަމަ ފިލްމެވެ.

ދީޕިކާގެ އަތުގައި ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ޕަތާން" ގެ އިތުރުން ޑައިރެކްޓަރު ޝަކުން ބަޓްރާގެ ނަން އިއުލާންނުކުރާ އެކަމަކު ޝޫޓިން ފަށާފައި އޮތް ފިލްމަކާއި ޕްރަބާސް އާއި އަމީތާބް ބައްޗަނާ އެކު ކުޅޭ ނަން އިއުލާން ނުކުރާ ފިލްމަކާއި "މަހާބާރަތު" އާއި ހޮލީވުޑްގެ ފިލްމު "ދި އިންޓާން" ގެ ރިމެކް ހިމެނެ އެވެ.

މިދިޔަ އަހަރު "ޗަޕާކް" އިން ފެނިގެން ދިޔަ ބަތަލާ ދެން އެންމެ އަވަހަށް ފެންނާނީ ފިރިމީހާ ރަންވީރު ސިންގްގެ "83" އިންނެވެ.