Roadha Mihaaru
ރިތިކާއި ދީޕިކާ "ފައިޓާ" އަށް ތައްޔާރު

ރިތިކާއި ދީޕިކާގެ ފުރަތަމަ ފިލްމު "ފައިޓާ" ގެ ޝޫޓިން ތައްޔާރުވެއްޖެ

11 ޖުލައި 2021

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯން އެކީގައި ކުޅޭ ފުރަތަމަ ފިލްމު "ފައިޓާ" އަށް ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯން އެކީގައި ކުޅޭ ފުރަތަމަ ފިލްމު "ފައިޓާ" އަށް ތައްޔާރުވެއްޖެ އެވެ.

މީގެ ޝޫޓިން ވަަރަށް އަވަހަށް ފެށުމަށް ތައްޔާރީތައް ވަމުން އަންނަ އިރު ދެ ތަރިން ވަނީ ފިލްމުގެ ޑައިރެކްޓަރު ސިދާތު އާނަންދާ ވެސް ހުކުރު ދުވަހު ބައްދަލުކޮށް، ފިލްމާ ގުޅޭ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ. އެ ބައްދަލުވުމުގެ ފޮޓޯތައް ރިތިކްގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށް ބުނީ "ފައިޓާ" އޮތީ ފެށުމުގެ މަރުހަލާގައި ކަމަށެވެ.

މިދިޔަ އަހަރު އިއުލާންކުރި މި ފިލްމަކީ އަންނަ އަހަރުގެ ސެޕްޓެމްބަރު 30 ގައި ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް ފިލްމެކެވެ. އަދި "ފައިޓާ" އަކީ ބޮލީވުޑްގައި ފުރަތަމަ އޭރިއަލް އެކްޝަން ތުރިލާ އެވެ. މީގެ ވާހަކަ ބިނާކޮށްފައި އޮތީ އިންޑިއާގެ ވައިގެ އަސްކަރީ އޮފިސަރުންގެ ގައުމީ ހިދުމަތަށެވެ. އެހެންވެ ފައިޓަޖެޓްގެ ވަރަށް ގިނަ ހާދިސާތަކެއް ނޭވާ ހިފަހައްޓައިލަން ޖެހޭ ފަދަ ހާދިސާތަކަކާ އެކު "ފައިޓާ" ގައި ދައްކުވައި ދޭނެ އެވެ.

މީގެ ޕްލޮޓާ އެކު ފިލްމު އެންމެ ހާއްސަވާ މައިގަނޑު އެއް ސަބަބަކީ ރިތިކާއި ދީޕިކާގެ ޖޯޑު ފުރަތަމަ ފަހަރަށް އެކީގައި ފެންނާނެ ފިލްމަށްވުމެވެ.

"ފައިޓާ" އަށް ތައްޔާރުވަމުން އަންނަ އިރު ސިދާތު މިހާރު އަންނަނީ ޝާހްރުކް ޚާނާ އެކު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ "ޕަތާން" ގެ މަސައްކަތްކުރަމުންނެވެ. އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރާނެ ކަމަށް ބުނާ މި ފިލްމުގެ ބަތަލާ އަކީ ވެސް ދީޕިކާ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ޖޯން އަބްރަހަމާއި ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ.

ދީޕިކާ ކުރިން ވެސް ސިދާތާ އެކު މަސައްކަތްކޮށްފައިވެ އެވެ. އެއީ 2008 ގެ "ބަޗްނާ އޭ ހަސީނޯ" ގަ އެވެ.

ރިތިކް ވެސް މިހާތަނަށް ދެ ފިލްމެއްގައި ސިދާތާ އެކު މަސައްކަތްކުރި އެވެ. އެއީ ސިދާތުގެ އެންމެ ފަހުގެ ފިލްމު 2019 ގެ "ވޯ" އާއި 2014 ގެ "ބޭންގް ބޭންގް" އެވެ.

އިންޑިއާގެ އިތުރުން އިންޓަނޭޝަލް ގިނަ ލޮކޭޝަންތަކުގައި ވެސް ޝޫޓްކުރަން ހަމަޖެހިފައިވާ "ފައިޓާ" އަކީ ސިދާތުގެ ފިލްމު ކުންފުނި މާފްލިކްސް އާއި ވަޔަކޮމް 18 ގުޅިގެން ހަދާ ފިލްމެކެވެ.