Roadha Mihaaru
ނޯރާ އަށް ވަރަށް ހާއްސަ އެވޯޑެއް

ނޯރާ އަށް ވަރަށް ހާއްސަ އެވޯޑެއް

23 ފެބުރުއަރީ 2021

ނެށުމުގެ ހުނަރު ދައްކާލައިގެން ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ބަތަލާ ނޯރާ ފަތެހީ އަށް ވަރަށް ހާއްސަ އެވޯޑެއް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނެށުމުގެ ހުނަރު ދައްކާލައިގެން ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ބަތަލާ ނޯރާ ފަތެހީ އަށް ވަރަށް ހާއްސަ އެވޯޑެއް ލިބިއްޖެ އެވެ.

ކެނެޑާގެ ރަށްވެހިކަން އޮންނަ މޮރޮކޯ ދަރިކޮޅުގެ 29 އަހަރުގެ ބަތަލާ އަށް ލިބުނީ ދާދާސާހެބް ޕާލްކޭ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް އެވޯޑެވެ. އެ އެވޯޑް ނޯރާ އަށް ލިބުނީ މިދިޔަ އަހަރުގެ ޖެނުއަރީގައި ސިނަމާތަކުގައި ރިލީޒްކުރި ފިލްމު "ސްޓްރީޓް ޑާންސާ" ގައި ކުޅުނު ރޯލުން "ޕަފޯމާ އޮފް ދި އިޔާ" އެވެ.

ރެމޯ ޑި ސޫޒާ ޑައިރެކްޓްކުރި އެ ފިލްމަކީ މަޝްހޫރު ދެ ތަރިން ކަމަށްވާ ވަރުން ދަވަނާއި ޝްރަދާ ކަޕޫރް ލީޑް ރޯލު ކުޅުނު ފިލްމެއް ކަމަށް ވިޔަސް "ސްޓްރީޓް ޑާންސާ" ގެ ވާހަކަ އާންމުންގެ މެދުގައި ބޮޑަށް ދެކެވުނީ އެ ފިލްމުގައި ނޯރާގެ ވަރަށް ތަފާތު ނެށުންތަކެއް ފެނިގެންދާ ލަވަ "ގަރުމީ" ގެ ސަބަބުންނެވެ. ނޯރާ އާއި ވަރުން އެކީގައި ފެނިގެން ދިޔަ ލަވައިގެ ބައެއް ސްޓެޕްތަކަކީ ވަރަށް ބޮޑަށް ވައިގައި ހިފި ސްޓެޕްތަކެވެ.

އެ ފިލްމުގައި ކުޅުނު ރޯލުން ލިބުނު އެވޯޑާ އެކު ނޯރާ ބުނީ އެއީ އެތައް ރޭގެ ނިދި ނަގާލައި ކުރި މަސައްކަތާއި ފިލްމުގެ މަސައްކަތުގެ ތެރޭގައި ލިބުނު ޒަހްމަތަކާއި ރިހުންތަކާއި ހަލާކުވި ކަކުލާއި ފޭބި ލޭގެ އަގު ލިބުން ކަމަށެވެ.

"އަދި އަހަރެން އަބަދު ވެސް ފޭނުންނާއި ސަޕޯޓަރުންނަށް ޝުކުރުވެރިވާނަން. އެ މީހުން ދޭ ލޯތްބާއި ސަޕޯޓަކީ ކުރިއަށްދާން އަދި ރަނގަޅު މަސައްކަތްތަކެއް ކުރަން ލިބޭ އެންމެ ބޮޑު ހިތްވަރު." މިހާރު ބޮލީވުޑްގައި ނެށުމަށް އެންމެ އަރާހުރި ބަތަލާ ބުންޏެވެ.

ނޯރާ އަކީ 2015 ގައި "ބިގް ބޮސް" ގެ ސީޒަން 9 ގައި ވާދަކޮށްގެން އާންމުންގެ ސަމާލުކަން ލިބުނު ފަންނާނެކެވެ. އޭގެ ފަހުން އޭނާ ހިންދީ ފިލްމުތަކުގެ އިތުރުން އިންޑިއާގައި އެހެން ބަހުރުވަތަކުން ހަދާ ފިލްމުތަކުގެ ލަވަތަކާއި ސަޕޯޓިން ރޯލްތަކެއް ވެސް ކުޅުނެވެ.

ނަމަވެސް ނޯރާގެ ވިދުން ގަދަވީ 2018 ގައި ރިލީޒްކުރި ޖޯން އަބްރަހަމްގެ ފިލްމު "ސަތިޔަމޭވް ޖަޔަތޭ" ގެ އައިޓަމް ލަވަ "ދިލްބަރު" އިންނެވެ. އެ ލަވައިން އޭނާ ދައްކާލި ނެށުމުގެ ބަޑިތަކާ އެކު މިހާރު ނޯރާ އަކީ އެތައް ފުރުސަތެއް ލިބެމުން އަންނަ ތަރިއެކެވެ.

"ދިލްބަރު" ގެ ފަހުން އޭނާގެ ވަރަށް ހިޓް ލަވަތަކެއް ފެނިގެން ގޮސްފައިވެ އެވެ. އޭގެ ތެރޭގައި 2018 ގެ "އިސްތިރީ" ގެ ލަވަ "ކަމަރީޔާ" އާއި 2019 ގެ "ބަތުލާ ހައުސް" ގެ ލަވަ "އޮ ސާކީ ސާކީ" އާއި އެ އަހަރުގެ ފިލްމު "މަރުޖާވާ" ގެ ލަވަ "އެކް ތޮ ކަމް ޒިންދަގާނީ" ހިމެނެ އެވެ.

ފިލްމީ ލަވަތަކުގެ އިތުރުން ނޯރާ މިހާތަނަށް ރީތި އެތައް ވީޑިއޯ ލަވައެއް ވެސް ކުޅެފައިވެ އެވެ.

އޭނާ ބޮޑު ރޯލަކުން ފެންނާނެ އެއް ފިލްމަކީ އަޖޭ ދޭވްގަންގެ ތާރީހީ ހަނގުރާމަ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އެވެ. ކާސްޓްގައި ސަންޖޭ ދަތާއި ސޮނާކްޝީ ސިންހާ ވެސް ހިމެނޭ ފިލްމުގައި ނޯރާގެ ވަރަށް ތަފާތު ރޯލެއް ހިމެނޭނެ އެވެ. އަދި މި އަހަރުގެ މެއި 14 ގައި ރިލީޒްކުރާ ޖޯންގެ "ސަތިޔަމޭވް ޖަޔަތޭ 2" އިން ވެސް ނޯރާ ފެންނާނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ރެމޯގެ އޭބީސީޑީ (އެނީބަޑީ ކޭން ޑާންސް) ސީރީޒްގެ ތިން ވަނަ ފިލްމު "އޭބީސީޑީ 3" ގެ ބަތަލާ އަކީ ވެސް ނޯރާ އެވެ.