Roadha Mihaaru
ރަވީނާ އާއި ގޯވިންދާ އަލުން އެކީގައި އަންނަނީ

ރަވީނާ އާއި ގޯވިންދާ އަލުން އެކީގައި އަންނަނީ

07 ޖުލައި 2021

އެކީގައި ކާމިޔާބު ފިލްމުތަކެއް ކުޅުނު ކުރީގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ގޯވިންދާ އާއި ރަވީނާ ޓަންޑަން އެކީގައި އަންނަން ތައްޔާރުވާ ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކީގައި ކާމިޔާބު ފިލްމުތަކެއް ކުޅުނު ކުރީގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ގޯވިންދާ އާއި ރަވީނާ ޓަންޑަން އެކީގައި އަންނަން ތައްޔާރުވާ ކަމަށް ބުނެފި އެވެ.

ރަވީނާ އިންސްޓަގްރާމްގައި މި ވާހަަކަ ބުނީ ގޯވިންދާއާ އެކު ސެޓަކުން ނަގާފައިވާ ފޮޓޯތަކަކާ އެކީގަ އެވެ. އޭގައި އޭނާ ބުނީ "ގްރޭންޑް ރީޔުނިއަންއެއްގެ ގޮތުގައި އަލުން ސްކްރީނަށް އަންނަން ތައްޔާރު" ކަމަށެވެ. ނަމަވެސް އެއީ ކޮން އިރަކު، ކޮން ތާކު، ކިހިނެއް ކަމެއް ބުނެފައެއް ނުވެ އެވެ.

"[އެކަމަކު] ވަރަށް އަވަހަށް އެބަ އަންނަން." ގޯވިންދާއާ އެކު ކުޅުނު ފިލްމުތަކުގެ ތެރެއިިން ވަރަށް ހިޓްވި ލަވައެއް ކަމަށްވާ "ކިސި ޑިސްކޯ މޭ ޖާއޭ" ހޭޝްޓެގާ އެކު ހިމަނައި ރަވީނާ ބުންޏެވެ.

އޭނާގެ މި ވާހަތަކުން ފޭނުން ތިބީ މިހާރު ސަޕްރައިޒަކަށް ވަރަށް ބޮޑަށް އުންމީދުކޮށްގެންނެވެ. އެކަމަކު ގޯވިންދާ އާއި ރަވީނާ އެކީގައި އަލުން ފިލްމަކުން ފެންނަން އުޅެނީތޯ ނުވަތަ ޓީވީ ޝޯއަކުން ފެންނަނީތޯ ނުވަތަ ވީޑިއޯ ލަވަތަކުން ފެންނަން އުޅޭނީ ކަމެއް ސާފެއް ނުވެ އެވެ.

ރަވީނާ އާއި ގޯވިންދާ އަކީ އިންޑިއާގެ ޗެނެލްތަކުން ގެނެސްދޭ ޑާންސް ޝޯތަކާއި ލަވަ ޝޯތަކުން އާންމުކޮށް މެހުމާނުންގެ ގޮތުގައި ފެންނަ ދެ ބައިވެރިންނެވެ. އެގޮތުން ވަރަށް ފަހުން ކުރީގެ ބަތަލާ ނީލަމް ކޮތާރިއާ އެކު ގޯވިންދާ ސޮނީ ޓީވީގެ "ސުޕަ ޑާންސާ" ޗެޕްޓާ ހަތަރަކު ފެނިފައިވެ އެވެ. އަދި މިދިޔަ ހަފުތާގައި ރަވީނާ ކަލާޒްގެ "ޑާންސް ދީވާނޭ 3" ގައި ބައިވެރިވި އެވެ.

ގޯވިންދާ އާއި ރަވީނާ އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި "ބަޅޭ މިޔޭ ޗޯޓޭ މިޔާ"، "ދުލްހޭ ރާޖާ"، "އާންޓީ ނަމްބަރު 1"، "ޕަރުދޭސީ ބާބޫ" އަދި "އަނކިޔޯ ސޭ ގޯލީ މާރޭ" ހިމެނެ އެވެ.