Roadha Mihaaru
ގޯވިންދާގެ ފިރިހެން ދަރިފުޅު ބޮލީވުޑަަށް ތައްޔާރުވަނީ

ގޯވިންދާގެ ފިރިހެން ދަރިފުޅު ބޮލީވުޑަަށް ނުކުންނަ ތައްޔާރުވަނީ

25 ސެޕްޓެމްބަރ 2021

ބޮލީވުޑުން ފެނުނު އެންމެ ހުނަރުވެރި އަދި ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ގޯވިންދާގެ ފިރިހެން ދަރިފުޅު ޔާޝްވަރުދަން އަހޫޖާ ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ ކަމަށް އޭނާގެ މަންމަ ސުނީތާ އަހޫޖާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑުން ފެނުނު އެންމެ ހުނަރުވެރި އަދި ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ގޯވިންދާގެ ފިރިހެން ދަރިފުޅު ޔާޝްވަރުދަން އަހޫޖާ ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ ކަމަށް އޭނާގެ މަންމަ ސުނީތާ އަހޫޖާ ބުނެފި އެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ދަރިފުޅުގެ ފިލްމުގެ މަސައްކަތް ނުފެށި ލަސްވެގެން ދިޔައީ ކޮވިޑާ ހެދި ކުރިމަތި ލޮކްޑައުންތަކާ ހެދި ކަމަށެވެ. ނަމަވެސް މިހާރު ޔާޝްވަރުދަން ބޮލީވުޑަށް ތައާރަފްކުރާނެ ޕްރޮޑަކްޝަން ހައުސްއަކާ އެކީ ވާހަކަ ދެކެވެމުން އަންނާތީ މާ ލަސްތަކެއް ނުވެ ފިލްމު އިއުލާން ވެސް ކުރެވޭނެ ކަމަށް ސުނީތާ ބުންޏެވެ.

"އޭނާ މިހާރު ވެސް އަންނަނީ އެކްޓިން އާއި ނެށުމުގެ ހުނަރު ތަރައްގީކޮށް ހަށިގަނޑު ވެސް ވަރުގަދަކުރަމުން. އަހަރެމެން ބޭނުންވަނީ ވަރަށް ގްރޭންޑްކޮށް ދަރިފުޅު ލޯންޗްކުރަން. އެހެންވީމަ ވަރުގަދަ ޕްރޮޑަކްޝަން ހައުސްއެއްގެ އުފެއްދުމަކުން ޔާޝް ބޮލީވުޑަށް ނުކުންނާނީ،" ސުނީތާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޔާޝް އެކްޓިން އަށް ނުކުންނަ އިރު، މީގެ ކުރިން ބައެއް ޕްރޮޖެކްޓްތަކުގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސަލްމާން ޚާންގެ "ކިކް" އާއި ވަރުން ދަވަންގެ "ޑިޝޫމް" ގެ އިތުރުން ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ނެރެން ތައްޔާރުވަމުން އަންނަ ފިލްމު "ތަޅަޕް" ހިމެނެ އެވެ.

"އެހެންވީމަ އެ ތަޖުރިބާތަކާ އެކު ވެސް ދަރިފުޅު އެކްޓިން އަށް ނުކުންނަ ފިލްމަކީ ހަމަ ޔަގީނުން ވެސް ބެލުންތެރިންނަށް ވަރަށް ވޯތު ފިލްމަކަށް ވާނެ،" ސުނީތާ ބުންޏެވެ.

ޔާޝް، 24، އަކީ ގޯވިންދާ، 57، ގެ ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅެވެ. އެކަމަކު އޭނާ އަކީ މަޝްހޫރު އެހެން ފިލްމީ ތަރިންގެ ދަރިން ގޮތަށް އެއްވެސް އިރެއްގައި މާ ބޮޑަށް "ލައިމްލައިޓް" ގައި އުޅޭ ޒުވާނެއް ނޫނެވެ. ދާދި ފަހުން ގޯވިންދާގެ ދެމަފިރިން ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ބައިވެރިވި އިރު، ޝޯގެ ހަވާސާގައި އޯޑިއަންސް ތެރޭގައި ޔާޝް އިނެވެ.

ގޯވިންދާގެ ދޮށީ އަންހެން ދަރިފުޅު ޓީނާ އަހޫޖާ، 32، ބޮލީވުޑަށް ނުކުތީ 2015 ގެ ފިލްމު "ސެކަންޑްހޭންޑް ހަޒްބަންޑް" އިންނެވެ. އެކަމަކު އޭނާ އަކީ ފަހުން ކުޅޭނެ ފިލްމެއް ނުލިބި، ކުރިއަށް ނުދެވުނު ބެލުންތެރިން ބަލައިވެސް ނުގަތް ބަތަލާއެކެވެ.

ދޭތެރެ ދޭތެރެ އިން އޭނާގެ ވީޑިއޯ ލަވަތައް ނެރެ އެވެ.