އަލްމަނާސިކް ގުރޫޕުގެ ހަވާލުގައި އުމުރާ އަށް ފުރަން ދިޔަ 46 ދިވެއްސަކު ނުފުރި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއޭ) ގައި ތާށިވެއްޖެ އެވެ.
27 ނޮވެމްބަރ 2016
އަލްމަނާސިކް ގުރޫޕުގެ ހަވާލުގައި އުމުރާ އަށް ފުރަން ދިޔަ 46 ދިވެއްސަކު ނުފުރި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއޭ) ގައި ތާށިވެއްޖެ އެވެ.
މަނާސިކްގެ އޮފިޝަލަކު މިރޭ ވިދާޅުވީ، އެ ގުރޫޕުގެ ހަވާލުގައި އުމުރާއަށް ދާ މީހުން ސައުދީ އެއާލައިންސްގެ ބޯޓަކަށް ދެ ދުވަސް މަތިން ދެ ފަހަރު އެރި ފަހުން ދަތުރު ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި އެއިން ކޮންމެ ފަހަރަކު ކާނެ އެއްޗެއް ނެތި، ގިނަ އިރުތަކެއް ވަންދެން އެއާޕޯޓުގައި "ބަންދު"ވެފައި ތިބެން ޖެހުނު ކަމަށް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި މަތިންދާބޯޓް އެންމެ ފުރަތަމަ ފުރަން ހަމަޖެހިފައި އޮތީ އިއްޔެ ހަވީރު ހަތަރެއް ޖެހި އިރު އެވެ. އެކަމަކު ބޯޓަށް މީހުން އަރުވައި، ދެ ގަޑިއިރު ވަންދެން ބޭތިއްބުމަށް ފަހު، އެންމެން ބޭލުވީ އެވެ. އަދި ވަކި އެއްޗެއް ނާންގައި އެ މީހުން ރޭގެ ވަރަށް ދަން ވަންދެން އެއާޕޯޓުގައި ބޭތިއްބި ކަމަށް ވިދާޅުވި އެވެ. އެ ވަގުތުތަކުގައި އެ މީހުންނަށް ފެންފޮދެއްހާ ހިސާބު ވެސް އެއާލައިނުން ނުދޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އެންމެ ފަހުން އެ މީހުން ބުނީ ބޯޓުގެ ޓަޔަރުގެ މައްސަލައެއް ދިމާވެގެން ނުފުރޭނެއޭ. ގެއަށް ދާށޭ. އޭރު ރޭގެ 11:30 ވެއްޖެ. އޭގެ ފަހުން ރޭ ދަންވަރު 1:30 ގައި މެސެޖް ކުރީ މިއަދު ހެނދުނު 10:30 އަށް އެއާޕޯޓަށް ދިއުމަށް،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ މިއަދު ހެނދުނު އެއާޕޯޓަށް ދިޔަ މީހުންނަށް ބޯޓަށް އެރޭ ގޮތްވީ، ހަވީރު 3:15ހާއިރު ކަމަށެވެ. އެކަމަކު އިރުގަނޑެއް ފަހުން މީހުން ބޯޓުން ބޭލުމަށް ފަހު، އަނެއްކާ ވެސް އެމީހުން ބޯޓަށް އެރުވީ މިއަދު އިރުއޮއްސި ހައެއް ޖެހި ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އަދިވެސް އެ މީހުން ތިބީ ބޯޓުގެ ތެރޭގައި ކަމަށާއި ބޯޓު ނުފުރާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިއަދު މެންދުރުފަހު ބޯޓަށް އަރުވަންދެން، އެންމެން ތިބީ، "އިމިގްރޭޝަން ކޮންޓްރޯލްޑް އޭރިއާ" ގައި ކަމުން، އެމީހުންނާ ހަވާލުވުމަށް ގުރޫޕުގެ އެއްވެސް މީހަކަށް އެ ހިސާބަށް ނުދެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ގަވައިދު އޮންނަ ގޮތުން އިމިގްރޭޝަންގެ އޭރިއާ އިން މީހުންނަށް ނުކުމެވޭނީ އެއާލައިނުން ވަކި އެއްޗެއް އެންގުމުންނެވެ. އެކަމަކު މިއަދު ނުފުރި އެތައް އިރެއް ވީއިރު ވެސް، ސައުދީ އެއާލައިނުން ވަކި އެއްޗެއް ނާންގާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އަދި މެންދުރުން ފެށިގެން އެންމެން ތިބީ އެއްޗެއް ނުކައި ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެއާލައިނުން ވެސް އެ މީހުންނަށް ކާނެ އެއްވެސް ގޮތެއް ހަމަނުޖައްސައިދޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެން އެތަން މިތަނަށް ގުޅައިގެން، ވަރަށް އާދޭސްކޮށްގެން [އެއާޕޯޓުގެ ރެސްޓޯރަންޓަކުން] ކާނެ ވައުޗާއެއް ފަސް މީހަކަށް ދިން. އެހެން އެންމެން ތިބީ ބަނޑަށް." އޭނާ ވިދާޅުވި އެވެ.
"މިއީ ވަރަށް ބޮޑު ޑިޒާސްޓާއެއް. ސައުދީ އެއާލައިނަކީ އެއްވެސް އިންސާނިއްޔަތުކަމެއް ހުންނަ ބައެއް ނޫން. އެ މީހުންގެ ސަބަބުން އެތައް ދިވެހިންނެއް އެތިބީ ހާލުގައި ޖެހިފައި."
އޮފިޝަލް ވިދާޅުވި ގޮތުގައި ކަނޑައެޅިފައިވާ ދުވަހަށް ފްލައިޓް ނުފުރުމުން މަނާސިކް ގުރޫޕަށް ވެސް ބޮޑު ގެއްލުމެއް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން އުމުރާއަށް ދާ މީހުން ބައިތިއްބުމަށް، މައްކާގައި ހިފާފައި ހުންނަ ހޮޓަލަށް ދުވާލަކު 20،000 ރިޔާލު ދައްކަން ޖެހޭ ކަމަށާއި މިހާތަނަށް 40،000 ރިޔާލު ހަރަދުވެފައިވާ ކަމަށް އެ ގުރޫޕުން ބުންޏެވެ.
ހައްޖާއި އުމްރާގެ ވިސާ ދޫކުރާނީ ސައުދިއާއަށް އެކަނި
ދެ ދުވަހަށް ފަހު، މަނާސިކް ގުރޫޕު އުމުރާ އަށް
އަލްމަނާސިކް ގުރޫޕުން އުމްރާއަށް ހުޅުވާލައިފި
ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް ފުރައިފި
ސްކޫލު ބަންދުގައި އުމްރާއަށް 4،000 އެއްހާ މީހުން
ހިޖްރަ ގްރޫޕު ޖޫރިމަނާކޮށް ފިޔަވަޅުތަކެއް އަޅައިފި
ހައްލެއް ނުވި، އަނެއްކާވެސް ހުރިހާ ބުރައެއް ސަރުކާރަށް
އުމްރާއަށް ދިޔަ 24 މީހަކު ރާއްޖެ ނާދެވިފައި
އެއް އާއިލާގެ 40 މީހުން އުމްރާއަށް
"ރައީސްގެ ދަތުރުން ފެންނަނީ އަހުވަންތަކަމުގެ ގުޅުން"