Roadha Mihaaru
"ރައީސްގެ ދަތުރުން ފެންނަނީ އަހުވަންތަކަމުގެ ގުޅުން"

ރައީސްގެ ދަތުރުން ފެންނަނީ އަހުވަންތަކަމުގެ ގުޅުން: ޝަހީމް

11 މެއި 2024

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އުމްރާގެ އަޅުކަމަށް މިހާރު ސައޫދީ އަރަބިއްޔާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފެންނަނީ ދެ ގައުމުގެ އަހުވަންތަ ގުޅުން ކަމަށާއި އެ ދަތުރުފުޅަށް ސައޫދީން އަދާކުރަނީ އެންމެ މަތީ ފެންވަރުގެ މެހުމާންދާރީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރައީސްގެ ދެކަނބަލުންނާއި ވަފުދުގެ ބޭފުޅުން މަދީނާ އަށް އިއްޔެ ވަޑައިގަތުމުން އިސްވެ މަރުހަބާ ދެންނެވީ މަދީނާގެ އަމީރު ޕްރިންސް ސަލްމާން ބިން ސުލްތާން ބިން އަބްދުލްއަޒީޒް އާލް ސުއޫދެވެ.

އެއީ މަދީނާ އަށް ވަޑައިގަންނަވާ ގައުމުތަކުގެ އިސްވެރިންނަށް އިސްވެ، މަރުހަބާ ދަންނަވަން އޮންނަ އުސޫލުގެ ތެރެއިން ކަން ރައީސް މުއިއްޒުގެ އަރިހުގައި އުމްރާގެ އަޅުކަމަށް ވަޑައިގެން މަދީނާގައި މިހާރު ހުންނެވި ޝަހީމް ވިދާޅުވި އެވެ.

އުމްރާގެ އަޅުކަން އަދާކުރައްވަން ރައީސް މުއިއްޒު އިއްޔެ ސައޫދީ އަށް ވަޑައިގަތުމުން މަދީނާގެ އަމީރު މަރުހަބާ ދަންނަވަނީ.

އުމްރާގެ އަޅުކަން އަދާކުރައްވަން ރައީސް މުއިއްޒު އިއްޔެ ސައޫދީ އަށް ވަޑައިގަތުމުން މަދީނާގެ އަމީރު މަރުހަބާ ދަންނަވަނީ.

"މިއީ ރައީސްގެ ނުރަސްމީ ދަތުރުފުޅަކަށް ވިޔަސް މަދީނާ އިން އިސްތިގުބާލް ކުރެއްވީ އެންމެ މަތީ ފެންވަރުގައި. ދޫލައިގެ މަރުހަބާއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މަދީނާ އިން ކިޔާފައި ވަނީ. ރަސްމީ ދަތުރުފުޅެއްގެ މަރުހަބާ އާއި މެހުމާންދާރީ އަދާކުރައްވަމުން ގެންދަވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ދެކަނބަލުން މިއަދު މަސްޖިދުއް ނަބަވީގައި

ރައީސް މުއިއްޒުގެ ދެކަނބަލުން މިއަދު މަސްޖިދުއް ނަބަވީގައި

ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް ވަޑައިގަތީ ސައޫދީ ސަރުކާރުން ފޮނުވި ހާއްސަ ޖެޓެއްގަ އެވެ. އުމްރާގެ އަޅުކަން އަދާކުރައްވަނީ ސައޫދީ ރަސްގެފާނުގެ ހާއްސަ މެހުމާންދާރީގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު ކުރައްވާ ފުރަތަމަ އުމްރާގެ އަޅުކަމެވެ. އަދި މަގާމާ ހަވާލުވެވަޑައިގެންނެވި ފަހު ސައޫދީ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ވެސް މެ އެވެ.

މަދީނާގައި ތިބޭ ދިވެހި ދަރިވަރުންނާ އެކު ރައީސް މުއިއްޒުގެ ދެކަނބަލުންނާއި ވަފުދުގެ ބޭފުޅުން ފޮޓޯއެއް ނަންގަވަނީ.

މަދީނާގައި ތިބޭ ދިވެހި ދަރިވަރުންނާ އެކު ރައީސް މުއިއްޒުގެ ދެކަނބަލުންނާއި ވަފުދުގެ ބޭފުޅުން ފޮޓޯއެއް ނަންގަވަނީ.

ރައީސް މިއަދު ވަނީ ކީރިތި ރަސޫލާގެ މިސްކިތް މަސްޖިދުއް ނަބަވީ އަށް ވަޑައިގެންފަ އެވެ. އަދި މަދީނާގައި ތިބޭ ދިވެހި ދަރިވަރުންނާ ވެސް މިއަދު ބައްދަލުކުރެއްވި އެވެ. ރައީސްގެ ޝަރަފުގައި މަދީނާގެ އަމީރު ދެއްވި ފަރިއްކޮޅެއްގައި ވެސް ބައިވެރިވެވަޑައިގަތެވެ. އުމްރާގެ އަޅުކަމަށް މައްކާ އަށް ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގަ އެވެ.

ރާއްޖެ އާއި ސައޫދީގެ ގުޅުން ބަދަހިކުރަން މި ސަރުކާރުން ހާއްސަ އިސްކަމެއް ދެމުން އަންނަ ކަން ޝަހީމް ފާހަގަކުރެއްވި އެވެ. ރާއްޖޭގެ އިމާމުން ތަމްރީނު ކުރުމުގެ ހާއްސަ ޕްރޮގްރާމެއް މި މަހު ފަށާނެ އެވެ. އަދި ސައޫދީގެ މާލީ ވަފުދުތަކެއް މި މަހު ރާއްޖެ އަށް ދަތުރުތައް ކުރާނެ ކަމަށް ވެސް އެނގިފައި ވެ އެވެ.