Roadha Mihaaru

ރައީސްގެ ދެކަނބަލުން މާދަމާ ހައްޖަށް ފުރާވަޑައިގަންނަވަނީ

ހައްޖުގެ އަޅުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މާދަމާ ސައޫދީ އަރަބިއްޔާ އަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގަންނަވަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

30 މެއި 2025

ހައްޖުގެ އަޅުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މާދަމާ ސައޫދީ އަރަބިއްޔާ އަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

"ރައްޔިތުންނާއެކު" ނަމުގައި ކުރިއަށް ގެންދާ ޕޮޑްކާސްޓުގައި ރައީސް މިއަދު ވިދާޅުވީ ހައްޖުގެ އަޅުކަމަށް ވަޑައިގަންނަވަނީ ސައުދީގެ ރަސްގެފާނު ދެއްވާ ހާއްސަ ފުރުސަތެއްގެ ދަށުން ކަމަށެވެ. އެހެންވެ، އެކަމަށް ދައުލަތުން އެއްވެސް ހަރަދެއް ނުކުރާނެ އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސައުދީއަށް ވަޑައިގަތުމަށް އެ ގައުމުން ވަނީ ހާއްސަ ފްލައިޓެއް ހަމަޖައްސައިދީފަ އެވެ.

"އަޅުގަނޑުގެ ހައްޖުގެ އެއްވެސް ކަމަކީ ކޯޓާގެ ތެރެއިން ވެސް ހިނގާ ކަމެއް ނޫން. ސަރުކާރުގެ ބަޖެޓުން ހިނގާ ކަމެއް ނޫން. ސައުދީ މެހެމާންދާރީގެ ތެރެއިން، ސައުދީ ރޯޔަލް ކޯޓުގެ ތެރެއިން ހަމަޖައްސައިދީފައި ހުރި ކަންތައްތައް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެއަށް މި އަހަރު ލިބިފައިވާ 1،000 ކޯޓާގެ ތެރެއިން ހައްޖަށް ދާ ފަހު ގްރޫޕު މިއަދު ފުރާނެ އެވެ.

ރައީސް ވިދާޅުވީ ހައްޖަށް ދާ ދިވެހިންނަށް ވީހާ ވެސް ފަސޭހަވާނެ ގޮތަށް މި އަހަރު އިންތިޒާމުތައް ހަމަޖައްސައިދީފައިވާ ކަމަށެވެ.

އޭގެ ތެރެއިން މައްކާއިން މަދީނާއަށް ބަހުގައި 10-12 ގަޑިއިރު ކުރާ ދަތުރުތައް ދެ ތިން ގަޑިއިރުގެ ހައި-ސްޕީޑު ރޭލަށް ބަދަލުކުރުމާއި މައްކާ ރޫޓު އިނީޝިއޭޓްކުރުން އަދި ދިވެހި ހައްޖުވެރިންނަށް ހާއްސަކޮށްގެން ސައުދީގައި ކްލިނިކެއް ގާއިމްކުރުން ހިމެނެ އެވެ.

"މައްކާ ރޫޓް އިނީޝިއޭޓިވް"އަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ. އަދި ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިޔުމާއި، ހައްޖުވެރިންގެ ލަގެޖްތައް ވެސް ސީދާ ހޮޓަލަށް ގެންގޮސްދޭނެ އެވެ.

މި ލުއިކަން މި އަހަރު ހައްޖަށް ދިޔަ މީހުންނަށް ލިބިފައިވާ އިރު، ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ދިވެހި ހައްޖުވެރިންނަށް ފަސޭހަވާނެ ގޮތަށް ބަދަލުތައް ގެންނާނެ އެވެ.