Roadha Mihaaru
ހައްލެއް ނުވި، އަނެއްކާވެސް ހުރިހާ ބުރައެއް ސަރުކާރަށް

ހައްލެއް ނުވި، އަނެއްކާވެސް ހުރިހާ ބުރައެއް ސަރުކާރަށް!

09 ޖެނުއަރީ 2025

މިދިޔަ ރޯދަ މަހު، މަޝްއަރު ޓުއާސް އިން އުމްރާއަށް ގެންދިޔަ ބަޔަކު ހާލުގައި ޖެހި، އެނބުރި މާލެ އާދެވޭނެ ގޮތެއް ނެތި ސައޫދީ އަރަބިއްޔާގައި ތާށިވި އެވެ. އެއީ އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީ ދީފައި އޮތް ބައެއް ނޫނެވެ. އޭރު ބެލިބެލުމުން އެނގުނު ގޮތުގައި، އެ ކުންފުންޏަކީ މިނިސްޓްރީން ހުއްދަ ބާތިލުކޮށްފައި އޮތް ބައެކެވެ. އެ ކުންފުންޏަށް ދިން ހުއްދަ ބާތިލުކޮށްފައި އޮތުމުން ވަކިން ޓުއާ އެޖެންސީއެއް ހަދައިގެން އާންމުންނަށް އޮޅުވާލައިގެން އުމްރާ އަށް ގެންދިޔައީ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ ރޯދަ މަހު، މަޝްއަރު ޓުއާސް އިން އުމްރާއަށް ގެންދިޔަ ބަޔަކު ހާލުގައި ޖެހި، އެނބުރި މާލެ އާދެވޭނެ ގޮތެއް ނެތި ސައޫދީ އަރަބިއްޔާގައި ތާށިވި އެވެ. އެއީ އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީ ދީފައި އޮތް ބައެއް ނޫނެވެ. އޭރު ބެލިބެލުމުން އެނގުނު ގޮތުގައި، އެ ކުންފުންޏަކީ މިނިސްޓްރީން ހުއްދަ ބާތިލުކޮށްފައި އޮތް ބައެކެވެ. އެ ކުންފުންޏަށް ދިން ހުއްދަ ބާތިލުކޮށްފައި އޮތުމުން ވަކިން ޓުއާ އެޖެންސީއެއް ހަދައިގެން އާންމުންނަށް އޮޅުވާލައިގެން އުމްރާ އަށް ގެންދިޔައީ އެވެ.

މަޝްއަރު ޓުއާސްގެ ހަވާލުގައި ދިޔަ މީހުން މައްކާގައި ތާށިވީ އެ މީހުންގެ ރިޓާން ޓިކެޓް ނަގަން ޓްރެވަލް އެޖެންޓަށް ދިން ފައިސާގެ ޗެކު ބައުންސް ވުމުންނެވެ. އެކަމަކު، އުމްރާ އަށް ފުރުމުގެ ކުރިން އެންމެންގެ އަތުން ހުރީ ދެކޮޅު ޓިކެޓާއި ކެއުމާއި ހުރުމުގެ ހުރިހާ ހަރަދަކަށް ވާ ފައިސާ ނަގައިފަ އެވެ.

އެންމެ ފަހުން އެކަން ވެސް ހައްލު ކުރަން ޖެހުނީ އިސްލާމިކް މިނިސްޓްރީން އެ މައްސަލަގަނޑުގެ ތެރެއަށް ވަދެގެންނެވެ.

އެ އެޖެންސީ އާއި މިނިސްޓްރީއާ ދެމެދުގައި ކުރި މުއާމަލާތްތަކަކަށް ފަހު އެންމެ ފަހުން އެ އެޖެންސީގެ ހަރަދުގައި ބައެއް މީހުންގެ ރިޓާން ޓިކެޓް ނެގި އެވެ. އެކަމަކު، ގިނަ މީހުންގެ ޓިކެޓް ނެގީ، ފަހުން ދޭނެ ކަމަށް ބުނުމުން އަމިއްލަ އަތުން ހަރަދުކޮށްގެންނެވެ. އެއީ، އެ މީހުން ރާއްޖެ އަންނަން އޮތް ތާރީހުގެ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވީ ފަހުންނެވެ. އެ މުއްދަތުގައި އެ މީހުން މައްކާގައި ތިބުމުގެ ހުރިހާ ހަރަދެއް ވެސް ހަމަޖެއްސީ އަމިއްލަ ޖީބުންނެވެ.

އެ ފަހަރު މިނިސްޓްރީން އެ އެޖެންސީގެ މައްސަލަ ފުލުހުންނަށް ހުށަހަޅައި، ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް ވެސް އެދުނެވެ.

ފުލުހުންގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މަޝްއަރު ޓުއާސް ކުންފުނީގެ މަކަރާއި ހީލަތުގެ ތިން މައްސަލައެއް ފުލުހުން ބަލަމުން އަންނަ ކަމަށެވެ. އެތަނުން އެ މައްސަލާގައި ދައުވާކުރަން ޕީޖީއަށް ފޮނުވާފައިވާ ކަމަށާއި އަދި ދެން އޮތް ދެ މައްސަލާގައި އެ ދައުވާކުރުމާ މެދު ޕީޖީއާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ކޮންމެ ފަހަރަކު މިނިސްޓްރީން މި މައްސަލައިގެ ތެރެއަށް ނުވަދެ މިކަން ހައްލުވާނެ ގޮތެއް ހަމަ ނެތީ ހެއްޔެވެ؟ ކޮންމެ ފަހަރަކު ހާލުގައި ޖެހޭ މީހުން އަނބުރާ ގެނައުމުގެ ޒިންމާ އާއި ހަރަދު ސަރުކާރުން ހަމަޖައްސައިދޭން ޖެހޭ ހެއްޔެވެ؟ އުސޫލެއް ހެދިފައި އޮތަސް ފިޔަވަޅެއް ނޭޅެނީ ހެއްޔެވެ؟

ދަތުރު ފެށިގެން ނިމެންދެން ހާލުގައި

އޭގެ ފަހުން އަހަރެއް ނުވަނީސް އަނެއްކާވެސް މި އޮތީ އުމްރާ ގްރޫޕެއް މައްސަލަ ބޮޑުވެފަ އެވެ. އަނެއްކާވެސް ރާއްޖެ ނާދެވި ބަޔަކު މައްކާގައި ތާށިވީ އެވެ. އެކަމަކު، މި ފަހަރު އެކަން ކުރީ އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ވެސް އޮތް ކުންފުންޏަކުންނެވެ.

އަލް-ހިޖްރަ ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޑެޓުގެ ހަވާލުގައި 24 މީހަކު މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އުމްރާގެ އަޅުކަމަށް ސައުދީ އަށް ގޮސް ތިބިއިރު، އެ މީހުން ރާއްޖެ އެނބުރި އަންނަން ރިޓާން ޓިކެޓް އަދިވެސް ހަމައެއް ނުޖެހެ އެވެ.

އެ ކުންފުންޏަށް އޮތީ ސެޕްޓެމްބަރު 2023 އިން ފެށިގެން މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް، އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފަ އެވެ. ރާއްޖެ އިން މީހުން އުމްރާ އަށް މީހުން ގެންދިއުމުގެ އުސޫލުގެ ދަށުން ކުންފުނިތަކަށް ހުއްދަ ދެނީ ދެ އަހަރަށެވެ.

ހައްޖާއި އުމްރާގެ ދުއާތައް ހިމެނޭ ފޮތްތަކެއްގެ ކައިރީގައި ހައްޖުވެރިންތަކެއް މަޑުކޮށްލައިގެން.-- ފައިލް ފޮޓޯ: މިހާރު

ހައްޖާއި އުމްރާގެ ދުއާތައް ހިމެނޭ ފޮތްތަކެއްގެ ކައިރީގައި ހައްޖުވެރިންތަކެއް މަޑުކޮށްލައިގެން.-- ފައިލް ފޮޓޯ: މިހާރު

އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ދެ މީހަކު ތިބެ އެވެ. އެއީ ޅ. ނައިފަރުގެ ދެމީހުން ކަމަށްވާ ފިރާގު މުހައްމަދަފުޅާއި މުސްތަފާ މުހައްމަދުފުޅެވެ. އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުންގެ ތެރޭގައި ވެސް ނައިފަރު މީހުން ވަރަށް ގިނަ އެވެ.

މި ގްރޫޕްގެ ހަވާލުގައި ދިޔަ މީހުން ރާއްޖެ އިން ފުރުމުގެ ކުރިން ވެސް މައްސަލަތަކެއް ދިމާވި އެވެ. ފުރަންޖެހޭ ދުވަސް ޖެހުނުއިރު ވެސް އެ މީހުންގެ ފުރުމުގެ ޓިކެޓު ހަމަޖައްސައި ނުދީ، އެ މީހުން ފުރުވާލީ ވަރަށް ފަހުންނެވެ. އެ މީހުންގެ ވިސާގެ މައްސަލަތަކެއް ވެސް ޖެހުނެވެ.

އަޅުގަނޑުމެން ރާއްޖެއިން ފުރުމުގެ ކަންތައް ދިޔައީ ވަރަށް ހާލުގައި. ތަޅުވަތަޅުވާފައި އަޅުގަނޑުމެން ތިން ބައިކޮށްފައި ތިން ފްލައިޓަކުން މައްކާއަށް ފޮނުވީ: އަލް-ހިޖްރަ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހެއް

އަލް-ހިޖްރަ ގްރޫޕްގެ ހަވާލުގައި އުމްރާ އަށް ދިޔަ މީހަކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އޭނާއާ އެކު، އެ ގްރޫޕްގެ ހަވާލުގައި ދިޔަ ގިނަ ބަޔަކު މައްކާގައި ތާށިވެފައި އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ތުއްތު ކުދިން ވެސް ތިބި ކަމަށް ބުންޏެވެ.

"އަޅުގަނޑުމެން ރާއްޖެ އިން ފުރުމުގެ ކަންތައް ދިޔައީ ވަރަށް ހާލުގައި. ތަޅުވަތަޅުވާފައި އަޅުގަނޑުމެން ތިން ބައިކޮށްފައި ތިން ފްލައިޓަކުން މައްކާއަށް ފޮނުވީ،" އޭނާ ބުންޏެވެ.

"މައްކާގައި އަޅުގަނޑުމެން ތިއްބާ އެއް ރޭ ދަންވަރު އަޅުގަނޑުމެން ހޮޓަލުން ވެސް ބޭރުކޮށްލި. މިހާރު މި ތިބީ އުމްރާގެ ހުރިހާ ކަމެއް ނިމި ރާއްޖެ ނުދެވިފައި. އެއްވެސް މީހަކަށް ރިޓާން ޓިކެޓެއް މި މީހުން ނުދޭ. އަދި ޓިކެޓް ނުވެސް ނަގާ."

އެނގިފައިވާ ގޮތުގައި އެއީ، އުމްރާއަށް ދާ މީހުން ބައިތިއްބަން ހުއްދަ ނެތް ނެތް ހޮޓަލެއްގައި ތިބުމުންނެވެ.

އަލް-ހިޖްރަގެ ހަވާލުގައި އުމްރާއަށް ގޮސް ހުރި މީހެއްގެ އާއިލާގެ މެމްބަރަކު އިއްޔެ "މިހާރު"އަށް ބުނި ގޮތުގައި، އެމީހުން ރާއްޖެ އަންނަ ގޮތަށް އެންމެ ފުރަތަމަ ހަމަޖެހިފައި އޮތީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެކަމަކު، މިހާތަނަށް ވެސް އެމީހުންނަށް ރިޓާން ޓިކެޓް ނުދެ އެވެ.

މި މައްސަލާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައި ވަނީ އަލް-ހިޖްރަގެ ހަވާލުގައި އުމްރާއަށް ދިޔަ ބަޔަކަށް ދިމާވެފައިވާ ހާލަތު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މީހުން އެނބުރި ރާއްޖެ ގެނައުމަށް ކޮށްދެވެން އޮތް ކަމެއް މިނިސްޓްރީން ކުރާނެ ކަމަށެވެ.

"މައްކާގައި މިވަގުތުގައި އޮތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެދުވެރިކޮށް، ހާލުގައި ޖެހުނު އުމްރާވެރިންނަށް އެހީވުމަށް މިދަނީ މަސައްކަތް ކުރަމުން. އަޅުގަނޑު ވާނީ ހައްޖު ކޯޕަރޭޝަންގެ އެމްޑީއަށް އިރުޝާދު ދީފައި،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި، އެ މީހުންގެ ކަންކަން މިހާރު ބަލަހައްޓަމުން އަންނަނީ ހައްޖު ކޯޕަރޭޝަނުންނެވެ. އަދި އެ މީހުން މާދަމާ ފުރުވާލުމުގެ އިންތިޒާމު ހަމަޖެއްސޭތޯ އަންނަނީ މަސައްކަތްކުރަމުންނެވެ.

އަލް-ހިޖްރަ ކުންފުނިން ރޭ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އުމްރާވެރިންގެ އަޅުކަން ނިމިފައިވީ ނަމަވެސް، ކުންފުންޏަށް ދިމާވެފައިވާ މާލީ ދަތިތަކާ ހުރެ އުމްރާވެރިން ރާއްޖެ ގެންނަން ދަތިވެފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ކުރިމަގެއް ނުލިބިފައިވާ ކަމަށް ބުންޏެވެ.

މިއީ، މިދިޔަ ރޯދަ މަހު މީހުން އުމްރާއަށް ދިވެހިން ގެންގޮސް ހާލުގައި ޖެއްސުވި މަޝްއަރު ޓުއާސްގެ ބަސްމަގު ވެސް ހަމަ އޭރު ހުރި ގޮތެވެ.

އުސޫލުގައި ބުނަނީ ކީކޭ؟

ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމުގެ އުސޫލު ބުނާ ގޮތުގައި، އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދެނީ ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކުގެ މަގުސަދުތަކުގެ ތެރޭގައި އުމްރާއަށް މީހުން ގެންދިޔުމުގެ ހިދުމަތްދިނުން ހިމެނިފައިވާ 100 ޕަސެންޓް ދިވެހީންގެ ހިއްސާ އޮންނަ ކުންފުނިތަކަށެވެ. އަދި، ހުއްދައަށް އެދޭ ކުންފުނީގެ ޑިރެކްޓަރުންނަކީ ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒުކުރަމުންދާ އަދި ހިޔާނާތުގެ މައްސަލައެއް ތުހުމަތުވާ ބަޔަކަށް ވެސް ވެގެން ނުވާނެ އެވެ.

އުމްރާއަށް ގެންދިޔުމަށް ފައިސާ ޖަމާކުރުމަށް ވަކި ހާއްސަ ބޭންކް އެކައުންޓެއް ވެސް ހުއްދަ ލިބޭ ކުންފުނިތަކުން ހުޅުވަން ޖެހޭ ކަމަށް އެ އުސޫލުގައިވެ އެވެ. އުމްރާއަށް ދާ މީހުން ދައްކާ ފައިސާ ނޫން އިތުރު އެއްވެސް ފައިސާއެއް އެ އެކައުންޓަށް ޖަމާކޮށްގެން ނުވާނެ ކަމަށާއި އުމްރާވެރިޔާ އާއި ކުންފުންޏާ ދެމެދު ހިންގާ ފައިސާގެ މުއާމަލާތްތައް ހިންގަން ވާނީ ވެސް އެ އެކައުންޓު މެދުވެރިކޮށް ކަމަށް ބުނެފައިވެ އެވެ.

އެ އުސޫލުގައި ބަޔާންކޮށްފައިވާ އިތުރު މުހިންމު ކަންކަމުގެ ތެރޭގައި ހިމެނެނީ؛

• އުމްރާއަށް ދާ މީހުންނަށް ކުންފުނީގެ ފަރާތުން ވައިގެމަގުން ދެކޮޅު ޓިކެޓް ހަމަޖައްސައިދިނުން.

• އުމްރާއަށް ގޮސްތިބޭ ދުވަސްވަރު އެ ކުންފުންޏެއްގެ އުމްރާ ޕެކޭޖުގައިވާ ގޮތުގެ މަތީން ހުރުމާއި ކެއިންބުއިމާއި އެއްގަމުގެ ދަތުރުތައް ހަމަޖައްސައިދިނުން.

• މަހުރަމުން ފިޔަވައި ކޮޓަރިތަކުގައި ދެ ޖިންސު ވަކިން ބޭތިއްބުން.

• އުމްރާގެ އަޅުކަން ފުރިހަމައަށް އަދާކުރުމަށް ފަސޭހައިން މަގުފަހިވާނެ ގޮތަށް އެންމެހާ އިންތިޒާމުތައް ހަމަޖައްސައިދިނުން.

• އުމްރާއަށް ފުރާ ދުވަހުން ފެށިގެން އެނބުރި ރާއްޖެއަށް އައުމާ ހަމައަށް އުމްރާވެރީން ދަތުރުކުރާ ހުރިހާ ދަތުރުތަކެއްގައި އެމީހުންނާ އެކު ކުންފުނީގެ ޒިންމާ އުފުލޭނެ މީހަކު ބައިވެރިވުން.

ހައްޖާއި އުމްރާގެ ދުއާތައް ހިމެނޭ ފޮތަކާއި ޕާސްޕޯޓާއި ބޯޑިން ޕާސް ހައްޖަށް ދިޔަ މީހެއްގެ އަތުގައި.-- ފައިލް ފޮޓޯ: މިހާރު

ހައްޖާއި އުމްރާގެ ދުއާތައް ހިމެނޭ ފޮތަކާއި ޕާސްޕޯޓާއި ބޯޑިން ޕާސް ހައްޖަށް ދިޔަ މީހެއްގެ އަތުގައި.-- ފައިލް ފޮޓޯ: މިހާރު

އެ އުސޫލުގައި ބުނެފައިވާ ގޮތުގައި، އުމްރާއަށް ފުރުމުގެ ފަސް ދުވަސް ކުރިން، ފުރާ މީހުންގެ ނަމާއި އެޑްރެހާއި އައިޑީ ކާޑުގެ ނަންބަރާއި ޕާސްޕޯޓް ނަންބަރާއި ފޮޓޯ ހިމެނޭ ތަފުސީލީ ލިސްޓެއް އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅަން ޖެހެ އެވެ. އަދި އުމްރާއަށް ފުރުމުގެ ފަސް ދުވަސް ކުރިން، އުމްރާއަށް ދާ މީހުންގެ ޓިކެޓާއި މައްކާ އާއި މަދީނާގެ ހުރުމާއި ކެއުން ހަމަޖެހިފައިވާ ކަމުގެ ލިޔުމެއް ވެސް މިނިސްޓްރީއަށް ހުށަހަޅަން ޖެހެ އެވެ.

މިނިސްޓްރީން ކަނޑައަޅާފައިވާ މި އުސޫލާ ހިލާފު ވެއްޖެ ނަމަ، މިނިސްޓްރީ އާއި ހުއްދަ ދީފައިވާ ކުންފުންޏާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ޖޫރިމަނާކޮށް އިތުރު ފިޔަވަޅުތައް އެޅޭނެ ކަމަށް ބުނެފައިވެ އެވެ.

އެ އެއްބަސްވުމުގައި އޮންނަ ގޮތުން، އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ އިދާރީ އެއްވެސް ކަމެއް ފުރިހަމަ ނުކޮށްފިނަމަ، 1،000ރ. އާއި 5،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އުސޫލުގައި ކަނޑައަޅާފައިވާ ކަންކަމާ ހިލާފުވެއްޖެ ނަމަ، 5،000ރ. އާއި 30،000ރ. އާ ދެމެދުގެ އަދަދު ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެއްވެސް އުމްރާވެރިޔަކަށް ކުންފުނީގެ އިހުމާލުން އުމްރާގެ އަޅުކަން އަދާނުކުރެވިއްޖެ ނަމަ ނުވަތަ އުމްރާވެރީންގެ އަތުން ނަގާ ފައިސާއަށް ހިޔާނާތްތެރި ވެއްޖެ ނަމަ، 30،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

އުސޫލާ ހިލާފުވެއްޖެ ނަމަ ކުންފުނީގެ ބޯޑުގައި ތިބޭ މީހުންނަށް ތިން އަހަރުގެ މުއްދަތަށް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދެވޭނެ ކަމަށް ވެސް އޮވެ އެވެ.

އަލް-ހިޖްރައަށް މިއަދު ފިޔަވަޅު އަޅުއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، މި މައްސަލަތައް ހައްލު ނުވެ، ކޮންމެ ފަހަރަކު ވެސް ހުރިހާ ކަމަކާ ހަވާލުވާން ޖެހެނީ ސަރުކާރުންނެވެ. ހާލުގައި ޖައްސާ މީހުންގެ އަތުން އެ ފައިސާ ހޯދޭނެ ގޮތެއް ވެސް ނެތެވެ. ހުރިހާ މޮޅެއް އެ މީހުންނަށެވެ.