Roadha Mihaaru
ގަތަރު އެއާވޭސްއާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރަނީ

ގަތަރު އެއާވޭސްއާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރަނީ

05 އޯގަސްޓް 2021

އެއާލައިން އިންޑަސްޓްރީގައި އެންމެ ކުރިއަރާފައިވާ "ގަތަރު އެއާވޭސް"އާ ގުޅިގެން މެދުއިރު މައްޗާއި އެމެރިކާގެ މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީރްސީން ކެމްޕެއިނެއް ފަށައިފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

އެއާލައިން އިންޑަސްޓްރީގައި އެންމެ ކުރިއަރާފައިވާ "ގަތަރު އެއާވޭސް"އާ ގުޅިގެން މެދުއިރު މައްޗާއި އެމެރިކާގެ މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީރްސީން ކެމްޕެއިނެއް ފަށައިފި އެވެ.

ޖުލައި މަހުން ފެށިގެން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކެމްޕެއިނުގައި ރާއްޖޭގެ ރީތި ނަން ދަމަހައްޓައި ޓޫރިސްޓުންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް ޑިޖިޓަލް އަދި އޮފްލައިން ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ.

ގަތަރުގެ ގައުމީ އެއާލައިން އަކީ ދުނިޔޭގެ ހަ ބައްރަށާއި 130 އަށް ވުރެ ގިނަ މަންޒިލަށް ދަތުރު ކުރަމުންދާ އޭވިއޭޝަން ދާއިރާގައި އެންމެ މަގުބޫލުކަން ހޯދާފައިވާ އެއާލައިނެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު، މިދިޔަ އަހަރު ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާ އެކު، އެންމެ ފުރަތަމަ ރާއްޖެ އަށް ދަތުރު ކުރަން ފެށި އެއާލައިނަކީ ވެސް ގަތަރު އެއާލައިނެވެ. އަދި ރާއްޖެ އަށް ކުރާ ދަތުރުތަކުގެ އަދަދު ވެސް ވަނީ މި އަހަރުގެ ޖުލައި މަހު އިތުރު ކޮށްފަ އެވެ.

ރާއްޖެ އަކީ ގުދުރަތީ ގޮތުން ވަކި ރަށްތަކެއް ގޮތުގައި އުފެދިފައިވާ ގުދުރަތީ ރީތިކަމެއް ލިބިފައިވާ ޖަޒީރާ މަންޒިލެއް ގޮތުގައި ގަތަރު އެއާވޭސްގެ ވެބް ސައިޓުން އިޝްތިހާރު ވެސް ކުރާނެ އެވެ.

މީގެ އިތުރުން ގަތަރު އެއާވޭސްގެ ޑޭޓާބޭސް އަށް ފޮނުވާ ނިއުސްލެޓާގެ ޒަރިއްޔާއިން ރާއްޖެއަކީ ޓޫރިސްޓުންނަށް އެންމެ މަގުބޫލު އަދި އެންމެ ރައްކާތެރި އެއް ޓޫރިސްޓް މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރާނެ އެވެ.