Roadha Mihaaru
ގަތަރު އެއާވޭސް އިން ޓީޗަރުންނަށް ހިލޭ ޓިކެޓު ދެނީ

ގަތަރު އެއާވޭސް އިން ޓީޗަރުންނަށް 21،000 ޓިކެޓު ހިލޭ ދެނީ

05 އޮކްޓޯބަރ 2020

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ޓީޗަރުން ކުރަމުން އަންނަ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމަށް ގަތަރު އެއާވޭސް އިން 21،000 ޓިކެޓު ޓީޗަރުންނަށް ހިލޭ ދޫކުރަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ޓީޗަރުން ކުރަމުން އަންނަ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމަށް ގަތަރު އެއާވޭސް އިން 21،000 ޓިކެޓު ޓީޗަރުންނަށް ހިލޭ ދޫކުރަން ނިންމައިފި އެވެ.

ޓީޗަރުންގެ ދުވަހާ ގުޅިގެން ދޫކުރާ މި ޓިކެޓު ބޭނުންވާ ޓީޗަރުންނަށް މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ގަތަރުގެ ވެބްސައިޓު qatarairways.com/ThankYouTeqchers މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ. މި ޓިކެޓުތައް ލިބޭނީ އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރާ 21،000 ޓީޗަރުންނަށެވެ.

ގަތަރު އެއާވޭސް އިން މި ޕްރޮމޯޝަން ކުރިއަށްގެންދަނީ އެ އެއާލައިނުން ދަތުރުކުރާ 75 ގައުމުގެ ޓީޗަރުންނަށް އަމާޒުކޮށްގެންނެވެ. އެހެންކަމުން ރާއްޖޭގެ ޓީޗަރުންނަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

ޓިކެޓު ހޯދުމަށް ރަޖިސްޓްރީކުރާ ޓީޗަރުންނަށް އެ އެއާލައިނުން ދަތުރުކުރާ 90 މަންޒިލުގެ ތެރެއިން ކޮންމެވެސް އެއް މަންޒިލަކަށް ދެކޮޅު ޓިކެޓު ލިބޭނެ އެވެ. މި ޓިކެޓުގެ މުއްދަތު އޮންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. އެހެންވެ އޭގެ ކުރިން ބޭނުން ތާރީހެއްގައި މި ޓިކެޓު ބޭނުން ކޮށްގެން ދަތުރު ކުރެވޭނެ އެވެ.

މީގެ އިތުރުން، ރަޖިސްޓްރީ ކުރާ ޓީޗަރުންނަށް އިތުރު ޓިކެޓަކުން 50 ޕަސެންޓުގެ ޑިސްކައުންޓް ވައުޗަރެއް ވެސް ލިބޭނެ އެވެ.

ގަތަރު އެއާވޭސް ގްރޫޕުގެ ޗީފް އެގްޒެކެޓިވް އަކްބަރު ވިދާޅުވީ މި ދުވަސްވަރު ކުދިންނަށް އުގަންނައި ދޭން ޓީޗަރުން ކުރަމުން އަންނަ މަސައްކަތަކީ އަގު ނުކުރެވޭނެ މަސައްކަތެއް ކަމަށެވެ. އެހެންކަމުން އެ އެއާލައިނުން ތައުލީމީ ދާއިރާއަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.