Roadha Mihaaru
އެންމެ ގިނަ ބަޔަކު ފޮލޯކުރާ އެއާލައިނަކީ ގަތަރު

ފޭސްބުކްގައި އެންމެ ގިނަ ބަޔަކު ފޮލޯކުރާ އެއާލައިނަކީ ގަތަރު އެއާވެސް

23 އޮކްޓޯބަރ 2020

ވިހި މިލިއަން ފޮލޯވަރުންނާ އެކު ފޭސްބުކްގައި އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ އެއާލައިނަކަށް ގަތަރު އެއާވޭސް ވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ވިހި މިލިއަން ފޮލޯވަރުންނާ އެކު ފޭސްބުކްގައި އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ އެއާލައިނަކަށް ގަތަރު އެއާވޭސް ވެއްޖެ އެވެ.

ގަތަރު އެއާވޭސް އިން ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި އެ އެއާލައިންގެ ޕޭޖުތައް ހުޅުވީ 2012ވަނަ އަހަރު އެވެ. މިހާތަނަށް ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމުތަކެއް އެއްކޮށްގެން 26 މިލިއަން ފޮލޯވަރުން އެ އެއާލައިނުން ވަނީ ހޯދައިފަ އެވެ.

އެ އެއާލައިނުގެ މާކެޓިން އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަންސްގެ ނައިބު ރައީސް ސަލަމް އަލް ޝަވާ ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން އެ އެއާލައިނުގެ ދަތުރުތައް މެދުކަނޑާލައިފައި އޮތުމަށްފަހު އަލުން ދަތުރުތައް ފެށުމުން ތިން މަހުގެ ތެރޭގައި ހަތަރު މިލިއަން މީހުން ފޮލޯ ކުރި ކަމަށެވެ. އެހެންކަމުން މިއިން އެނގެނީ ގިނަ ބަޔަކު އެ އެއާލައިނަށް ކުރާ އިތުބާރު ކަމަށް އޭނާ ވިދާޅުވި އެވެ.

ސަލަމް ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެ އެއާލައިނުގެ ފޭސްބުކް ފޮލޯވަރުންގެ އަދަދު 30 މިލިއަނަށް އަރާނެ އެވެ.

ގަތަރު އެއާވޭސް އިން ވަނީ އެ އެއާލައިނުގެ މަގުބޫލުކަން އިތުރު ކުރުމުގެ ގޮތުން މިއަހަރު ތެރޭގައި ތަފާތު އެކި ކެމްޕޭނުތައް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ހާއްސަކޮށްގެން 100،000 ޓިކެޓް ހިލޭ ދޫކުރުމާއި އޭ350-1000 ޑެލިވަރީ ކެމްޕޭނު ހިމެނެ އެވެ.

ގަތަރު އެއާވޭސް އަކީ ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުގެ ދަތުރު ފަތުރުތައް މެދުކަނޑާލައިފައި އޮތުމަށްފަހު އަލުން ދަތުރުތައް ފެށިއިރު އެންމެ ގިނަ މަންޒިލްތަކަށް ދަތުރު ފެށި އެއާލައިންވެސް މެއެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލުމާ އެކު އެންމެ ފުރަތަމަ ދަތުރުތައް ވެސް ފެށީ އެ އެއާލައިނުންނެވެ.