Roadha Mihaaru
ޕޮލެންޑުން ރާއްޖެ އަށް ދަތުރުތައް ފަށައިފި

ޕޮލެންޑުން ރާއްޖެ އަށް ދަތުރުތައް ފަށައިފި

20 ޖޫން 2019

ޕޮލެންޑާއި ރާއްޖެއާ ދެމެދު ބަޖެޓް އެއާލައިން، ބްލޫ ޕެނޮރާމާގެ ސީދާ ދަތުރުތައް ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޕޮލެންޑާއި ރާއްޖެއާ ދެމެދު ބަޖެޓް އެއާލައިން، ބްލޫ ޕެނޮރާމާގެ ސީދާ ދަތުރުތައް ފަށައިފި އެވެ.

ބްލޫ ޕެނޮރާމާގެ އެންމެ ފުރަތަމަ ފްލައިޓް ރާއްޖެ އަށް އައިސްފައިވަނީ މިއަދު ހެނދުނު 10:45 ހާއިރު އެވެ. މި ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ފެނުގެ ސެލިއުޓެއް އަރުވާފަ އެވެ.

މިއަދު އައި މި ފްލައިޓުން ޕޮލެންޑުގެ 246 ފަސިންޖަރުން ރާއްޖެ އައެވެ. މިއީ ރާއްޖެ އަށް ޕޮލެންޑުން އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް ފެށި ދަތުރުތަކެއް ކަމަށް އެ އެއާލައިނުގެ ރާއްޖޭގެ އޮޕަރޭޓަރު ސަން އޯޝަނުން ބުނެ އެވެ.

ސަން އޯޝަނުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ މި ދަތުރުތައް ރާއްޖެ އަށް ފެށުނީ އިޓާކާ ޕޮލެންޑާއި ޕެނަރާމާގެ އެހީއާ އެކު ކަމަށެވެ.

އެމްއޭސީއެލްގެ އެކްޓިން އެމްޑީ މޫސާ ސާލިހު ނޫސްވެރިންނަށް މައުލޫމާތުު ދެއްވަނީ- ފޮޓޯ:ހުސައިން ވަހީދު/ މިހާރު

އެމްއޭސީއެލްގެ އެކްޓިން އެމްޑީ މޫސާ ސާލިހު ނޫސްވެރިންނަށް މައުލޫމާތުު ދެއްވަނީ- ފޮޓޯ:ހުސައިން ވަހީދު/ މިހާރު

މި ދަތުރުތަކާ ގުޅެގޮތުން އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ ޕޮލެންޑުގެ ޑައިރެކްޓު ފްލައިޓުތައް ރާއްޖެ އަށް ފެށުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ފައިދާތަކެއް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިި އެވެ.

"މިފަދަ ދަތުރުތައް ފެށުމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއް. އަދި އަޅުގަނޑުމެންނަށް ލިބޭ ކުރިއެރުމަކީ އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ޓޫރިޒަމް ސެކްޓާ އަށް ލިބޭ ކުރިއެރުމެއް. އެގޮތުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވެސް މި ދަތުރުތަކުުގެ ސަބަބުން ބަދަހިވޭ،" މޫސާ ސޯލިހު ވިދާޅުވި އެވެ.

ބްލޫ ޕެނޮރާމާގެ ކްރޫ-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ބްލޫ ޕެނޮރާމާގެ ކްރޫ-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު ވިދާޅުވީ އެކި ގައުމުތަކާ އެކު މިފަދަ ދަތުރުތައް ފެށުމަކީ ޓޫރިޒަމް ދާއިރާ އަށް ފައިދާވާ ސަބަބެއް ކަމަށެެވެ. އެގޮތުން މިފަދަ ދަތުރުތައް ފެށުމުން ރާއްޖޭގައި ކޮމްޕެޓިޓަރުން ގިނަވެ ޓޫރިޒަމް އިންޑަސްޓްރީގެ އާމްދަނީ އިތުރުވާނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"މިފަދަ ކޮންމެ ޗާޓާޑް ދަތުރުތަކަކީ އަޅުގަނޑުމެންގެ ޓޫރިޒަމް ދާއިރާ އަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ ކަމެއް. މިފަދަ ދަތުރުތައް ގިނަވުމުން މި އިންޑަސްޓްރީގައި ވާދަވެރިކަން ބޮޑުވެ ރާއްޖެ އަށް ލިބޭ އާމްދަނީ ވެސް އިތުރުވާނެ." ތައްޔިބު ވިދާޅުވި އެވެ.

ޕޮލެންޑުން މި އަހަރުގެ މިހާތަނަށް 6،431 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. އެ ގައުމަކީ ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމަށް ރަނގަޅު މާކެޓެއް ކަަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.